މިއަދު ކުރިއަށް ދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބު ހޯއްދެވި ނަމަވެސް މި އިންތިހާބުން ސަރުކާރަށް ލިބުނު މޮޅެއް ނެތް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
މިއަދުގެ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓްގެ މައްޗަށް އެމްޑީޕީގެ ކެންޑިޑޭޓް ވަނީ ކުރި ހޯއްދަވާފައެވެ.
ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ މިއަދުގެ އިންތިހާބުން މޮޅުވީ ޕީޕީއެމް ކަމަށެވެ. 300 މިލިއަން ރުފިޔާގެ މަޝްރޫއު ފައްޓަވާ، އެތައް ބަޔަކަށް ވަޒީފާގެ ބިރު ދައްކާ އަދި ކޯލިޝަން ލީޑަރުންނަށް ދައުލަތުން އެތައް މަންފާއެއް ދީގެން އަދި ދެ ދައުލަތަކާ ވާދަކޮށް އެމްޑީޕީއަށް ބޮޑު ކާމިޔާބެއް ނުލިބުމަކީ ޕީޕީއެެމަށް ލިބުނު ކާމިޔާބެއް ކަމަށެވެ.
"މި ނަތީޖާއަކުން އެމްޑީޕީ މޮޅެއް ނުވޭ އިނގޭތޯ. މި ނަތީޖާއިން އެމްޑީޕީ ވަނީ ބައްޔެއް އިނގޭތޯ. ޕީޕީއެެމް މި އައީ ކާމިޔާބާއެކު. ދެ ދައުލަތަކާއި ދެކޮޅަށް ކުރިމަތިލާ ރައީސް ޔާމީން އާއި ޕީޕީއެމް މި ހޯދީ ކާމިޔާބެކޭ އިނގޭތޯ،" ޝުޖާއު ވިދާޅުވިއެވެ.
މިއަދުގެ އިންތިހާބާ ގުޅޭގޮތުން ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި ދައުލަތާއި ކޯލިޝަން އެކުގައި ނިކުމެ ހުރިހާ ނުފޫޒެއް ފޯރުވުމުންވެސް ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ވޯޓްގެ މެޖޯރިޓީ އޮތީ ބޮޑުތަނުން ގެއްލި ހަނިވެފައި ކަމަށެވެ.
"..އެހެންވީމަ 2023 ޕީޕީއެމުން ކާމިޔާބު ކުރާނެ ކަން ޔަގީން. އިންޝާﷲ، ޕީޕީއެމްގެ މަސައްކަތަށް ތައުރީފު ހައްގު،" ޖަމީލް ވިދާޅުވިއެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަކީ ސަރުކާރުގެ ނުފޫޒާއި ވަޒީފާގެ ބިރު އިންތިހާއަށް ބޮޑު އިންތިހާބެއް ކަމަށެވެ. އަދި 2019 ގެ މަޖިލީސް އިންތިހާބަށް ވުރެ ގިނަ ވޯޓް ޕީޕީއެމް އަށް ލިބުނު ކަމަށްވެސް ވިދާޅުވިއެވެ.
"މިއީ ކުރިއެރުމެއް. ޕާޓީގެ ސަޕޯޓަރުންގެ ހިތްވަރަށް ސާބަސް ދެން. ސަރުކާރަށް ތިޔަ ޖެހުނީ އަދަގޮނޑިއެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ.
މިއަދުގެ އިންތިހާބަށް ކެންޑިޑޭޓުން ނެރެފައި ވަނީ އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީ އިންނެވެ. އެއީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީހެވެ. މި އިންތިހާބަށް ޖުމްލަ ހަތް ވޯޓް ފޮށި ބަހައްޓާފައިވެއެވެ.
އެންމެ ވޯޓް ފޮއްޓަކުން ނޫނީ ހުރިހާ ވޯޓް ފޮއްޓަކުން ކުރި ހޯއްދަވާފައިވަނީ ރާޝިދެވެ.