ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިފި ކަމަށް ބުނެ އެމެރިކާގެ މަޝްހޫރު ޚަބަރު ޗެނަލް، ބްލޫމްބާގުން ދޮގެއް ހަދައިފި އެވެ. އަދި ފަހުން ރަޝިއާ ކިބައިން މާފަށް ވަނީ އެދިފަ އެވެ.
އެމެރިކާ އާއީ އިނގިރޭސިވިލާތުން ނޭޓޯ ލައްވައި ގޯހެއް ހައްދަން މަސައްކަތް ކުރަމުން ގެންދާ ނުރައްކާތެރި ދަނޑިވަޅެއްގައި، ބްލޫމްބާގް ކަހަލަ މަގުބޫލް ޚަބަރު ފަތުރާ ވަސީލަތަކުން ގޮދު ޚަބަރެއް ފެތުރުމަކީ ކިހާ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއްކަން އެމީހުންނަށް ނޭނގެ އެވެ. ޗެނަލުން ބުނީ އޮޅިގެން ކުރެވުނު ކުށެއް ކަމަށެވެ.
އޮންލައި ބްލޫމްބާގް ހޯމް ޕޭޖްގައި ޚަބަރުގެ ސުރުޚީއަކަށް އޮތީ -- "ލައިވް: ރަޝިއާ އިންވޭޑްސް ޔުކްރޭން" އެވެ. ޓްވީޓަރުގައި މި ޚަބަރުގެ ސްކްރީން ޝޮޓެއް ހިއްސާކުރަމުން ބުނެފައިވާ ގޮތުގައި، ބްލޫމްބާގް އެޑިޓަރުންނަށް މިޚަބަރު ފެނުނު ކަމަށް ވަނީ ބައިގަޑިއިރު ފަހުން ކަމަށެވެ.
ބްލޫމްބާގުން މާފަށް އެދި ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން އެއީ އެމީހުންނަށް އޮޅިގެން ކުރެވުނު ކަމެކެވެ. މެނޭޖްމަންޓުން އަދި ބުނީ ދުނިޔޭ މަސްލަހަތަށް ބަލައި، ހާލަތު ސިފަ ކުރަން ހަދާ ޚަބަރުތަކާއި ސުރުޚީތައް ކުރިއާލައި ލިޔެފައި ހުންނަ ކަމަށާއި އެޑިޓޯރިއަލް ބޯޑުން އެގޮތަށް ލިޔާ ކޮންމެ ކޮންމެ ލިޔުމެއް ވެބްސައިޓަށް ނާރުވާ ކަމަށެވެ.
ބަޔާނުގައި ވަރަށް ބޮޑަށް މާފަށް އެދިފައިވެ އެވެ. އަދި ބުނީ އެފަދަ ސުރުހީއެއް ނުރައްކާ ދަނޑިވަޅެއްގައި ވެބްސައިޓަށް އަރަން މެދުވެރިވި ސަބަބު ބަލާނެ ކަމަށާއި އެކަށީގެންވާ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ޒަމާނީ ވެބްސައިޓްތައް ޑިޒައިން ކޮށްފައި ހުންނަނީ ވަރަށް ބޮޑަށް އޮޓަމެޓިކް ކުރެވޭ ގޮތަށެވެ. އެޑިޓޯރިއަލް ބޯޑުން ޚަބަރުތައް އަޅާކިޔުމަށް ފަހު 24 ގަޑިއިރަށް ބަހާލައި އޮޓަމެޓިކް ތާވަލެއްގައި ލިޔުންތައް އަތުރާލުމުން އިތުރު މީހެއްގެ އެހީތެރިކަމެއް ނެތި ލިޔުންތައް ވެބްސައިޓްގައި އަމިއްލައަށް ޝާއިއު ކުރެވެ އެވެ.
އެހެން ނަމަވެސް، ލިޔުންތައް / އާޓިކަލްތައް އޮޓަމެޓިކް ވަނީ އެޑިޓަރަކު އެ އާޓިކަލެއް ތާވަލަށްލައި ގަޑި ކަނޑައަޅާ ހިސާބުންނެވެ.
ރަޝިއާ އާއި ޔުކްރޭންގެ ހާލަތު މިހާރު އޮތް ގޮތުން ހަނގުރާމެއް ފެށުމަކީ ވަރަށް ގާތް ކަމެއް ކަމަށް ނޫސްތަކަށް ހީވަނީ އެވެ. އެހެންވެ، ޚަބަރުތައް އަވަހަށް ގެނެސްދިނުމަށް ޓަކައި އެމީހުންނާ ހީވާ ސުރުޚީތައް ފައްކާކޮށް އޮންލައި ބޭންކަށް ޖަމާކޮށްފައި ބަހައްޓަނީ އެވެ.
ބްލޫމްބާގަށް ވެސް އެ އުޅެނީ އެޒާތުގެ ކަމެއް ކުރެވިގެންނެވެ. އެހެން ނަމަވެސް، އިންސާނެއްގެ އިޝާރާތަކާ ނުލައި ފެށުނީއްސުރެ ނިމެންދެން ޚަބަރެއް ލިޔެވި، ކުށްފިލުވައި ވެބްސައިޓެއްގައި ޝާއިއު ކުރެވޭ ޓެކްނޮލޮޖީއެއް އެއްވެސް ބަޔަކު ބޭނުންހިފާކަމެއް ނޭނގެ އެވެ.