އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ނިކުންނެވީ އިމްރާންގެ އެކުވެރި ވިޔަފާރިވެރިޔަކަށް ރަށެއް ދޭން ސަރުކާރުން ނިންމުމުން ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާ އަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބް ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އަދާލަތު ޕާޓީ ކުރިން އޮތީ އިންތިހާބުގެ ކެމްޕޭންގައި ބައިވެރި ނުވާ ގޮތަށް ކަމަށެވެ.
"އަދާލަތުގެ އިލްމުވެރިޔާ ޒައިދާއި ޑރ. އިޔާޒުމެން ފަދަ އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުގެ ބޭފުޅުން ދިޔައީ މިއިންތިހާބަށް ނުނިކުންނަށް ގޮވާލަމުން،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަދާލަތު ޕާޓީގެ ނިންމުން ބަދަލުވީ މިނިސްޓަރު އިމްރާނާއި އަދާލަތު ޕާޓީ އަށް ނިސްބަތްވާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ގާތް ރަހްމަތްތެރި އަރަބި ވިޔަފާރިވެރިޔަކަށް ރިސޯޓެއް ހެދުމަށް ރަށެއް ދިނުމަށް ރައީސް އޮފީހުން ނިންމުމުން ކަމަށެވެ.
މިނިސްޓަރު އިމްރާނަށް ޝުޖާއު ތުހުމަތެއް ކުރެއްވި ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވެސް ވަނީ ޝުޖާއު ކުރެއްވި ތުހުމަތު ތަކުރާރު ކުރައްވާފަ އެވެ. އިމްރާން އެ ކުރައްވާ ކަމެއްގެ ސަބަބުން ހުރިހާ ގެއްލުމެއް ވެގެންދާނީ ގައުމަށް ކަމުގައިވެސް ސައީދު ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުން މިނިސްޓަރު އިމްރާނަށް ކުރި ތުހުމަތާ ގުޅިގެން އިމްރާންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭންގައި އަދާލަތު ޕާޓީގެ ލީޑަޝިޕްގައި ހިމެނޭ މަދު ބޭފުޅަކު ބައިވެރިވެވަޑައިގަތީ ކެމްޕޭންގެ އެންމެ ފަހު ހައެއްކަ ދުވަހު އެވެ.