ޣައްސާން މައުމޫން

ނަތީޖާއިން އަޒުމް ގުޑުވައެއް ނުލެވޭނެ: ޣައްސާން

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާއިން އަޒުމް ގުޑުވާ ނުލެވޭނެ ކަމަށާ މަސައްކަތް ކުރާނީ އިތުރު ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

މިވަގުތު ކޮމަންޑޫގައި ހުންނެވި ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަޑުމޮޅު ވަގުތު ރައީސް ޔާމީންގެ ފަހަތްޕުޅުގައި މުޅި ޕީޕީއެމްގެ ލަޝްކަރު ސާބިތުވެ އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ މަސައްކަތް ކުރާނީ އިތުރު ކަމަށެވެ.

އަޒުމު ގުޑުވާ ނުލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައީސް ޔާމީނާއެކު 2023 ގެ ރިޔާސީ އިންތިހާބު ޕީޕީއެމުން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ކެންޑިޑޭޓުން ނެރެފައި ވަނީ އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީ އިންނެވެ. އެއީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީހެވެ. މި އިންތިހާބަށް ޖުމްލަ ހަތް ވޯޓް ފޮށި ބަހައްޓާފައިވެއެވެ.

އެންމެ ވޯޓް ފޮއްޓަކުން ނޫނީ ހުރިހާ ވޯޓް ފޮއްޓަކުން ކުރި ހޯއްދަވާފައިވަނީ ރާޝިދެވެ.

މި އިންތިހާބުގައި ރާޝިދަށް ލިބިވަޑައިގަތީ 1،401 ވޯޓެވެ. ފަތުހީއަށް 1،161 ވޯޓެވެ. ހަންނާން އަށް 323 ވޯޓް ލިބިވަޑައިގަތެވެ.

ވޯޓްލީ މީހުންގެ ޖުމްލަ އަދަދަކީ 2،932 އެވެ. ސައްހަ ވޯޓްގެ އަދަދަކީ 2،885 ވޯޓެވެ. 47 ވޯޓް ބާތިލު ވޯޓްގެ ގޮތުގައި ގުނާފައިވެއެވެ.

މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 3،309 މީހަކަށް ލިބިފައިވާއިރު ވޯޓްލާފައިވަނީ 88.61 ޕަސެންޓް މީހުންނެވެ.