އަލީ ވަހީދު

މި ސަރުކާރުގެ ކަންތައް ނިމިއްޖެ: އަލީ ވަހީދު

އިއްޔެ އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ސަރުކާރަށް 51 ޕަސެންޓް ވޯޓް ވެސް ލިބިފައި ނުވާ ކަމީ މި ސަރުކާރުގެ ކަންތައް ނިމިފައިވާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވެ ރައީސް ސޯލިހްގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

ބޭސްފަރުވާ އަކަށް ކަމަށް ވިދާޅުވެ ރާއްޖެއިން ބޭރަށް ވަޑައިގެން އިނގިރޭސިވިލާތުގައި ހުންނެވި އަލީ ވަހީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަކީ ރާއްޖޭގެ ތާރީޚުގައި ބޭއްވުނު އެންމެ ނާއިންސާފު އިންތިހާބު ކަމަށެވެ. އަދި މި އިންތިހާބަކީ ސަރުކާރެއްގެ ހަތަރެސްފައިން ހުތުރުކޮށްލި އިންތިހާބެއް ކަމަށެވެ.

އިންތިހާބާ ދިމާކޮށް ނުރަނގަޅު އެތައް ނުފޫޒެއް ފޯރުވި ކަމަށްވެސް ވިދާޅުވި އެވެ. މި ހާލަތުގައި ސަރުކާރަށް 51 ޕަސެންޓް ވޯޓް ހޯދުމުގެ ފުރުސަތު ނުލިބުނީ އިިދިކޮޅު ކޯލިޝަންގެ ހިތްވަރު ކަމަށް ވިދާޅުވެ ޕީޕީއެމް ސަޕޯޓަރުންނަށް އަލީ ވަހީދު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެ މެންބަރުން މެސެޖެއް ދެއްވާ ވިދާޅުވީ ހިތްވަރު ގަދަކޮށް ޖޯޝް އާ ކުރެއްވުމަށެވެ. އަދި ސަރުކާރުގެ ކަންތައް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ތާރީޚުގައި ބޭއްވުނު އެންމެ ނާއިންސާފު އަދި ސަރުކާރެއްގެ ހަތަރެސްފައިން ހުތުރުކޮށް އިންތިޚާބަށް ނުރަނގަޅު ނުފޫޒު ފޯރުވި އިންތިޚާބުގައި ސަރުކާރަށް 51 ޕަސެންޓް ގެއްލުވާލި ހިތްވަރުގަދަ އިދިކޮޅު ސަޕޯޓަރުންނަށް މަރުހަބާ. ޖޯޝު އާ ކުރައްވާ، ހިތްވަރު ގަދަ ކުރައްވާ. މިކަން ނިމިއްޖެ،" އަލީ ވަހީދު ވިދާޅުވިއެވެ.

ކޮމަންޑޫ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް ވާދަކުރިއެވެ. ރާޝިދަށް ލިބިވަޑައިގަތީ 1،401 ވޯޓެވެ. ފަތުހީއަށް 1،161 ވޯޓެވެ. ހަންނާން އަށް 323 ވޯޓް ލިބިވަޑައިގަތެވެ.

ވޯޓްލީ މީހުންގެ ޖުމްލަ އަދަދަކީ 2،932 އެވެ. ސައްހަ ވޯޓްގެ އަދަދަކީ 2،885 ވޯޓެވެ. 47 ވޯޓް ބާތިލު ވޯޓްގެ ގޮތުގައި ގުނާފައިވެއެވެ.
މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 3،309 މީހަކަށް ލިބިފައިވާއިރު ވޯޓްލާފައިވަނީ 88.61 ޕަސެންޓް މީހުންނެވެ.