މޮރޮކޯގައި 98 ފޫޓް ވަޅެއްގައި ތާށިވި ފަސްއަހަރުގެ ކުއްޖާ މަރުވެއްޖެ އެވެ. އެ ކުއްޖާ މަރުވެފައިވާކަން އިއުލާނު ކޮށްފައިވަނީ ކުއްޖާ ސަލާމަތް ކުރަން ހިންގި ފަސް ދުވަހުގެ ވަރުގަދަ އޮޕަރޭޝަނަށް ފަހު މިރޭ އެ ވަޅުން ކުއްޖާ ނެގުމަށް ފަހު އެވެ.
ދައުލަތުގެ ނޫސްތަކުން ބުނާ ގޮތުން ރަޔާން ނަމަކަށް ކިޔާ އެ ކުއްޖާ ވަޅުގައި ތާށިވީ އަންގަރާ ދުވަހުގެ މެންދުރު ފަހު އެވެ. އަދި މިރޭ އެ ކުއްޖާ ވަނީ އެ ވަޅުން ނަގާފައެވެ. ނަމަވެސް ވަޅުން ނެގިއިރުވެސް މަރުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.
ރަޔާން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު އޮފިޝަލުންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ހުރަހަކީ ވަޅުގެ އަނގަމަތި ހަނިވުމެވެ.
ކުއްޖާ ވަޅުން ނެގުމަށް ފަހު އަވަސް ފަރުވާ ދެވޭނެ އިންތިޒާމުތައް މޮރޮކޯ ސަރުކާރުން އޮތީ ފުރިހަމައަށް އިންތިޒާމު ކޮށްފައެވެ.
ރަޔާންއަށް އަވަސް ފަރުވާ ދިނުމުގައި އުޅުނު ސިއްހީ އޮފިޝަލުން ބުނި ގޮތުން އެހާ ފުން ވަޅަކަށް ވެއްޓުމުގެ ސަބަބުން ރަޔާންއަށް ބޮޑެތި އަނިޔާ ލިބިފައިވެ އެވެ.
ރަޔާންގެ މައިބަދައަށާއި ބޮލަށް ގެއްލުންވެ ކަށިތަކުގައި ރެނދުލާފައި ހުރި ކަމަށް ވެސް އޭނާގެ ހާލަތު އެންމެ ފުރަތަމަ ޗެކްކުރި އޮފިޝަލުންނާ ހަވާލާދީ ޚަބަރުތައް ބުނެ އެވެ.
މޮރޮކޯ ރަސްގެފާން މުހައްމަދު ރަޔާންގެ މައިންބަފައިންނަށް ގުޅުއްވައި ތައުޒިއާ ވިދާޅުވި ކަމަށް ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން ގައުމުގައި ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ނަމަވެސް ރަޔާން ސަލާމަތްކުރަން ރަސްގެފާން އޮތީ އަމުރުކުރައްވާފަ އެވެ.
ރަޔާންއާ ހަމައަށް ސިއްހީ އޮފިޝަލުންނަށް ދެވުނުއިރު ވެސް ރަޔާން އެހާ ސްޓޭބަލެއް ނޫނެވެ. އެހާ ފުންވަޅެއްގައި ކުޑަކުޑަ ފުރާނައެއް ނުކައި ނުބޮއި ފަސްދުވަސް ވަންދެން އޮންނަން ޖެހުމުގެ ސަބަބުން ބިރުގަނެ ނަފުސާނީ ގޮތުން ރަޔާން އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ.
ރަޔާން ހެޔޮއެދި މުޅި މުސްލިމް އުންމަތް ހެޔޮދުއާގައި ތިއްބައި އެސޮރު ނިޔާވި ޚަބަރުން އެންމެން ވަނީ ރޮއްވާލާފަ އެވެ.
ރަޔާނަށް ޓަކައި މުޅި މޮރޮކޯ ހުއްޓުވާލައި ގިނަ ބައެއްގެ އެހީތެރިކަމާ އެކު ވެސް ޒަމާނުން ބާރުކެނޑި ރަޔާން ސަލާމަތްކުރެވޭ ގޮތެއް ނުވި އެވެ.