މަސްވެރިން

ދުނިޔޭގައި މަހުގެ އަގު މަތި މަސްވެރިންނަށް ދަށް އަގު

Feb 6, 2022

ދުނިޔޭގެ ބާޒާރުގައި ފިނިކުރި މަހުގެ އަގު ބޮޑު ތަނުން މަތީގައި ހުރި ނަމަވެސް ރާއްޖޭގައި މަހުގެ އަގަށް ބަދަލު ނުގެނެސް ސަރުކާރު ހިފަހައްޓައިފި އެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު މިހާރު ހުރީ މަސް ޓަނެއް 1،700 ޑޮލަރުގެ އެވެ. މި އަދަދަކީ މިފަހުގެ ތާރީހުގައި މަހުގެ އަގު އެންމެ މަތިވެގެން ދިޔަ ދުވަސް ވަރެވެ. އަދި މިވަރަށް މަހުގެ އަގު އައިސްފައި މިވަނީ މަސް ޓަނެއް 1،300 ޑޮލަރު ވަރުގައި ހުރުމަށް ފަހު އެވެ.

މި ވަރަަށް މަހުގެ އަގު ހުރި ނަމަވެސް ރާއްޖޭގެ މަސްވެރިންނަށް މިހާރު ވެސް ސަރުކާރުން ދެނީ އެވްރެޖުކޮށް ދަށް އަގެކެވެ. ސަރުކާރުން ވަނީ ހަތް އަހަރަށް ފަހު 20ރ. އަށް ގަންނަމުން ދިޔަ މަސް ކިލޯއެއްގެ އަގު ދަށްކޮށްފަ އެވެ. މި އަގަށް ބަދަލު ގެނައި ދުވަހު ސަރުކާރުން ބުނީ މި ބަދަލު ގެނައުމާއެކު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލު މަސްވެރިންނާ ހަމަ އަށް ގެނެސްދޭނެ ކަމަށެވެ.

މިހާރު މަހުގެ އަގު ބޮޑުކޮށް ހުރިނަމަވެސް މަސްވެރިންނަށް މި އަގު ފޯރުކޮށް ނުދޭ ކަމަށް ބައެއް މަސްވެރިން ބުނެ އެވެ. ނަމަވެސް މި އަހަރަށް މަޖިލީސް ހުޅުއްވައި ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންނަ މަހު މަހުގެ އަގު ބޮޑުވާނެ ކަމަށް ވިދާޅުވެފަ އެވެ.