ދުނިޔެ

ނޭޓޯގެ ވެރިޔާ ނޯވޭ މަރުކަޒީ ބޭންކްގެ ގަވަރުނަރު ކަމަށް

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓަންބާގަށް ނޯވޭ މަރުކަޒީ ބޭންކުގެ ގަވަރުނަރުކަން ލިބިވަޑައިގެންފި އެވެ.

އެހެން ނަމަވެސް ސްޓޮލްޓަންބާގްއަށް އެހެން ވަޒީފާއެއް އަދާ ކުރެއްވޭނީ މި އަހަރު ސެޕްޓެމްބަރުގައި ނޭޓޯގައި އޭނާ އަދާ ކުރައްވާ ސެކްރެޓަރީ ޖެނެރަލްގެ މުއްދަތު ހަވަމުވުންނެވެ.

ސްޓޮލްޓަންބާގްއަށް ނޯވޭ ސެންޓްރަލް ބޭންކްގެ ގަވަރުނަރުކަން ލިބިވަޑައިގަތީ އެ މަގާމުގައި މިހާރު ހުންނެވި އޮއިސްޓަން އޯލްސަންގެ މަގާމުގެ މުއްދަތު މާޗްގައި ހަމަވުމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައި އޮތުމުންނެވެ.

ނޯވޭ މަރުކަޒީ ބޭންކުގެ ގަވަރުނަރު ކަމަށް އެދި 22 މީހަކު އެޕްލިކޭޝަން ހުށަހަޅާފައި އޮތް ކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓްރީން ބުންޏެވެ. އެހެން ނަމަވެސް އެޕްލިކޭޝަންތައް އަޅާކިޔުމުގެ ކުރިން ސްޓޮލްޓަންބާގަށް މަގާމު ވަނީ ހަމަޖެހިފަ އެވެ.

ނޭޓޯ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ނޯވޭގެ ބޮޑުވަޒީރުކަން ސްޓޮލްޓަންބާގް 62، ދެފަހަރެއްގެ މަތިން އަދާ ކުރެއްވި އެވެ. އަދި ނޯވޭގެ ފިނޭންސް މިނިސްޓަރުގެ މަގާމު ވެސް އަދާ ކުރެއްވި އެވެ.

ނޯވޭގެ މަރުކަޒީ ބޭނުންކުން މިހާރު ހަމަޖައްސާފައި އޮތީ ކުރިން ހީކުރެވުނު ގޮތާ ޚިލާފަށް ސްޓޮލްޓަންބާގްގެ ނޭޓޯ ދައުރު ހަމަވަންދެން ގަވަރުނަރުކަން ހުހަށް ބޭއްވުމަށެވެ.

އޮއިސްޓަން އޯލްސަން ވިދާޅުވި ގޮތުން ސްޓޮލްޓަންބާގްއަށް ގަވަރުނަރުކަމާ ހަވާލުވެވެން ދެން ބޭންކު ހިންގާނީ ޑެޕިއުޓީ ގަވަރުނަރު އެވެ. ބޭންކު ހިންގުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ހުންނާނެ ކަމަށް ވެސް އޮއިސްޓަން ވިދާޅުވި އެވެ.

ސްޓޮލްޓަންބާގަށް ފަހު ނޭޓޯއާ ހަވާލުވާނެ މީހަކު އަދި ނޭނގެ އެވެ. ޚަބަރުތައް ބުނާ ގޮތުން އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ތެރެސާ މޭއަށް އެ ފުރުސަތު ލިބިވަޑައިގަތުން ވަރަށް ބޮޑަށް އެކަށީގެންވެ އެވެ.