އަންހެނެއްގެ ރަހިމުގެ ތެރޭގައި ދަތާއި އިސްތަށި ވެސް ފަޅާފައިވާ ސިސްޓެއް ދެ އަހަރު ވަންދެން ބޮޑުވަމުން ދަނިކޮށް ސާޖަރީ ހަދައިގެން ނަގައިފި އެވެ.
އެމެރިކާގައި ދިރިއުޅޭ ޕެގީ ޑެވަންޕޯޓް ބުނި ގޮތުގައި ފާއިތުވީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ކުއްލިއަކަށް އޭނާގެ ދަށްބަނޑުގައި ވަރަށް ގަދަޔަށް ރިއްސަން ފަށައި ލޭ ފައިބަން ފެށީ އެވެ.
ޕެގީ ބުނި ގޮތުގައި އޭނާގެ ބަނޑުގައި ނުފިލާ ތަދެއް ހުންނަތާ އޭރު ދެ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. ނަމަވެސް މާ ބޮޑަށް ނުރިއްސާތީ އޭނާ އަޅާނުލާ ހުރީ އެވެ. އެ ދުވަހު ރިއްސާވަރުން ކެތް ނުވެގެން ވަގުތުން ޑޮކްޓަރަށް ދިޔަ ކަމަށާއި އެ ދުވަހު ހެދި ޓެސްޓްތަކުގެ ނަތީޖާ ވެގެން ދިޔައީ އެންމެންނަށް ވެސް ބޮޑު ޝޮކެއް ލިބުނު ކަމެއް ކަމަށް ޕެގީ ބުންޏެވެ.
ނިއު ޔޯކް ޕޯސްޓްގައިވާ ޚަބަރެއް ބުނާ ގޮތުގައި ކުރިން އޭނާ ހީކުރީ ބަނޑުގައި ރިއްސަނީ ގޭހުގެ ސަބަބުން ކަމަށެވެ. ނަމަވެސް ޖެނުއަރީ 29 ވަނަ ދުވަހު މާ ގަދަޔަށް ރިއްސަން ފެށުމުން ކެތް ނުކުރެވިގެން ޑޮކްޓަރަށް ދިޔައީ އެވެ. ވަގުތުން ޑޮކްޓަރު ސްކޭން ހަދާފައި ބެލިއިރު ޕެގީގެ ރަހިމުގައި ވަރަށް ބޮޑު ދެ ސިސްޓް އިންދާ ފެނުނެވެ. މި ސިސްޓްތަކުގައި ވަރަށް ހައިރާންވާ ކަހަލަ ކަންތައްތަކެއް ހުރިކަން އެ ދުވަހު ޑޮކްޓަރަށް ފާހަގަ ކުރެވިގެން އެ ވާހަކަ ބުނި ކަމަށް ޕެގީ ބުންޏެވެ. އެއީ ސިސްޓްގައި އިސްތައްޓާއި ދަތްވެސް ފަޅާފައި ހުރީމަ އެވެ. އަދި މިއީ ފާއިތުވީ ދެ އަހަރު ދުވަހުއްސުރެ އޭނާގެ ރަހިމުގައި އުފެދެމުންދިޔަ ދެ ސިސްޓްކަމަށް ސްކޭނުގެ ނަތީޖާއިން ދެއްކި ކަމަށް ޕެގީ ބުންޏެވެ.
"އެއީ ކެންސަރުގެ އަސަރު ކޮންމެ ވެސް ވަރަކަށް ހުރި ބޮޑު ސިސްޓްތަކެއް،" ޕެގީ ބުންޏެވެ.
ކުކުޅު ބިހެއްގެ ބޮޑު މިނުގައިވާ މި ސިސްޓަށް ޑޮކްޓަރަކީ ބަހުން ކިޔަނީ ޑާމޮއިޑް ސިސްޓެވެ.
"އެންމެ އެއްޗެއް ވެސް ނޫން. ދެ ސިސްޓް އަހަރެންގެ ރަހިމުގައި އިން. އެކަތި ބޮޑީ. އަނެކަތި އިނީ ގްރީން ޕީސް އޮށެއް ވަރަށް،" ޕެގީ ބުންޏެވެ.
މިހާރު ޕެގީ ވަނީ ސާޖަރީ ހަދައިގެން މި ސިސްޓުތައް ނަގާފަ އެވެ.
އެމެރިކަން ޖާނަލް އޮފް ސައިންޓީފިކް ރިސާޗްގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ޑާމޮއިޑް ސިސްޓް އަކީ ޓެރަޓޯމާ ޓިއުމަރުގެ ވައްތަރެކެވެ. މިކަހަލަ ސިސްޓް ނުނަގާ ބަހައްޓައިފިނަމަ ކެންސަރު ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި މިފަދަ ސިސްޓްތައް އޯވަރީގައި ބޮޑުވާނަމަ އޯވަރީއަށް ލޭ ދައުރުވުން މަނާވެ އޭގައި އައިބުތައް އުފެދޭގޮތް ވެއެވެ.