ބައެއް މީހުންގެ ނަސީބު އަތުގައި ހިފައި ހާލަތު ބަދަލުވާން ނަގަނީ ހިނދުކޮޅެކެވެ. އަނެއްބައި މީހުންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހި ފަގީރުވާން ނަގަނީ ހަމަ އެހާ ކުޑަ ވަގުތުކޮޅެކެވެ. އިންޑިޔާގެ ޓެމިލް ނާޑޫގައި ދިރިއުޅޭ މަޑަސާމީއަށް ވެސް ބަދުނަސީބާ ކުރިމަތިވީ ހަމަ ކުޑަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. މިއަދު އޭނާއަށް ބޯހިޔާވަހިކަމެއް ނެތެވެ. ދިރިއުޅެމުން ދަނީ ބަސް މަޑުކުރާ ޝެލްޓާ އެއްގަ އެވެ.
މަޑަސަމީ މަގުމަތިވީ ދެ އަންހެންދަރިންގެ ކައިވެނި ކޮށްދިނުމަށް ނެގި ލޯނުތައް ނުދެއްކިގެނެވެ. އެހެންވެ ގެދޮރާއި ދެންވެސް އަތުގައި ހުރިނަމަ ހުރި އެއްޗެއް ވިއްކާ ލޯނު އަދާކުރަން ޖެހުމުން އޭނާ މަގުމަތީގައި ދިރިއުޅެން މަޖްބޫރުވީ އެވެ.
ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއު އެއްގައި 61 އަހަރުގެ މަޑަސާމީ ބުނީ މިހާރު އޭނާގެ އަތުގައި ހުރީ އަންނައުނު ކޮޅަކާއި ކާއެއްޗެތި ރައްކާކުރާ ޕްލާސްޓިކް ތަށިބަރިއަކާއި ފެންފުޅިތަކެއް އެކަންޏެވެ. ދަނޑުތަކުގައި އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްގެން ލިބޭ ފައިސާކޮޅުން ނުފުދޭ ދުވަސްތަކުގައި ސަލާން ޖަހައިގެން ކާއެއްޗެތި ހޯދާކަމަށް އޭނާ ބުންޏެވެ.
"ދިރިއުޅުން ވަރަށް ގޯސް. އެއްވެސް މީހަކު އަހަންނަށް އެހީތެރިއެއް ނުވި،" މަޑަސާމީ ބުންޏެވެ.
އޭނާ އަކީ ފޯކް ލަވަކިޔުންތެރިއެއް ކަމަށާއި ކައިވެނި ޕާޓީތަކުގައި ލަވަ ކިޔައި ދީގެން ވެސް މަޑަސާމީ ކުރިން ފައިސާ ހޯދާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިހާރު އޭނާއަށް އެ މަސައްކަތެއް ވެސް ނުލިބެ އެވެ.
"މިހާ ހާލުގައި ޖެހިދާނެ ކަމަށް ކުރިން އެއްގޮތަކަށް ވެސް ޚިޔާލަކަށް ވެސް ނާދޭ. އަހަރެންގެ އަވަށުގައި އަހަންނަކީ ކުރިން މަޝްހޫރު މީހެއް. އަންހެނުންނާއި ދަރިންނާއެކު އަހަރެން އުޅުނީ ވަރަށް އުފާވެރި ދިރިއުޅުމެއް. އަންހެނުން މަރުވުމަށް ފަހު އަހަރެން ވަރަށް ބަލިވެ ނަފްސާނީ ގޮތުން ވެސް ބަލިކަށި މީހަކަށްވި. އަހަރެން ނަގާފައިވާ ދަރަނިތައް ނުދެއްކި މަގުމަތިވީ،" މަޑަސާމީ ބުންޏެވެ.
މަޑަސާމީގެ އަންހެނުން މަރުވީ މީގެ ފަސް އަހަރު ކުރިންނެވެ. އަދި ތިބި ދެ އަންހެން ދަރިން އުޅެނީ ކައިވެނި ކޮށްގެން އެހެން ރަށްތަކުގަ އެވެ. ނަމަވެސް އެއިން އެއްވެސް ދަރިއަކު އޭނާގެ ހާލު ބަލައި އެހީތެރިކަމެއް ފޯރުކޮށް ނުލާ ކަމަށް މަޑަސާމީ ބުންޏެވެ.