އިލެކްޝަންސް ކޮމިޝަން

އިންތިހާބާ ގުޅޭ 10 ޝަކުވާ ހުށަހެޅި

Feb 6, 2022

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން 10 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް ކޮމްޕްލެއިންޓްސް ބިއުރޯ އިން ބުނެފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ކޮމްޕިއުލެންޓްސް ބިއުރޯގެ ވެރިޔާ އިލެކްޝަންސް ކޮމިޝަންގެ ލީގަލް އެފެއާޒް ޑިރެކްޓަރު އިބްރާހީމް ހާފިޒް ވިދާޅުވީ 10 ޝަކުވާގެ ތެރެއިން ތިން ޝަކުވާއަކީ އިންތިހާބުގެ ކެމްޕޭން ހިނގަމުން ދިޔައިރު ހުށަހެޅި ޝަކުވާ ކަމަށާއި އެ ޝަކުވާތަކަށް ޖަވާބު ދީފައިވާނެ ކަމަށެވެ. އިތުރު ދެ ޝަކުވާއެއް ހުށަހެޅީ ކެމްޕޭންގެ ވަގުތު ހަމަވި ފަހުން އެކަމަކު ވޯޓުލުމުގެ ކުރިން ހިނގާދިޔަ ކަންތައްތަކަކާ ގުޅިގެން ކަމަށާއި ބާކީ ފަސް ޝަކުވާ ހުށަހެޅީ އިންތިހާބު އިއްޔެ ހިނގަމުން ދަނިކޮށް ކަމަށެވެ.

ހާފިޒް ވިދާޅުވީ ޝަކުވާ ލިބުމާއެކު ބިއުރޯ އިން އެކަމެއްގައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ކޮމިޝަންގެ ފަސް މެންބަރުންނަށް ހުށަހެޅުންތަކެއް ހުށަހެޅުމުން އެކަންކަމަށް ކޮމިޝަނުން ވަގުތުން ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އެގޮތުން އިއްޔެ ވޯޓުލުން ހިނގަމުން ދަނިކޮށް ލިބުނު ޝަކުވާތަކާ ގުޅިގެން ވެސް ކޮމިޝަނުން ފިޔަވަޅުތަކެއް އެޅި ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީގެ ކެންޑިޑޭޓް ވޯޓުލާ މަރުކަޒާ މާގާތުގައި އުޅުއްވާތީއޭ ބުނެ ޝަކުވާ ލިބުނު. އަޅުގަނޑުމެން ވަގުތުން ފޯކަލް ޕޮއިންޓަށް އެންގިން އެކަން ރަނގަޅު ކުރަން. ފަހުން އެ ޝަކުވާއެއް ނާދޭ. އަނެއް ކަމަކީ އިއްޔެ މާލޭގައި ވޯޓުލުން ކުރިއަށް ދަނިކޮށް އެމްޑީޕީގެ ޖަގަހައެއް ހަދައިގެން ކަންތައްތަކެއް ކުރަމުންދާ ކަމަށް ބުނެ ޝަކުވާ ލިބުނު. އަޅުގަނޑުމެން ފުލުހުން ފޮނުވައިގެން އެކަން ބެލިން. އެކަމަކު ތުހުމަތު ކުރާ ކަންތައްތަކެއް ނެތް ކަމަށް ފުލުހުން އެންގި،" ހާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ޝަކުވާއެއް ހުށަހެޅިއްޖެނަމަ އެ ޝަކުވާ އަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ނެތްނަމަ އާންމު ގޮތެއްގައި ފަސް ދުވަސް ތެރޭގައި ޝަކުވާ އަކަށް ފައިނަލް ޖަވާބެއް ދޭނެ ކަމަށެވެ.

ޝަކުވާ ހުށަހަޅަން ވަކި ފޯމެއް ތައްޔާރުކޮށް ވަކި ނިޒާމެއް ކަނޑައެޅިފައި އޮންނައިރު ޝަކުވާ ހުށަހަޅާ ފަރާތްތަކުން އެގޮތަށް އަމަލުނުކުރާ މައްސަލަ ހާފިޒު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ މައްސަލަ ހުށަހަޅާއިރު އިންތިހާބަށް ނުފޫޒު ފޯރުވަނީ ކަމަށް ބުނެ ބޮޑެތި ތުހުމަތުކުރާއިރު ހެކި ހުށަހަޅާފައި ނުހުންނާތީ މައްސަލަ ކުރިއަށް ގެންދަން ދަތިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ޖެހެނީ އެކަހަލަ މައްސަލަތަކުގައި ކިތަންމެ ބޮޑެތި ތުހުމަތު ހުރި ނަމަވެސް ހެކި ނެތީމާ މައްސަލަ ބާއްވަން. އެންމެ ކުޑަ މިނުން ޝަކުވާ ރައްދުވާ ފަރާތެއްގެ ނަން ވެސް ނުޖަހާ ޝަކުވާ ހުށަހަޅާފައި އެބައޮވޭ ދެތިން ފޮޅުވަތުގެ ބަޔާނަކުން. އެކަމަކު ޝަކުވާ ހުށަހަޅަން މި އޮންނަނީ ވަކި ހާއްސަ ފޯމަކުން. އެ ނިޒާމުގެ ތެރެއިން އަންނަ ޝަކުވާ މަދު،" ހާފިޒު ވިދާޅުވި އެވެ.

ކޮމްޕްލެއިޓްންސް ބިއުރޯގައި ހިމެނެނީ ޖުމްލަ ފަސް މެންބަރުންނެވެ. އެއީ ހާފިޒުގެ އިތުރުން ހަތަރު ވަކީލުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އިއްޔެ ވިދާޅުވީ އިންތިހާބާ ގުޅޭ ޝަކުވާތަކެއް ހުށަހަޅާފައިވީ ނަމަވެސް ނަތީޖާ އަށް ބަދަލު އަންނަވަރުގެ ޝަކުވާއެއް ލިބިފައި ނުވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރާޝިދު އިންތިހާބު ކާމިޔާބު ކުރެއްވީ އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އަށް ވުރެ 240 ވޯޓު އިތުރަށް ހޯއްދަވައިގެންނެވެ. އިންތިހާބުގައި ރާޝިދަށް 1،401 ވޯޓު ލިބިވަޑައިިގެންނެވިއިރު ފަތުހީ އަށް ލިބިވަޑައިގަތީ 1،161 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާން އިދުރީސް އަށް ލިބިވަޑައިގަތީ 232 ވޯޓެވެ.