ކްރިމިނަލް ކޯޓް

ޝެޑިއުލްގެ 49 ޕަސެންޓް އަޑުއެހުން ކެންސަލް

Feb 6, 2022

ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ތާވަލުކުރި އަޑުއެހުންތަކުގެ ތެރެއިން 49 ޕަސެންޓް އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައިފި އެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އެ ކޯޓުން މިދިޔަ އަހަރު ޖުމްލަ 9973 އަޑުއެހުމެއް ތާވަލުކުރި އެވެ. އޭގެ ތެރެއިން 4852 އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.

މިދިޔަ އަހަރު ފެށުނު އިރު ކޯޓުގައި ނުނިމި 1732 މައްސަލަ އޮތެވެ. އަލަށް 773 މައްސަލައެއް ހުށަހެޅުނުއިރު، އަހަރު ނިމުމުގެ ކުރިން ނިންމުނީ 701 މައްސަލަ އެވެ. މި އަހަރު ފެށުނު އިރު ކްރިމިނަލް ކޯޓުގައި 1804 މައްސަލަ އެބަ އޮތެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކޯޓުން ވަނީ ބަލާ ފާސްކުރުމުގެ 405 އަމުރެއް ނެރެފަ އެވެ. އަދި މީހުން ހައްޔަރުކުރުމުގެ 399 އަމުރެއް ނެރެފައިވެ އެވެ. ޕާސްޕޯޓު ހިފެހެއްޓުމުގެ 112 އަމުރެއް ވަނީ ނެރެދީފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ވީޑިއޯ އަދި އޯޑިއޯ ކޮންފަރެންސްކޮށް އަޑުއެހުންތައް ބޭއްވުމަށް ނިންމައި އެގޮތުގެ މަތިން އަޑުއެހުންތައް ކުރިއަށް ގެންދިޔަ އެވެ. އެކަމަކު ޓެކްނިކަލް މައްސަލަތައް ދިމާވުމާއި، އަދި ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ވަކީލުންނަށް ބައިވެރިނުވެވުން ފަދަ މައްސަލަތައް ދިމާވެގެން އަޑުއެހުންތައް ކެންސަލް ކުރަން ޖެހުނު މިންވަރު އިތުރުވެގެން ދިޔަ އެވެ. ޖަލު ތަކުން އޮންލައިންކޮށް އަޑުއެހުންތަކުގައި ބައިވެރިވާއިރު ކޮންފަރެންސް ރޫމް ލިބުން ދަތިވުމާއި، ރޭންޖު ނުލިބުން ފަދަ މައްސަލަތައް ވެސް ވަރަށް ބޮޑެވެ.

ޖިނާއީ މައްސަލަތައް ބަލާ ކްރިމިނަލް ކޯޓުގައި މައްސަލަތައް ދިގުލައިގެންދާ ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. އެކަމަކު ބައެއް މައްސަލަތައް ވަރަށް އަވަހަށް ވެސް ނިންމަ އެވެ.