ވާހަކަ

ހިތް ރުއްސާނުތޯ

( 3 ފެބްރުއަރީ 2022 އާ ގުޅޭ )

އޭނާ ކޮޓަރިން ނުކުމެގެން އައިސް މަންމަގެ ކޮޓަރީގައި ޓަކި ދިނެވެ. ރަންކިޔުމުގެ ކަންކަން އޮތީ އެ މީހުންގެ އެޕާޓްމެންޓްގައެވެ. ހޫރައިންއާއި ސުމައްޔާގެ އިތުރުން ހަސީނާއާއި ޝާހީނާވީ މިއުނާގެ ކޮޓަރީގައިކަން ޒެހެންއަށް އެނގެއެވެ.

ކައިވެނި ފޯމު ފުރީ ހޫރައިންއާއި ޒެހެން ތިބެގެންނެވެ. އެމީހުންނާއެކު ސުމައްޔާއާއި މިއުނާގެ އިތުރުން ހަސީނާ ބައިވެރިވިއެވެ. ހެކިވެރީންނަށްވީ މިއުނާގެ ފަރާތުން އައި މީހަކާއި ހަސީނާގެ ފިރިމީހާއެވެ. ރަންކިޔުމުގެ ޙަފުލާއެއް މިއުނާ ބާއްވާން އުޅޭއިރު އޭނާ ޚިޔާލު ފާޅުކުރީ ކައިވެނި ފޯމް ފުރާނީ އެ ޙަފުލާގެ ތެރެއިން ކަމަށެވެ. ނަމަވެސް މަންމަ ޚިޔާލަށް މީހަކަށް އެއްޗެއް ނުބުނެވެނީސް ޒެހެން ދެކޮޅު ހެދީއެވެ. ޢާއިލާގެ ހުރިހާ އެންމެންގެ ހާޟިރުގައި ކައިވެނި ފޯމު ފުރުމަކީ ޒެހެން އެދޭ ގޮތަކަށްނުވީއެވެ. އޭނާ ސަބަބު ވެސް މަންމައަށް ވިސްނައިދިނެވެ. ކައިވެނި ކުރާ ފޯމަކީ ދެ މީހުންގެ ގިނަ މަޢުލޫމާތުތަކެއް އޭގައި ލިޔަން ޖެހޭ ފޯމެކެވެ. ވީއިރު އެންމެންގެ ތެރޭ ހޫރައިން ލަދުގަންނަން ޖެހޭފަދަ ހާލަތެއް މެދުވެރިވާން ޒެހެން ބޭނުންނުވަނީއެވެ. ކޮންމެ ގޮތެއް ވިޔަސް ހޫރައިން ކައިވެންޏެއްކޮށްފައިނުވާއިރު އޭނާގެ ދަރިއަކު ހުރުމުން އެކަމާ އެންމެން ވެސް ސުވާލު އުފެދޭނެއެވެ. އެއީ ކިހިނެއްވީ ކަމެއްތޯ އޮޅުން ފިލުވަން ބޭނުންވާނެއެވެ. އެކަމުގެ ހަގީގަތް ގިނަބަޔާ ޚިއްޞާކުރުމުގެ ގަސްދެއް ޒެހެންގެ ނެތެވެ. ހަމައެއާއެކު މަންމަ ބޭނުންވެގެން އުޅުނު ފުރުސަތު އެ މަންމައަށް އޭނާ ދިނެވެ. ރަންކިޔުމުގެ ޙަފުލާ ބޭއްވުމަށެވެ. ދެ ފަރާތުގެ ޢާއިލާގެ ގާތް މީހުންނަށް ދަޢުވަތު ދިނުމަށެވެ. އެ ޙަފުލާގައި ހޫރައިންގެ ރަން ޒެހެންއަށް އިއްވާނެއެވެ.

މ.ރަތްވިލާގޭ ހަތްވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓްގެ ތެރެއަށް ޢާއިލާއާއި ގާތް މީހުން ޖަމާވެފައި ވެއެވެ. ސިޓިންރޫމު ސޯފާގައި ދަނބިދަރީންނާއި މުނައްވަރާއެކު ހަސީނާގެ ފިރިމީހާއާއި ފިރިހެން ދަރިފުޅު އިނެވެ. އެންމެން ދަންނަ މޫނަކަށް މުނައްވަރު ވާއިރު ހާމިދަށް އޭނާ ފެންނައިރަށް އެއީ ކާކުކަން އެނގިއްޖެއެވެ. ހާމިދު ފިރިހެން ދަރިފުޅުގެ ތަޢާރަފެއް ދިނުމުން މުނައްވަރުގެ ކައިރީ ތިބި ދެ ދަނބިދަރީންގެ ތަޢާރަފް ކޮށްދިނެވެ. ހާމިދާއި މުނައްވަރު ބަދަލުކޮށްލި ސަލާމާއެކު އެ ދެމެދުގައި ސިޔާސީ ކުލަ ޖެހެން ގިނައިރެއް ނުނެގިއެވެ. ބައްޕައާއެކު ހަމްދޫނު މަޑުކޮށްލައިގެން އިނީ އެ ގޭތެރޭން އޭނާ ދަންނަ މޫނެއް ނެތީމައެވެ. އެތަނުގައި ތިބި އިނާދާއި ހަނީފް ދައްކަން ފެށި ވާހަކަ އަމާޒުވެފައިވީ ހަމްދޫނަށެވެ. ހަމްދޫނަކީ ފުލުހުންގެ މަތީ މަޤާމެއްގައި ހުރި ޒުވާނަކަށްވާއިރު އެ މީހުން ދެއްކީ ރާއްޖޭގަ ހިނގާ ކުށްތަކުގެ ވާހަކައެވެ. އެ މައުޟޫޢުއާ ހަމްދޫނު ގަޔާނުވި ނަމަވެސް ފާޅުގައި އެކަމެއް ނުދެއްކިއެވެ. އެންމެން ވާހަކައިގަ ތިއްބާ ކޮޓަރިން ޒެހެންއާއި އިތުރު ޒުވާނަކު ނުކުތްތަން ފެނުނެވެ. ޒެހެން ކައިރިވެލީ ފެންނަން ހުރި އެހެން ކޮޓަރިއެއްގެ ދޮރުކައިރިއަށެވެ. އެވަގުތު ޒެހެންގެ ގާތުގައި ހުރި ޒުވާނާއަށް މުނައްވަރު ގޮވާލައި ކައިރިއަށް އައުމަށް އިޝާރާތްކޮށްލައިފިއެވެ.

"ނަހުޔާނު މީ. މަގޭ ހުރި ހަމައެކަނި ފިރިހެން." މުނައްވަރު ދައްކާ ވާހަކަ އިވޭ ހިސާބުގައި ހުއްޓިލި ނަހުޔާނު ދައްކާލަމުން ހާމިދަށް ތަޢާރަފް ކޮށްދިނެވެ. އެހިނދު ނަހުޔާނު ނިކަން އަވަހަށް ސަލާމަށް އަތްދިއްކޮށްލައިފިއެވެ. ހާމިދާއި ހަމްދޫނާ ދެބަފައިންނާ އޭނާ ސަލާން ކުރިއެވެ. އެތަނުގައި އޭނާ ވެސް އިށީނީއެވެ.

"ޒެން ނިމުނީތަ؟. މަންމަމެން ކޮބާތަ؟. ކޮންއިރަކުން މިކަން ފެށެނީ." މުނައްވަރު އަހާލީ ނަހުޔާނު ކައިރީއެވެ.

"މަންމައާއި ކުޑައައްތައަށް އެނގޭނީ." ނަހުޔާނު ބުންޏެވެ.

ސާރާއާއި ސުހާނާއަށް ހޫރައިންއަކީ ބަސްމަދު އަންހެންކުއްޖެއްކަން ޒެހެން އޮތީ ބުނެދީފައެވެ. ހޫރައިންއަކީ މަޑުމަޑުން ހުންނަ އަންހެންކުއްޖަކަށްވާއިރު އޭނާއަށް ބޭކާރު ވާހަކަތަކެއް ދައްކާ ސުވާލު ގިނަ ނުކުރާން ވެސް ޒެހެން އެދުނެވެ. އެ ޢާއިލާގެ އެންމެންގެ ތެރޭން އެންގެ ހަގު މީހަކީ ޒެހެންއެވެ. އޭނާގެ ހަޔާތަށް ހޫރައިން ހޮވުންވީ އެންމެން ވެސް ހައިރާންވެ އަޖައިބުކޮށްލި ނިންމުމަކަށެވެ. ޚުދު މުނައްވަރަށް ވެސް ފުރަތަމަ އެކަން އެނގުމުން ޤަބޫލުކުރަން ދަތިވިއެވެ. ދަރިއަކު ހުރި އަންހެނަކާ ޒެހެން ކައިވެނި ކުރާން އުޅޭއިރު އެއީ ކޮންކަހަލަ ބައެއްތޯ ބަލަންވާނެކަން މުނައްވަރަށް ބުނެވުނެވެ. އޭނާގެ ސުވާލުތަކަށް މިއުނާ ޖަވާބުދިނެވެ. ހޫރައިންގެ ހަގީގަތް ހާމަކުރުމަކާނުލައެވެ. ޢާއިލާއަށް ޒެހެންގެ ނިންމުން ގަބޫލުކުރަން ދަތިވީ ނަމަވެސް އެންމެން ވެސް އޭނާ ޚިޔާރުކުރި ބައިވެރިޔާ ބަލައިގެންފިއެވެ. ޒެހެންގެ ނިންމުމަށް އެންމެން ވެސް ޤަދަރުކުރިއެވެ. އެކަކުވެސް ހޫރައިންއަށް ފާޑެއް ނުކިޔައެވެ. އެ ޢާއިލާގެ ކޮންމެ މީހަކަށް އެމީހަކު ހިތް އެދޭ ބައިވެރިއެއް ހަޔާތަށް ހޮވުމުގެ އިޚްތިޔާރު އޮތީމައެވެ. ހޫރައިންއާ ގުޅުން ބަދަހި ކުރާން އެ ޢާއިލާއިން މަސައްކަތްކުރެއެވެ.

"ހޫރް ނުފެނިގެން މިއޮއް އައީ." މިއުނާގެ ކޮޓަރީ ދޮރު ހުޅުވައިގެން ހުރި ސުހާނާ ބުންޏެވެ. އޭރު ދޮރުމަތީ ޒެހެން ހުއްޓެވެ. އޭނާ އެ ކޮޓަރީގައި ޓަކި ދިނުމުން އެތެރެއިން ހުޅުވުވީ ސުހާނާއެވެ.

"ނުނިމޭތަ؟" ޒެހެން އަހާލިއެވެ.

"މި ނިކުންނަނީ." ކޮޓަރިތެރެއިން މިއުނާގެ އަޑު އިވުނެވެ.

މިއުނާގެ ކޮޓަރީގައި ރީތިވާ މޭޒު ކައިރީ ހުރި ގޮނޑީގައި ހޫރައިން އިނެވެ. އެނދުގައި އެއްބަޔަކު އިށީނދެ ތިއްބެވެ. އަނެއްބަޔަކު ހޫރައިންގެ ކައިރީ ކޮޅަށް ތިއްބެވެ. މާމާގެ އުނގުގައި އެންމެން އުޅޭނޫޅޭ ގޮތް ބަލަން ޔޫކް އިނެވެ. ހޫރައިންއާ ނަޒަރު ސީދާވެލާއިރަށް އެކުއްޖާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލައެވެ. މިވަނީ ކިހިނެއްކަން އެކުއްޖާއަށް ނަގައިގަންނަން ނޭނގޭނެކަން ހޫރައިންއަށް އެނގެއެވެ. ހޫރައިންގެ އަވަސްވެފައިވާ ހިތް ހަމައަކަށް އެޅުވުން ދަތިވެފައި ވިއެވެ. ޒެހެންގެ ދެބެންގެދެދަރި ކުދީން އޭނާއާ ވާހަކަދައްކަނީ ނުހަނު ގާތްކޮށެވެ. ޚާއްޞަކޮށް ޝާހީނާއެކޭ މިއުނާއެކޭ ތަފާތެއް ނެތެވެ. އެމީހުން ޒެހެންދެކެ ވާ ލޯބި ހޫރައިންއަށް ނަގައިގަންނަން ދައްޗެއްނުވިއެވެ. ހޫރައިންއާމެދު އެމީހުން ހިތްހެޔޮކަމާއި ގާތްކަމާއެކު ދުށުމުގެ ސަބަބީ އެއީކަން އޭނާއަށް އެނގެއެވެ. އެހެންވިޔަސް އެމީހުންނަކީ ހޫރައިނަށް ބީރައްޓެހިންނެވެ. އިސްވެ ވާހަކައެއް ދެއްކުން ފަސޭހައެއްނުވިއެވެ. އަނެއްކޮޅުން އެމީހުންނާ ދައްކާނީ ކޮންވާހަކައެއްކަމެއް ވެސް ހޫރައިންގެ ވިސްނުމަކަށް ނައެވެ. ސާރާއާއި ސުހާނާ އެމީހުންގެ ދަރީންނާ ޔޫކް ރައްޓެހިކޮށްދިނެވެ. އެކުދީން ގާތު ޔޫކްއަކީ ޢާއިލާއަށް އިތުރުވި މެންބަރެއްކަން ބުނެދިނެވެ. އަލަށް ލިބުނު އެކުވެރީން ޔޫކަށް ކަމުދިޔައެވެ. ނަމަވެސް މީހުން ގިނަވީ ވަގުތު އެކުއްޖާ އައިސް ހިފީ ހޫރައިންގެ އަތުގައެވެ. މަންމައާ ދުރުގައި ހުންނަން ބޭނުންނުވީއެވެ.

ޙަފުލާގެ ޚާއްޞަކަން ހޫރައިންގެ ހެދުމަށް އައިސްފަ ހުރި ބަދަލުން އޭނާއަށް އިޙްސާސް ކުރެވެއެވެ. އާންމުކޮށް އަޅާ އުޅޭ ހެދުންތަކާ ތަފާތުވީ ހެދުމުގައި ދުރުދުރުގައި ހަރުކޮށްފައި ހުރި ހުދު މިނާފުއްތަކެވެ. އެ މިނާފުއްތަށް ހޫރައިންގެ ހެދުމުގައި ހަރުކޮށްދިނީ ހަސީނާއެވެ. މަންމައާއި ހަސީނާގެ އެ ޚިޔާލު ބަލައިގަތް ނަމަވެސް އެއަށްވުރެ ބޮޑުވަރު ކުރާކަށް ހޫރައިންއަށް އެއްބަހެއް ނުވެވުނެވެ.

އެންމެން ސިޓިންރޫމަށް ނުކުތުމުން އަޑުފަށްގަނޑު ގަދަވިއެވެ. ހޫރައިންގެ އަތުގައި ހިފާލައިގެން ޔޫކް ހުއްޓެވެ. ސާރާއާއި ސުހާނާ ބައިވެރިވުން ބޮޑުވީވަރަކަށް ސަކަރާތް ބޮޑުވާނޭކަން އެ ޢާއިލާގެ އެންމެނަށް އެނގެއެވެ. ތުނި ދޯޕަށްޓާއެއްގެ ދެފަރާތުގައި ހިފަހައްޓައިގެން އެ ދެ އަންހެން ކުދީން ތިއްބެވެ. ހޫރައިން ނިވާކުރުމަށެވެ. ސޯފާގައި އިން ޒެހެންގެ ހިނިތުންވުން ފުޅާވެލިއެވެ. ހޫރައިން އައިސް ސޯފާގައި އިށީނުމުން ވެސް އޭގެ ދެބެން ދޯޕަށްޓާގެ ފަރުދާ ނުނެގިއެވެ. ޝާހީނާ ގޮވާލުމުން ޖަވާބުދޭން އަވަސްވީ ސާރާއެވެ.

"ހޫރް ރަންކީމަ ފެންނާނީ." ސާރާ ބުނެލިއެވެ. ދައްތައާ ވަގުތުން ސުހާނާ އެއްބައިވެއްޖެއެވެ.

"ވަގުތު ޖެހުނީ ދޯ. ދޮންކަލޯ އަވަހަށް މިކަން ނިންމަން އުޅޭ." ހާމިދު ބުނެލީ ސަމާސާގެ ރާގުގައެވެ. ކައިރީގަ އިން ނަހުޔާނު އަތްއަޅުވާލީ ޒެހެންގެ ކޮނޑުގައެވެ.

ހޫރައިންގެ ގާތުން ކައިވެނީގެ ރަނަށް ޒެހެން އެހުމުން އެގޮތް ބަލައިނުގަނެވޭނެކަން އެންގީ ސާރާއާއި ސުހާނާއެވެ. އެކަންވެސް ކުރަން ޖެހުނީ އެމީހުން އެދުނު ގޮތަށެވެ. އެ ދެ އަންހެންކުދީންގެ ނުފޫޒު ޒެހެންގެ މައްޗަށް ފޯރުވާގޮތުން ހޫރައިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ސުހާނާ އެދުނީ ހޫރައިންގެ ކައިވެންޏަށް ފުރަތަމަ ސުމައްޔާގެ ގާތުން އެދުމަށެވެ. ހޫރައިންގެ މިވަގުތު ހުރި ހުރިހާ ވެސް މީހަކީ ސުމައްޔާކަން އެމީހުންނަށް ވެސް އެނގެއެވެ. އެހެންވެ އެ މަންމަ ޤަބޫލުކަން އެންގުމުން ނޫނީ ހޫރައިންގެ ކައިރިން ރަނަކަށް ނޭހޭނޭ ސުހާނާ އިއްވާލިއެވެ. އެކަމުގައި ވެސް އެމީހުންގެ އަމިއްލަ އުސޫލުތަކެއް އިއްވާލީއެވެ. އެންމެން ހެވިފައި ތިބީއެވެ. ކުދިވެރީންގެ ސަކަރާތަށް ފުރުސަތު ދީގެންނެވެ. ރަންކިޔުމުގެ ޙަފުލާއޭ ކިޔަސް އެ ޙަފުލާއަކީ ޢާއިލާގެ ބަދަހިކަމުގެ ތެރޭ އެންމެން ވެސް ޒެހެންއާއި ހޫރައިން ދެމަފިރިންނަށް ވާން ނިންމި ނިންމުގެ އުފަލުގައި ޝާމިލުކުރުމަށް ޓަކައި ބޭއްވުނު އެއްވުމެކެވެ.

"ނާދު..." ސާރާ ފިރިމީހާއަށް ގޮވާލިއެވެ. އިނާދު ހުރީ ކެމެރާ ހިފައިގެންނެވެ. ގޭތެރޭގައި ދެ ޢާއިލާގެ މެދުގައި ހިނގާ ހުރިހާކަމެއް އޭނާ ފޮޓޯނެގިއެވެ. ސުހާނާގެ ފިރިމީހާ ހަނީފް ވެސް ހުރީ ކޮޅަށެވެ. ހެވިދިއްލިފައި ހުރެ އޭނާގެ ފޯނުން ވީޑިއޯ ކުރަނީއެވެ.

ދައްތަމެންގެ ސަކަރާތުގައި ބައިވެރިވެ އެމީހުން ބުނި ފަދައިން ޒެހެން ކަންތައް ކުރިއެވެ. ޒެހެންއާއި ހޫރައިންގެ ދެމެދުގައި ވާހަކަދެއްކެވުނުއިރު އެންމެން ވެސް ތިބީ ހިމޭންވެއެވެ. ޒެހެންއާ ކައިވެނި ކުރުމަށް ހޫރައިން ރަންކިޔައި ނިމުމާއެކު އޭނާގެ ގާތުގައި އިން ސުމައްޔާ ދަރިފުޅުގެ ބުރަކަށީގައި ފިރުމާލިއެވެ. އަނެއްފަރާތުން މިއުނާ އިނދެފައި ހޫރައިންގެ ކޮނޑުގައި ހިފައި ގާތްކޮށްލައިފިއެވެ.

"މަންމަގެ ދަރިއަކަށްވާން ތި އެއްބަސްވީ އިނގޭ." މިއުނާ މަޑުމަޑުން ބުނެލިއެވެ.

ކޮންމެ ދިމާލަކުން ފެންނަމުންދިޔައީ ހޫރައިންއަށް މުޅީން އާ މަންޒަރުތަކެކެވެ. އޭނާގެ ހަޔާތުގައި މީހަކާ އިނުމަށް ރަންކީ މީ ދެވަނަ ފަހަރެވެ. އުފާވެރިކަމުގެ ހުނުމާއި ސަމާސާއާއި މަޖާ ސަކަރާތުގެ މާޙައުލެއްގައި ރަންކީ މީ ފުރަތަމަ ފަހަރެވެ. ފަހަރަކު މީހަކަށް ހޫރައިންގެ ނަޒަރު ހުއްޓެމުންދިޔައެވެ. ހިމޭންކަމުގައި މަޑުމަޑުން އިން ހަމްދޫނު ފާހަގަވީ ދެނެވެ. އެންމެންގެ ތެރެއިން ހަމްދޫނާ ވާހަކަދައްކާލުމަށް ހޫރައިން ފުރުސަތެއް ހޯދިއެވެ. ހަވީރުގެ ސަޔަށް އިންސާފުކޮށްފައި ހަމްދޫނު ހުރީ ބެލްކަނީގައި މަޑުކޮށްލައިގެންނެވެ. އޭނާ އެހެންމީހުންނާ ގުޅި ވާހަކަދައްކާތަނެއް ހޫރައިންއަށް ނުފެނެއެވެ.

"ހިތްހަމަނުޖެހިފަތަ؟." ދޮރުކައިރީ މަޑުކޮށްލައި ހޫރައިން އަހާލިއެވެ. ދޮރާ ދިމާއަށް ފުރަގަސްދީގެން ހުރި ހަމްދޫނު އެނބުރިލީ ހޫރައިންގެ އަޑު އިވިގެންނެވެ. ބެލްކަނީގެ ފާރުގައި ހަމްދޫނު ލެނގިލަމުން ހޫރައިންއާ ނަޒަރު ސީދާކޮށްލިއެވެ. ދެން ނޫނެކޭ ބުނާ ފަދައިން މަޑުމަޑުން ދެ ފަރާތަށް ބޯހޫރާލިއެވެ.

"ވަރަށް ވިސްނިން... ވަރަށް ވިސްނާފަ މިހެން ނިންމީ. އަހަރެން ހުރި ހާލު އަހަންނަށް އެނގޭ. އެހެންވިޔަސް އަބަދު އެއްހިސާބެއްގައި ހުއްޓުން އަރާފައި ހުރުމުގެ ބަދަލުގައި އަމިއްލަ ނަފްސަށް ފުރުސަތެއް ދޭން ބޭނުން. ހަސިންތަ އެހާ ރަނގަޅުއިރު އޭނާގެ ދަރިއަކާމެދު ގޯސްކޮށް ހީކުރާކަށް ބޭނުމެއްނޫން. އެކަމުގެ ވާހަކަތައް ދައްކަން އަދިވެސް އަހަރެން ތައްޔާރެއްނޫން. މިހާ ދުވަސްވީމަ... މިހާރު ބޭނުމީ އެކަން އެގޮތަށް ދޫކޮށްލަން." ހޫރައިން ބުންޏެވެ. އޭނާ އިސްއޮބާލައިގެން ހުރެ ވާހަކަދެއްކުމަށްފަހު އިސް އުފުލާލިއެވެ. ހަމްދޫނު އޭރު ވެސް ހުރީ ހޫރައިންއަށް ބަލާށެވެ. ހޫރައިން ދެއްކި ވާހަކަތަކަށް މިފަހަރު ވެސް ހަމްދޫނު ބޯޖަހާލީއެވެ.

"ހޫރް... އުފާވެރި ދިރިއުޅުމަކަށް އެދެން. ހޫރް އެހީއަކަށް ބޭނުންވެއްޖެނަމަ އެކުވެރިއަކު ހުރިކަން ހަނދާންކުރައްޗޭ. އަހަރެން އަބަދުވެސް ހުންނާނަން. ހޫރަށް އެހީވާނަން. ޒެހެން ހީވޭ ރަނގަޅު މީހެއްހެން." ހޫރައިން ދާން އުޅެނީހެން ހީވުމާއެކު ހަމްދޫނު ވާހަކަދެއްކިއެވެ.

"ޖަޒާކައްﷲ ޚައިރަން... އިންޝާﷲ، އެކުވެރިއަކު ހުރިކަން ހަނދާންކުރާނަން. އެހީ ބޭނުންވެއްޖެ ހިނދެއްގަ އެކުވެރިޔާގެ ގާތުން މަދަދަށް އެދޭނަން. އެކުވެރިއަކުނެތި އަހަރުތަކެއް ފާއިތުވެއްޖެ. ދިރިއުޅުމުން މަޑުމަޑުން ހުރިހާކަމެއް ބަދަލުވާން ފަށައިފިކަން ޔަގީން... މިއަދު އަހަރެން މިއިނީ ކައިވެންޏެއް ކުރުމަށް ތައްޔާރުވެ ވާންއުޅޭ ފިރިމީހާއަށް ޚާއްޞަވެ ހުސްވެގެން. އެކުވެރިޔަކުނެތިފައި ވަނިކޮށް އެކަން ވެސް ފުރިހަމަވެއްޖެ. އަލްޙަމްދުއްލިއްﷲ!. އެކަލާނގެ ވޮޑިގެންވަނީ ކެތްތެރީންނާއެކުކަން އަހަންނަށް އިޙްސާސްކޮށްދީފި. އެތައް ފަހަރެއްގެ މަތީން މި ހިތަށް ޔަގީންކަން ދެއްވި." ހޫރައިން ހިނިތުންވީއިރު އެ ހިނިތުންވުމުގެ އަސަރު އެ ދެ ލޮލުގައިވިއެވެ. އެކަން ހަމްދޫނަށް ދެނެގަންނަން އެނގުނެވެ. އޭނާ ވެސް ލުއި ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު ބޯޖަހާލުމާއެކު އިސްއޮބާލައިފިއެވެ. އެ ދެމެދުގައި މި ނޫނީ އެހާ ދިގުކޮށް ހޫރައިން ވާހަކަ ދައްކާފައެއް ނެތެވެ. ހަމްދޫނު ހުރީ ހިތްހަމަޖެހިފައެވެ. ހޫރައިންއަށް އުފާވެރި ހަޔާތެއް ލިބުމަށް އޭނާ ހިތުގެ އަޑީން އެދޭ ހާލުއެވެ.

"ހޫރް..." ޒެހެންގެ އަޑު އިވުނީ ކައިރިންނެވެ.

"ހަސިންތަގެ ދަރިފުޅު ދޯ." ހޫރައިންގެ ކައިރީ މަޑުކޮށްލުމާއެކު ޒެހެން ވާހަކަދެއްކީ ހަމްދޫނާއެވެ. ގޭތެރޭގައި ދެ ޒުވާނުން އެކުގައި ހޭދަވީ ވަގުތުގައި ވެސް އެކަކުއަނެކަކާ ވާހަކައެއް ނުދައްކައެވެ. އިސްވެ ވާހަކައެއް ދައްކާނޭ ފުރުސަތު ވެސް ޒެހެންއަށް ނުލިބުނީއެވެ.

"ހަމްދޫން." ޒެހެންގެ ވާހަކައަށް ބޯޖަހާލުމާއެކު ހަމްދޫނު ކުރިއަށް ޖެހިލައި ސަލާމަށް އަތްދިއްކޮށްލިއެވެ. އެ އަތުގައި ޒެހެން ހިފިއެވެ.

އެ ދެ މީހުން އެކަކުއަނެކަކާ ވާހަކަދެއްކިއިރު އެތަނުގައި އެމީހުންގެ ވާހަކަ އަޑުއިވޭ ހިސާބުގައި ހޫރައިން ހުއްޓެވެ. ޒެހެންގެ ފޯނު ނަންބަރު ހަމްދޫނު ހޯދިއެވެ. ޒެހެން ހިނގައިގަތީ ހޫރައިން ގޮވައިގެންނެވެ.

"ކޮޓަރިއަށް ވަންނަނީ ކީއްކުރަން." ކޮޓަރިއަށް ވަންނަންކަން ޒެހެން އުޅެނީ އެނގުމުން ހޫރައިން ހުއްޓިއްޖެއެވެ.

"އެއްޗެއް ދައްކަން... ދޮރު ހުޅުވާފައެއްނު ހުންނާނީ. އެހެންނޫނަސް އަތްލެވޭނީ އެކަމުގެ ހުއްދަ ލިބުނީމަ. އޭގެ ކުރީން ބޭނުންވިޔަސް ޖެހޭނީ މިހެން ދުރުގައި ހުންނަން. ނޫންތަ؟." ޒެހެން ދެއްކި ވާހަކައިންނާއި އޭނާ އެއްލޯ މަރާލި ގޮތުން ހޫރައިންގެ ހިތް އަވަސްވިއެވެ. މިނޫނީ އެފަދަ ލާނެތްކަމެއް އޭނާ ހޫރައިންއަށް ދައްކާފައެއް ނެތެވެ. އޭނާގެ އަނތްބަކަށް ހޫރައިން ވާނެކަމުގެ ޔަގީންކަން ލިބުމުން ފާޅުވެލި ސިފައެއްބާއޭ ހޫރައިން ހިތަށް އެރިއެވެ. މޫނު އަޅާފައި ހުރިކަން ނަސީބެކޭ ހޫރައިން ހިތަށް އެރިއެވެ. އެހެންނޫންނަމަ އޭނާގެ ކޯތާފަތަށްވެރިވި މަޑު ހޫނުކަމުގައި އެ މޫނު ރަތްވަމުންދިޔަ ގޮތާއި އޭނާއަށް ތުންފަތުގެ ކޮޅުގެނެސް ދަތުގެ ހައްޔަރުގައި ގައިދުކޮށްލެވުނު ގޮތް ޒެހެންއަށް ފެނުނީހެވެ. އޭނާގެ އެ ލާނެތްކަމަށް ރައްދުދިނުމަށްވުރެ ހޫރައިން ހުރީ ލަދުންނެވެ.

"ވަދެބާ..." ދޮރުމަތީ ހޫރައިން ހުންނަން ފެށުމުން ޒެހެން ބުންޏެވެ. ބޭރުގައި އުޅޭ މީހުންނަށް ބަލާލާފައި ހޫރައިން އެ ކޮޓަރިއަށް ފިޔަވަޅެއް އެޅީ އެވަގުތެވެ. ފާރުގައި ޖައްސާލެވިފައިވާ ދޮރުފަތުގެ ކައިރީ ހުއްޓުނު ގޮތަށް އޭނާ ހުރީއެވެ. އެއަށްވުރެ އެތެރެއަށް ވަންނަން ބޭނުންނުވެފައެވެ. ޒެހެން އަލަމާރި ހާވާތީ ހޫރައިންއަށް ފެނުނެވެ. އެ ކޮޓަރިއަށް އޭނާ ނަޒަރު ހިންގާލިއެވެ. ކޮޓަރި ތެރޭގައި ހަރުލާފައިވަނީ ފިރިހެން ވަހެކެވެ. ހީވަނީ ޒެހެން ޖަހާފައި ހުރި ސެންޓުގެ ވަސް އަދިވެސް ނުފިލާ ހުރީ ހެންނެވެ. ހެދުންއަޅުވާ ދަނޑީގެ އެކިބައިތަކުގައި ޒެހެންގެ ބައެއް އަންނައުނު އަޅުވާފައި ހުއްޓެވެ.

"ހޫރް..." ކުއްލިއަކަށް ޒެހެން ގޮވާލިއެވެ. ހޫރައިންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. ޒެހެންގެ އަތުގައި އޮތް އެއްޗެއް އޭނާ ދައްކާލިއެވެ. އެހިނދު ހޫރައިންގެ ދެ ލޯ ބޮޑުކޮށްލެވުނެވެ. (ނުނިމޭ)