ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 4.3 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ބްރެޒިލްގެ ދެ މީހުންގެ ބަންދަށް ފަސް ދުވަސް ދީފި އެވެ.
މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން އެ މީހުން ވަނީ އެމީހުން ރާއްޖެ ގެނައި މަސްތުވާތަކެއްޗާ ހަވާލުވާ މީހުން ހޯދުމަށް ކުރިއަށް ގެންދާ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަށް އެއްބާރުލުން ނުދީ ދައުލަތުގެ ވަކީލެއްގެ އެހީތެރިކަމަށް އެދިފަ އެވެ.
އެހެންވެ ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދިނުމަށްފަހު ކްރިިމިނަލް ކޯޓުން އެ ދެ މީހުންގެ ބަންދަށް އިއްޔެ ވަނީ ފަސް ދުވަސް ދީފަ އެވެ.
މިމައްސަލައާއި ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އިއްޔެ ބުނީ މި މަހުގެ ހަތަރުވަނަ ދުވަހު ރާއްޖެ އައި އުމުރުން 21 އަހަރުގެ ބްރެޒިލް ފިރިހެނަކާއި އެ ގައުމަށް ނިސްބަތްވާ 23 އަހަރުގެ އަންހެނަކު ހުއްޓުވާ ލަގެޖް ފާސްކުރިއިރު ލަގެޖްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
ކަސްޓަމުސް އިން ބުނީ އެ ތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ފިރިހެން މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 1.8 ކިލޯ ގްރާމް ހުރިއިރު އަންހެން މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 2.5 ކިލޯ ހުއްޓެވެ.
މި ތަކެތީގެ މަގުމަތީ އަގު 21.3 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
ވައިގެ މަގުން ބްރެޒިލް އިން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން އިތުރުވަމުންދާ ކަން ފާހަގަކުރެވެ އެވެ. އެގޮތުން ބްރެޒިލް މީހުންނާ ގުޅޭ މަސްތުވާތަކެތީގެ ބައެއް މައްސަލަތައް މިހާރުވެސް ކޯޓުގައި ހިނގަމުންދެ އެެވެ.