ރާއްޖެ ކުޅިވަރު

ސުކުޒީ ކަޕުގެ މެޗުތައް ދައްކާނީ ޓީވީއެމާއި ރާއްޖެ ޓީވީން

އިންޑިޔާގައި ބުދަ ދުވަހު ފަށާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ޕީއެސްއެމާއި ރާއްޖެ ޓީވީން ދައްކަން ނިންމައިފި އެވެ.

މިއީ މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް ވަކިވަކިގެން ގަނެގެން ރާއްޖޭގެ ދެ ޗެނަލަކުން ދައްކާ ފުރަތަމަ ފަހަރެވެ.

މީގެ ތެރެއިން ޓީވީއެމްއަކީ 1997 ވަނަ އަހަރު ތައާރަފްކުރި މި މުބާރާތް މިހާތަނަށް މެދުކުނޑި ދައްކަމުން އަންނަ ހަމައެކަނި ޗެނަލް އެވެ. ރާއްޖެ ޓީވީން މެޗުތައް ދައްކަން ފަށާފައިވަނީ 2011 ވަނަ އަހަރުގެ މުބާރާތާ ހަމައިންނެވެ.

ޑިސެމްބަރު މަހުގެ 23 އިން ޖެނުއަރީ ތިނަކަށް އިންޑިޔާގައި ބާއްވާ މުބާރާތް އިންޑިޔާ އާއި ސްރީލަންކާ އަދި ބަނގްލަދޭޝްގެ ދެ ޗެނަލަކާއި ބޫޓާނުގެ ގައުމީ ޓީވީން ވެސް ދައްކާނެ އެވެ. މީގެ އިތުރުނަ މަޝްހޫރު ކުޅިވަރު ޗެނަލް އީއެސްޕީއެންވެސް މެޗުތައް ވަގުތުން ދައްކާނެ އެވެ.

ޕާކިސްތާން ފިޔަވައި ސާކުގެ އަނެއް ހަތް ގައުމު ދެ ގްރޫޕަކަށް ބަލާއިގެން ކުޅޭ މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އަފްގާނިސްތާނާއި ބަނގްލަދޭޝް އަދި ބޫޓާނެވެ. ގްރޫޕް އޭގައި ހިމެނެނީ އިންޑިޔާ އާއި ސްރީލަންކާ އަދި ނޭޕާލް އެވެ.