ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ

އިންޑިއާ އައުޓް ހަރަކާތުގެ މައްސަލަ 241 ކޮމިޓީގައި މާދަމާ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (ކ) ގައި 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމާ އެކު -- ފޮޓޯ: އަވަސް
0%
0%
100%

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ 241 ކޮމިޓީ އަށް ހުށަހެޅި މައްސަލައިގެ ކޮމިޓީ ބައްދަލުވުންތައް މާދަމާ ފެށުމަށް ނިންމައިފި އެވެ.

ރައީސް ނަޝީދު ސޮއި ކުރައްވާ މިދިޔަ ޑިސެމްބަރު މަހު 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީއެއްގައި އިންޑިއާ އައުޓް ކެމްޕޭންގެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފައިވެ އެވެ.

މިސިޓީގައި ވިދާޅުވެފައިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ އިންޑިއާ އައުޓް ހަރަކާތަކީ އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

"އިންޑިއާ އަކީ އެތަކެއް ހާސް ދިވެހިންނެއް އެ ގައުމުގައި ދިރިއުޅެމުން އަންނަ ގައުމަކަށްވާއިރު 'އިންޑިއާ އައުޓް'ގެ ނަމުގައި ކުރިއަށް ގެންދާ އިސްދެންނެވި ހަރަކާތުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭނެ އެވެ." ރައީސް ނަޝީދުގެ ސިޓީގައިވެ އެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައާއި ގުޅިގެން 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ ކޮމިޓީ ބައްދަލުވުންތައް ފެށުން ލަސްވީ މަޖިލިސް ޗުއްޓީގައި އޮތުމުން ކަމަށެވެ. އިންޑިއާ އައުޓް ކެމްޕޭންގެ މައްސަލަ މާދަމާ ހެނދުނު 11:00 ޖަހާއިރު ބާއްވާ ކޮމިޓީއަށް އެޖެންޑާކޮށްފައިވާތީ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް މާދަމާ ނިންމާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ކޮމިޓީ ސިއްރުކުރާނަންތޯ އެނގޭނީ މާދަމާ ކޮމިޓީ ފެށުމަށްފަހު މެންބަރުން އެގޮތް ބޭނުންވާނަމަ،" އަސްލަމް ވިދާޅުވި އެވެ.

ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިހާރު ވަނީ ބިލެއް ވެސް ޑްރާފްޓްކޮށްފަ އެވެ. އެ ބިލް އަމާޒުކޮށްފައިވަނީ އިންޑިއާ އައުޓް ކެމްޕޭނަށެވެ. ބިލެއް ހެދި ނަމަވެސް އިންޑިއާ އައުޓް ކެމްޕޭން ނުހުއްޓުވޭނެ ކަމަށް ރައީސް ޔާމީން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އިންޑިއާ އައުޓް ކެމްޕޭންގެ މައްސަލަ ބަލަން ނަޝީދު އެދިވަޑައިގެންފައިވާއިރު ރާއްޖެއާއި ޗައިނާއާ ގުޅޭ މައްސަލަތަކުގައި ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ޗައިނާ އަށް ފާޑުވިދާޅުވަމުންނެވެ.

ޗައިނާއާ ގުޅޭ ގޮތުން ރައީސް ނަޝީދު ދައްކަވާ ބައެއް ވާހަކަފުޅުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަފުޅުތަކެއް ކަމަށް ބުނެ ޗައިނާ ސަރުކާރުން ވަނީ އެފަދަ ވާހަކަފުޅުތައް ނުދެއްކެވުމަށް ރައީސް ނަޝީދަށް ވެސް ތަކުރާރުކޮށް އިލްތިމާސް ކުރައްވާފަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345