ޑރ. މުހައްމަދު އިޔާޒް

އިމްރާނާ ސިޔާސީ ގޮތުން ހިޔާލު ތަފާތު ކަމަށް އިޔާޒު ވިދާޅުވެއްޖެ

ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާ ސިޔާސީ ގޮތުން ހިޔާލު ތަފާތުވެފައިވާ ކަމަށް އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެ އެވެ.

ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ މިނިސްޓަރު އިމްރާންގެ ދިފާއުގައި އަބަދުވެސް ނިކުންނަވާ އަދި އިމްރާން ދިފާއު ކުރައްވާ މަދު ބޭފުޅުންގެ ތެރޭގައި އެންމެ އިސްކޮށް ހުންނަވަނީ ޑރ. އިޔާޒެވެ. އެ ދެ ބޭފުޅުންނަކީ ވަރަށް ގާތް ދެ ރަހުމަތްތެރީންވެސް މެއެވެ.

ނަމަވެސް ނިމިގެންދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރަން އިމްރާން އިސްވެ ހުންނަވާ އަދާލަތުން ނިންމުމުން އެ ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދުނެވެ. އިމްރާން ދިފާއު ކުރެއްވުމަށް އެންމެ އިސް ސަފަށް ނިކުމެ ހުންނެވި ޑރ. އިޔާޒް އާއި އައްޝައިހް އަލީ ޒައިދުވެސް ވަނީ އިމްރާންގެ ނިންމެވުމަށް ފާޑުވިދާޅުވެފައެވެ.

ރައީސް ސޯލިހްގެ އެދިވަޑައިގަތުމަށް އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް އަދާލަތުން ނިންމީ އިމްރާންގެ ނުފޫޒުގައި ކަމަށް އެ ޕާޓީގެ މެންބަރުން ދެކެއެވެ. އިދިކޮޅު ސިޔާސީ ބޭފުޅުން ވަނީ އިމްރާންގެ މައްޗަށް ބޮޑު ތުހުމަތެއްވެސް ކުރައްވާފައެވެ. އިދިކޮޅު ކޯލިޝަނުން ބުނީ އިމްރާން އަބްދުﷲ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ނިކުންނެވީ އިމްރާންގެ އެކުވެރި ވިޔަފާރިވެރިޔަކަށް ރަށެއް ދޭން ސަރުކާރުން ނިންމުމުން ކަމަށެވެ.

އިމްރާންއާ ސިޔާސީ ގޮތުން ހިޔާލު ތަފާތުވެފައިވާ ކަމަށް އިޔާޒް ވިދާޅުވީ އިދިކޮޅުގެ އެ ތުހުމަތުތަކާއި ގުޅިގެން އިމްރާން ދިފާއު ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. އިޔާޒު ވިދާޅުވީ އޭނާގެ އެކުވެރި އިމްރާންއާ ސިޔާސީ ގޮތުން ކިތަންމެ ހިޔާލު ތަފާތު ވީ ނަމަވެސް އަދި ނިމިދިޔަ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުރައްވާ ކެމްޕެއިނަށް ނިކުންނެވުމާއި ދެކޮޅު ހެއްދެވި ނަމަވެސް އިމްރާން އެ ކެންޕެއިނަށް ނިކުންނެވީ ރިޝްވަތު ނަންގަވައިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މީސްމީހުންގެ ބޮލުގައި އިލްޒާމު އަޅުވަންވާނީ ސާބިތު ހެކި ހުރެގެން. އިމްރާންއާ އެކު ދިގު ޒަމާން ތަކެއް ވަންދެން ތަފާތު ތަޖްރިބާތައް ކުރެވިފައިވާ މީހެއްގެ ހައިސިއްޔަތުން ދަންނަވަން. އެމަނިކުފާނަކީ ރިޝްވަތަށް ގުޑުވާލެވޭނެ ބޭފުޅެއް ނޫން. އެއީ ތެދުވެރި އިހްލާސްތެރި ބޭފުޅެއް،" އިދިކޮޅު ލީޑަރުގެ މައްޗަށް ތަފާތު ތުހުމަތުތައް ކުރައްވާ ކުރީން ޓްވީޓް. ކުރައްވާފައިވާ ޑރ. އިޔާޒް އިމްރާންގެ ދިފާއުގައި ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރާކަން ހާމަކޮށް އަދާލަތުން ވަނީ ބަޔާނެއް ނެރެފައެވެ. އަދި އޭގެ ފަހުން ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގެން އިމްރާން ވަނީ ކެންޕެއިންވެސް ކޮށްދެއްވާފައެވެ.

ލީޑާޝިޕް ބަލިކަށިވެފައި އޮތް އަދާލަތުން މި ކެންޕެއިންގައި ބައިވެރިވީ އިމްރާންގެ އިތުރުން އޭނާގެ އެކުވެރި އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެެވެ.

އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރަން އަދާލަތުން ނިންމާފައިވަނިކޮށް އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ކަމުން ދީނީ އިލްމުވެރިޔާ އައްޝައިހް އަލީ ޒައިދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެ ފަހުން އެމްޑީޕީއާ ދެކޮޅަށް ޒައިދު ވަނީ ވާހަކަ ދައްކަވާފައެވެ.