މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ފުރިހަމަ ހިދުމަތެއް ދެވޭނީ ލާމަރުކަޒު ކޮށްގެން: މިނިސްޓަރު

Feb 6, 2022

މުޖުތަމައުގައި ހަވާސާ އިން ބޭރުވެފައި ތިބޭ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ލާމަރުކަޒީ އުސޫލުން ހަމަޖެހުމުން ނޫނީ އެފަދަ ފަރާތްތަކަށް އެދެވޭ ހިދުމަތެއް ފޯރުކޮށް ނުދެވޭނެ ކަމަށް ޖެންޑާ މިނިސްޓަރު އައިޝތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ވ. ފެލިދޫގައި "އިބަމާ" އިފްތިތާހު ކުރުމާއި އިނިޝިއޭޓިިވް ޓްރެއިނިން ޕްރޮގްރާމް ފެށުމުގެ ގޮތުން ވ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އިބަމަ ނުވަތަ އިޖުތިމާއީ ބަދަހި މަދަދުވެރިންނަކީ މުޖުތަމައުގެ ތެރޭގައި އަޅާލުމާއި އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް މަދަދުވެރިވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިހާތަނަށް އައި އިރު ރާއްޖޭގެ ތިން ރަށެއްގައި 73 ފަރާތެއް ވަނީ އިބަމަ ޓްރެއިނިން ފުރިހަމަކޮށްފަ އެވެ.

އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ އިބަމަ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިސް ނެންގެވުމަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ރައްޔިތަކީ ވެސް ރައްކާތެރިކަމާއި އަމާން މާހައުލެއްގައި އުޅެވޭނެ ބަޔަކަށް ހެދުން ކަމުގައިވެސް ވިދާޅުވި އެވެ.

އިބަމަ އަކީ އެރަށެއްގެ ރައްޔިތުން ކަމަށްވާއިރު އެރަށެއްގެ އިޖުތިމާއީ މައްސަލަތައް ދެނެގަތުމާއި، އެކަންކަމަށް ބޭނުންވާ ހައްލު އެންމެ ރަނގަޅަށް އެނގޭނީ އެރަށެއްގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ އެހީތެރިކަން ބޭނުންވާ މީހުންނަށް ވާސިލްވެ، އެ ބައެއްގެ ހާލަތު އެންމެ ގާތުން ބެލޭނީ އެ ރަށެއްގެ ރައްޔިތުންނަށް ކަމުގައިވެސް ވިދާޅުވި އެވެ.

“އަޅުގަނޑު އަޅުގަނޑުމެންނާ ހަމައަށް ކަމެއް ހިނގިކަން މިއަންނަނީ އެކަމެއް ހިނގާ ފަހުން. ދެން އަޅުގަނޑުމެން ފޯރުކޮށް ދޭން މިޖެހެނީ ރައްކާތެރިކަން. އަޅުގަނޑު ބޭނުންވަނީ މިކަން ބަދަލުކުރަން. ކަމެއް ދިމާވުމުގެ ކުރިން އެކަމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން. މިކަން އަޅުގަނޑުމެންނަށް ކުރެވޭނީ ރައްޔިތުންނާއި ގާތުން، އެންމެހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށްގެން. އެހެންކަމުން، އިބަމަގެ ބައިވެރިން ވެގެންދާނީ މިފަދަ އިޖުތިމާއީ ހާލަތުތައް މެޕް ކުރަން ތަމްރީންކުރެވޭ ފަރާތްތަކަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ އިބަމަ ތަމްރީން ޕްރޮގްރާމު ފުރިހަމަ ކުރާ މީހުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށްގެން، ކަމެއް ބޮޑުވެގެން ދިއުމުގެ ކުރިން މައްސަލަ އަށް ހައްލު ގެނެސްދޭ ބަޔަކަށްވެ ރައްޔިތުންގެ އިޙްސާސްތައް ފުރިހަމަކޮށްދޭ ބަޔަކަށް ވާނެ ކަމަށެވެ.

އިބަމަ ތަމްރީން ޕްރޮގްރާމުތައް މިހާތަނަށް ވަނީ އދ، ށ އަދި ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންގޮސްފަ އެވެ.