އެސްޓީއޯ

ހާލު ދެރަ މީހުންނަށް ދޭ ހާއްސަ ނިއުޓްރިޝަން އެސްޓީއޯން ތައާރަފުކޮށްފި

  • ޕޭރެންޓަލް ނިއުޓްރިޝަން ދޭނީ އައިޖީއެމްއެޗުން
  • ކުރިން މި އުފެއްދުންތައް އައިޖީއެމްއެޗަކުން ނުލިބޭ
  • އާސަންދާގައި މި ނިއުޓްރިޝަން ހިމަނަން މަސައްކަތް ކުރޭ

ހާލު ބޮޑު ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ "ޓޯޓަލް ޕޭރެންޓަލް ނިއުޓްރިޝަން" ޕްރޮޑަކްޓްތައް އެސްޓީއޯ އިން ތައާރަފުކޮށް، އައިޖީއެމްއެޗަށް ފޯރުކޮށްދީފި އެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯ މެޑިކަލްސްގެ ޖެނެރަލް މެނޭޖަރު ހުސެއިން ސޮބާހު ވިދާޅުވީ ނިއުޓްރިޝަން ޕްރޮޑަކްޓަކީ ޖަރުމަނުވިލާތުގެ "ފެސީނަސް ކާބީ" ބްރޭންޑުގެ އުފެއްދުންތައް ކަމަށާއި މިއީ ފެންވަރު ރަނގަޅު ޕްރޮޑަކްޓެއް ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން. އެ މަސައްކަތުގެ ދަށުން ތަފާތު ކުންފުނިތަކާ ގުޅިގެން ޕްރޮޑަކްޓްތައް ތައާރަފު ކުރަމުން މި ދަނީ،" ސޮބާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އުފެއްދުންތައް މި ވަގުތު އައިޖީއެމްއެޗުގައި ހަމައެކަނި ލިބެން ހުރިނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ރީޖަނަލް ހޮސްޕިޓަލްތަކުން ވެސް މި ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި މި ނިއުޓްރިޝަން ޕްރޮޑަކްޓް އާސަންދަ އިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ކުންފުންޏށ ވާހަކަ ދައްކަމުންދާ ކަމަށް ސޮބާހު ވިދާޅުވި އެވެ.

އައިޖީއެމްއެޗުގައި އަލަށް ފެށި މި ހިދުމަތާ ބެހޭ ގޮތުން އެ ހޮސްޕިޓަލްގެ ޑިޕާޓްމަންޓް އޮފް މެޑިސިން ހިންގެވުމާ ހަވާލުވެ ހުންނެވި ޑރ. މޫސާ މުރާދު ވިދާޅުވީ މި ނިއުޓްރިޝަންއަކީ އަނގައިން އެއްޗިހި ކާން ދަތިވާ ބަލި މީހުންނަށް ހާއްސަކޮށްގެން ފަރުވާ ދިނުމަށް ބޭނުންކުރާ އުފެެއްދުމެއް ކަމަށެވެ.

"މި އަށް އަޅުގަނޑުމެން މި މިޔަނީ ޓޯޓަލް ޕޭރެންޓަލް ނިއުޓްރިޝަން. ޕޭރެންޓަލް ނިއުޓްރިޝަންގެ ގޮތުގައި މި ނިއުޓްރިޝަންގެ ޕްރޮޑަކްޓްތައް ބޭނުން ކުރެވޭ. މި އައިވީއެއްގެ ޒަރިއްޔާ އިން ވެސް ދެވޭ. ނޫނީ ހޮޅިއެއް ހަށިގަނޑަށް ޖަަހައިގެން ވެސް ބޭނުން ކުރެވޭ،" މުރާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން އައިޖީއެމްއެޗްގައި މި ނިއުޓްރިޝަން ދޭން ޖެހިއްޖެނަމަ ދެނީ ބަލި މީހާގެ އާއިލާ އިން ނޫނީ ކޮންމެ ވެސް އެހެން ގޮތަކުން ބޭރުން ގެނެސްގެން ކަމަށެވެ.

" މިއީ ސިއްހީ ދާއިރާއަށް ލިބުނު މުހިންމު ކާމިޔާބީއެއް. މި [ފެސީނަސް ކާބީ] ނިއުޓްރިޝަންގެ ސަބަބުން ވަރަށް ފަސޭހަ ވެގެން މިދިޔައީ،" މުރާދު ވިދާޅުވި އެވެ.

"ފެސީނަސް ކާބީ" ބްރޭންޑަކީ ކްލިނިކަލް ޕްރޮޑަކްޓް އުފެއްދުމަށް ދުނިޔޭގައި މަޝްހޫރު ކުންފުންޏެކެވެ. އެ ކުންފުނީގެ ދަށުން ގިނަ ބާވަތްތަކެއް ތައްޔާރު ކުރެ އެވެ.