އައިޖީއެމްއެޗް

ކެންސަރު ހުރިކަން ދެނެގަންނަ މެޝިން ގެންނަން އެސްޓީއޯއާއި ހަވާލުކޮށްފި

ކެންސަރު ދެނެގަތުމަށް ބޭނުންކުރާ -- ޕެޓް ސްކޭން މެޝިން އައިޖީއެމްއެޗަށް ގެނައުމަށް އެސްޓީއޯ އާއި ހަވާލުކޮށްފި އެވެ.

މިކަމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރެވެ. އައިޖީއެމްއެޗް ފަރާތުން ސީއީއޯ އިބްރާހިމް ސަލީމް ސޮއިކުރެއްވިއިރު އެސްޓީއޯ ފަރާތުން ސޮއިކުރެއްވީ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު އަހްމަދު ނިއުޝާދެވެ.

މިމަސައްކަތް އެސްޓީއޯ އާއި ހަވާލުކުރީ ހެލްތު މިނިސްޓްރީއާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެއްބަސްވުމުގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކާއި ހޮސްޕިޓަލަކަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ގެންނާނީ އެސްޓީއޯއިންނެވެ.

ދެ މަސް ދުވަހުގެ ތެރޭގައި ޕެޓް ސްކޭން މެޝިން ގެނެސް އައިޖީއެމްއެޗްގައި ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ.

މި މެޝިނުގެ ބޭނުމަކީ ހަށިގަނޑުގައި ކެންސަރު ހުރިތޯ ބެލުމާއި ފެތުރިފައިވާ މިންވަރު ދެނެގަތުމެވެ. އަދި ހިތާއި ސިކުނޑީގެ ބައެއް ބަލިތައް ދެނެގަތުމަށްވެސް މި މެޝިނުން ސްކޭން ހެދެ އެވެ.

ޕެޓް ސްކޭންގެ ހިދުމަތް ރާއްޖޭގައި ފެށިގެން ދިއުމަކީ ގިނަ ބަޔަކަށް ލިބޭނެ ލުޔެއް ކަމަށް ހެލްތް މިނިސްޓްރީ އިން ބުނެ އެވެ. ސަބަބަކީ ޕެޓް ސްކޭން ހެދުމަށް އާސަންދައިން ކޮންމެ އަހަރަކު ވެސް 1،000 އެއްހާ މީހުން ރާއްޖެއިން ބޭރަށް ފޮނުވަންޖެހުމެވެ.