އަދާލަތު ޕާޓީ

އިމްރާނަށް ކުރީ ހަގީގަތެއް ނެތް ތުހުމަތެއް

Feb 7, 2022
2

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ ތުހުމަތަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތުން މިހެން ބުނެފައި ވަނީ ނިމިގެން ދިޔަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް އިމްރާން ނުކުންނެވީ އިމްރާންގެ އެކުވެރި ވިޔަފާރިވެރިޔަކަށް ރަށެއް ދޭން ސަރުކާރުން ނިންމުމުން ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ކުރި ތުހުމަތަކާ ގުޅިގެން ކަމަށެވެ.

އަދާލަތު ޕާޓީން މިއަދު ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގަައި އެ ޕާޓީން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރަން ނިންމުމަކީ ޕާޓީގެ ރައީސް އިމްރާންގެ އަމިއްލަފުޅު ނިންމެވުމެއް ނޫން ކަމަށެވެ.

"އެއީ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމެއް. އެގޮތަށް ޕާޓީން ނިންމީ ކީއްވެކަން ސަބަބު ބަޔާންކޮށް ހާމަކޮށްފައި ވާނެ. އެ ނިންމުމާއެކު ޕާޓީގެ ލީޑާޝިޕުން އެގޮތަށް އަމަލުކޮށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ރާޝިދު ހޮވުމަށް އޭނާއަށް ތާއީދު އިތުރުކުރުމަށް މަސައްކަތް ކޮށްފައިވާނެ." އަދާލަތު ޕާޓީން ބުނެފައިވެ އެވެ.

އެ ޕާޓީން އިތުރަށް ބުނީ އަދާލަތު ޕާޓީއާއި އެ ޕާޓީގެ ރައީސްގެ އަބުރާއި އިއްޒަތް ގެއްލުވާލުމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ އިންތިހާބުން ލިބުނު ނާކާމިޔާބީ އާއި އެކަމުގެ މާޔޫސްކަން ފޮރުވަން ދައްކާ ވާހަކަތަކެެއްގެ ގޮތުގައި ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އަދާލަތު ޕާޓީ ކުރިން އޮތީ އިންތިހާބުގެ ކެމްޕޭންގައި ބައިވެރި ނުވާ ގޮތަށް ކަމަށެވެ.

"އަދާލަތުގެ އިލްމުވެރިޔާ ޒައިދާއި ޑރ. އިޔާޒުމެން ފަދަ އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުގެ ބޭފުޅުން ދިޔައީ މިއިންތިހާބަށް ނުނިކުންނަށް ގޮވާލަމުން،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދާލަތު ޕާޓީގެ ނިންމުން ބަދަލުވީ މިނިސްޓަރު އިމްރާނާއި އަދާލަތު ޕާޓީ އަށް ނިސްބަތްވާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ގާތް ރަހްމަތްތެރި އަރަބި ވިޔަފާރިވެރިޔަކަށް ރިސޯޓެއް ހެދުމަށް ރަށެއް ދިނުމަށް ރައީސް އޮފީހުން ނިންމުމުން ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭންގައި އަދާލަތު ޕާޓީގެ ލީޑަޝިޕްގައި ހިމެނޭ މަދު ބޭފުޅަކު ބައިވެރިވެވަޑައިގަތީ ކެމްޕޭންގެ އެންމެ ފަހު ހައެއްކަ ދުވަހު އެވެ.