އިންޑިއާ ސިފައިން ބާލަން ގޮވާލައި އިދިކޮޅުން ހިންގަމުންދާ "އިންޑިއާ އައުޓް ކެމްޕޭން" ނުހުއްޓުވައިފިނަމަ ފަނޑިޔާރުން ވަކިކުރާނެ ކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސުޕްރީމް ކޯޓަށް ދެއްވައިފި އެވެ.
އާޒިމް އެފަދައިން ފާޑު ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ހުށަހެޅުއްވި އިސްލާހުގެ ބިލަށް މިއަދު މަޖިލީހުގައި މިއަދު ފެށި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އަދި ލޯކަލް ކައުންސިލް އިންތިހާބުން ވެސް އެމްޑީޕީއަށް ކާމިޔާބު ލިބިގެން ދިއުމަަކީ ރައްޔިތުން އެމްޑީޕީ ބަލައިގަނެ އެ ޕާޓީއަށް އަދިވެސް ތާއިދު އޮތް ކަމުގެ ހެއްްކެއް ކަމަށެވެ. އަދި އެހެންވެ އެމްޑީޕީން ތާހިރު ގައުމެއް ބިނާކުރަން ޖެހޭ ކަމަށެވެ. އެފަދަ ތާހިރު ތަނަކަށް ރާއްޖެ ހަދަން ތިބީ ފަނޑިޔާރުން ކަމަށާއި އެހެން ނަމަވެސް ފަނޑިޔާރުންގެ އަމަލުތަކާމެދު ސުވާލު އުފެދޭ ކަމަށެވެ.
މިސާލެއްގެ ގޮތުގައި އާޒިމް ނެންގެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަން ކުރަން ސުޕްރީމްކޯޓުން ނިންމި ނިންމުމެވެ. އޭނާ ވިދާޅުވީ އެއީ ދެކޮޅު ނުޖެހޭ ނިންމުމެއް ކަމަށެވެ.
އާޒިމް ވިދާޅުވީ ދައުލަތުގެ 100 މިލިއަނަށް ވުރެ ގިނަ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ވަންކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވެސް އިއްތިފާގުވާއިރު ސުޕްރީމް ކޯޓުގެ ހުކުމަކީ އަޖައިބުވެ އަންތަރީސް ވާވަރުގެ ހުމުކެއް ކަމަަށެވެ. އަދި ދައުލަތުން އިންތިހާއަށް ފައިސާ ނަގާފައި ހުރި މީހަކު ހަމަދޫކޮށްލަންވީ ކަމާމެދު ސުވާލު އުފެއްދެވި އެވެ.
އެހެންކަމުން މުއައްސަސާތަކުގެ ވެރިން ބަދަލު ކޮށްގެން ވެސް ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"[ރައީސް ޔާމީން] ދޫކޮށްލައިގެން ދޭދޭ ގައުމުތަކާ ޖައްސަމުން ބޭނުން ރަށަކަށް އަރަށް ފުރުސަތު ދޭންވީތޯ. ނޫން ރައްޔިތުން ބުނީ އެކަންކަން އަޅުގަނޑުމެން ހުއްޓުވާށޭ. ފަނޑިޔާރުން އެކަން ނުކޮށްފިއްޔާމު އަޅުގަނޑުމެން މިތިބި ވަކިކުރަން ޖެހުނު ކޮންމެ ބަޔަކު ވަކިކުރަން ނުކުމެ ތައްޔާރަަށް. އެ ހެޔޮ އެންޓި ކޮރަޕްޝަން ކޮމިޝަން ކަމަށް ވިޔަސް އެ ހެޔޮ ސިވިލް ސާވިސް ކޮމިޝަން ކަމަށް ވިޔަސް އެ ހެޔޮ އިލެކްޝަން ކޮމިޝަން، ޖުޑީޝިއަލް ސިވިލް ސާވިސް ކޮމިޝަން ކަމަށް ވިޔަސް އެ ގެންނަން ޖެހުނު ބަދަލެއ ގެނެސްގެން" އާޒިމް ވިދާޅުވި އެވެ.
އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވުމަށް ސަރުކާރުން މިހާރު ދަނީ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ތައްޔާރުވަމުން ނެވެ. ޑްރާފްޓް މަރުހަލާގައި އަދި އޮތް މި ބިލުގައި މި ކެމްޕޭން ހިންގާނަމަ ޖަލަށް ލެވޭ ގޮތަށް ހަދަން ހިމަނާފައި ވެއެވެ.