މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައެއްގެ ތަހުގީގުގައި ފުލުހުން ހަދާފައިވާ ގޯސްތަކެއްގެ ސަބަބުން ދައުވާއިން މީހަކު ސަލާމަތްވެއްޖެ އެވެ.
މި މައްސަލައަކީ ދައުލަތުން ޝާނިޔާ ރަޝީދު ކުރިކީލަގެ، ސ. ހުޅުދޫ ގެ މައްޗަށް އުފުލާފައިވާ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާގެ މައްސަލަ އެވެ. މިއީ 2016 ވަނަ އަހަރު އޭނާ ލަންކާއިން ރާއްޖެ އައިއިރު ލަގެޖުން މަސްތުވާތެތި ފެނުމާއި ގުޅިގެން އުފުލާފައިވާ ދައުވާ އެކެވެ.
ޝާނިޔާ ގެނައި ލަގެޖުގެ ތިން ތަނަކުން މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. ކަސްޓަމްސް އޮފިސަރުން އެއް ފޮށި ކަނޑަން އުޅުމުގެ ތެރޭގައި މަސްތުވާތަކެތި ހުރި އެއް ޕެކެޓް ފަޅައިގެން ވެސް ދިޔަ އެވެ. އޭނާގެ އަތުން 621 ގްރާމްގެ މަސްތުވާތަކެތި ފެނުނެވެ.
ޖަދުވަލު އެކެއް ގައިވާ މަސްތުވާއެއްޗެއް ރާއްޖެ އެތެރެކޮށްފިނަމަ އޭގައި އެއް ގްރާމަށް ވުރެ އިތުރުވާނަމަ ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެވޭނެ ކަމަށް ގާނޫނުގައި އޮވެ އެވެ. ދައުވާ އުފުލައި މައްސަލަ ސާބިތުވެއްޖެނަމަ އަދަބަކީ އުމުރުރަށް ޖަލަށްލުމާއެކު އެއް ލައްކަ އާއި 10 މިލިއަން ރުފިޔާއާއި ދެމެދު އަދަދަކަށް ޖޫރިމަނާ ކުރުމެވެ.
ފުލުހުން ދައުވާ ލިބޭ ޝާނިޔާ އާއި ސުވާލުކުރުމުން އޭނާ އޭރު ބުނެފައި ވަނީ އެއީ އޭނާގެ ލޯބިވެރިޔާގެ ކޮއްކޮ އެދިގެން ގެނެސްދިން މަސްތުވާތަކެތި ކަމަށެވެ. އެކަމަކު ޝަރީއަތުގައި ދައުވާ އިއްވުމުން އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.
މި މައްސަލައިގެ ހުކުމް އިއްޔެ އިއްވާފައިވާއިރު، ހުކުމުގައި ގާޒީ ހުސެއިން ފާއިޒް ރަޝާދު ފާހަގަކުރައްވާފައި ވަނީ އެދުވަހު ޝާނިޔާއާއި އެކު އިތުރު މީހަކު ވެސް ރާއްޖެ އައި ކަމަށެވެ. އެކަން ޝާނިޔާގެ ބަހުން އަދި ސީންގައި ހަރަކާތްތެރިވި ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުންގެ ހެކިބަހުން އެނގޭ ކަމަށެވެ. އެކަމަކު އޭނާ އާއި އެއްވެސް ސުވާލެއް ކޮށްފައެއް ނުވެ އެވެ. އޭނާގެ މައްޗަށް އެއްވެސް ތަހުގީގެއް ވެސް ހިންގާފަ އެއް ނުވެ އެވެ.
ދެވަަނަ ކަމަކަށް ހުކުމުގައި ފާހަގަކޮށްފައި ވަނީ މަސްތުވާތަކެތި ތަހުލީލުކުރިއިރު ފުލުހުން ތައްޔާރުކޮށްފައިވާ ދެ ޗެއިން އޮފް ކަސްޓަޑީ އާއި އިތުރު ލިޔުންތަކުގައި ހުރި ފުށުއެރުންތަކެވެ. އެގޮތުން އޮފިސަރުން މަސްތުވާތަކެތި ގެންގުޅުނުއިރު ހަވާލުވި ގަޑި އާއި ލެބޯޓަރީއަށް އެތަކެތި ވެއްދި ގަޑިފަދަ ކަންކަމުގައި ލިޔެކިޔުންތަކުގައި ފުށުއެރުންތައް ހުރި ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ޗެއިން އޮފް ކަސްޓަޑީ މެދުކެނޑިފައިވާ ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
މި މައްސަލައިގައި ޝާނިޔާގެ ލަގެޖުން މަސްތުވާތަކެތި ފެނުނުކަމަށް ދައުލަތުން ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަހުން އެނގެ އެވެ. މިފަދަ މައްސަލަތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުކުރާން ޖެހެ އެވެ. އެކަމަކު މައްސަލައިގައި ހުރި ބޮޑެތި ފުށުއެރުންތަކެއްގެ ސަބަބުން ދައުވާ އުފުލާފައިވާ މީހާގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.