ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެކުރާން އުޅެނިކޮށް ހައްޔަރުކުރި ޕާކިސްތާނަށް ނިސްބަތްވާ ބުސްރާ އަނީސްގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން އަނެއްކާ ވެސް އިތުރުކޮށްފި އެވެ.
ބުސްރާ ހައްޔަރުކޮށްފައި ވަނީ ވައިގެ މަގުން އިތުރު ދެ މީހަކާ އެކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށެވެ. އެ މީހުން އެތަކެތި އެތެރެކޮށްދީފައި ވަނީ ދިވެއްސަކު ބުނެގެން ފައިސާއަށެވެ.
ބުސްރާގެ ޖަންގިޔާ ތެރެއިން 852 ގްރާންގެ ހެރޮއިން ފެނިފައިވެ އެވެ. އޭނާ އާއި އެކު ދަތުރުކުރި މުހައްމަދު ޔަސީންގެ ބޫޓު ތެރެއިން 738 ގްރާމްގެ ހެރޮއިން އަދި ތިން ވަނައަށް ހުރި މުނީރް އަޒީޒްގެ ބޫޓު ތެރެއިން ވެސް 895 ގްރާމްގެ ހެރޮއިން ފެނިފައިވެ އެވެ.
މީގެ ކުރިން މި މައްސަލައިގައި އެމީހުންގެ ބަންދު މުއްދަތު އިތުރުކުރި މަޖިލީހުގައި، ބުސްރާ މަރުވާން ހިތަށް އަރާތީ އޭނާ ރަގަޅަށް ބެލެހެއްޓުމަށް ގާޒީ ވަނީ އަމުރުކުރައްވާފަ އެވެ. އެފަހަރު 15 ދުވަހަށް ބަންދުކުރަން އަމުރުކުރި އެވެ.
ކޯޓުން އަނެއްކާ އިއްޔެ ވަނީ ބަންދު މުރާޖައާކޮށްފަ އެވެ. ދައުލަތުން އެދިފައި ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކޮށްދިނުމަށެވެ. އެކަމަކު އޭނާއަށް ދައުވާ އުފުލާފައި ނުވާތީ ކޯޓުން އެ އަމުރު ނެރެދީފައެއް ނުވެ އެވެ. ގާޒީ ސަފްވަތު ހަބީބް އަމުރުކުރެއްވީ އޭނާ ރިމާންޑް ޖަލެއްގައި 15 ދުވަހަށް ބަންދު ކުރުމަށެވެ.
އެ ތަކެތި ބުސްރާ އަތުން ފެނުމުން އެކަމަށް އޭނާ އިންކާރުކޮށްފައި ނުވާ ކަމަށް ވެސް އޭނާ ބަންދުކުރަން ނެރުނު ކޯޓު އަމުރުގައި ބުނެފައިވެ އެވެ. އަދި ބުސްރާގެ ނަފްސާނީ މައްސަލައެއް ހުންނާތީ އޭނާއަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފަ އެވެ.
އެ ތިން މީހުން އެތެރެކުރި ޑްރަގާ ހަވާލުވެފައި ވަނީ ދިވެއްސެކެވެ. އެމީހުން މިތަކެތި ރާއްޖެ އެތެރެކޮށްދީފައި ވަނީ 3000 ޑޮލަރަށެވެ. އެ ދިވެހި މީހާ ވެސް ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.