މާލޭގެ މޭޔަރު

ކޮމެޓީން މަސައްކަތް ކުރީ ކައުންސިލް ބަދުނާމު ކުރަން: މޭޔަރު

މާލޭގެ އަންހެނުންގެ ކޮމިޓީ އިން މައްޗަންގޮޅި އޮފީހުގައި ރޭ ބޭއްވި ނުރަސްމީ ބައްދަލުވުން ނުނިމެނީސް އޮފީހުގެ މައި ދޮރު ތަޅުލެވުނު މައްސަލަ އަކީ ގަސްތުގައި ކުރިކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް އެއީ ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މައްޗަންގޮޅި އޮފީހުގައި ރޭ ބޭއްވި ނުރަސްމީ ބައްދަލުވުން ނިންމާލުމަށް ފަހު ކޮމެޓީ މެންބަރުން އޮފީހުން ނިކުންނަން ބެލިއިރު އޮފީސް ހުރީ ތަޅުލާފައެވެ. އެއީ ކޮމެޓީ މެންބަރުން އޮފީހުގައި "ރަހީނު" ކުރުމެއްގެ ގޮތުގައި ބައެއް މެންބަރުން ވަނީ ސިފަކޮށްފައެވެ. އަދި އެ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައިވެއެވެ.

އެކަމާއި ގުޅޭގޮތުން މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން އަންހެނުންގެ ކޮމިޓީއަށް ދޭންޖެހޭ އެއްބާރުލުން ފެށުނީއްސުރެ ދެމުން އަންނަ ކަމަށެވެ. އަދި ރޭ ހިނގާދިޔަ ކަމަކީ ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށާއި މުވައްޒަފުން އޮފީސް ތަޅުލަންވާނީ ރަނގަޅަށް ބަލައި ޗެކްކުރުމަށްފަހުގައި ކަމަށެވެ.

މޭޔަރު ވިދާޅުވީ އެެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު މުވައްޒިފުން ގޮސް ދޮރު ހުޅުވާފައިވާ ކަމަށެވެ. ނަމަވެސް ކައުންސިލް ބަދުނާމުކުރުމުގެ ނިޔަތުގައި އަންހެނުންގެ ކޮމިޓީއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަންހެނުންގެ ކޮމިޓީގެ މެންބަރުންގެ އިހްލާސްތެރި ކަމެއް އޮތްނަމަ އެކަމުގައި އޭނާއަށްވެސް ގުޅުންވެން އޮތް ކަމަށާ ނަމަވެސް އެކަންވެސް ކުރައްވާފައިނުވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"މިކަން ދިމާވެފަ އެ އޮތީ. އެސްޖީ އަށް އެނގުން ހިސާބުން ސްޓާފުން ފޮނުވައިގެން އެތަން ހުޅުވައިފި. އަސްލުގަ އެކަން އެހެން ވެގެން ނުވާނެ. އަޅުގަނޑުމެން ބޭނުމެއް ނުވާނެ އެކަހަލަ ކަމެއް ދިމާވާކަށް. އެއީ ގަސްތުގައި ކުރިކަމެއް ނޫން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތަކީ އެމްޑީޕީގެ ލީޑާޝިޕުން ނުވަތަ ލީޑާޝިޕްގެ ކޮންމެސް ހިސާބަކުން ނޫނީ ރައީސުލް ޖުމްހޫރިއްޔާ އާއި ހިސާބުން އެބަ އާދޭ މިބޭފުޅުންނަށް ޕޮލިޓިކަލް ޑައިރެކްޝަނެއް އަޅުގަނޑުމެންގެ އަގު ވެއްޓޭ ގޮތަށް ނުވަތަ ކްލޭޝްވާ ގޮތަށް ކަންތައްތަކެއް ކުރަން،" މޭޔަރު ވިދާޅުވިއެވެ.