ފަނޑިޔާރުން މަގާމުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ޕީޕީއެމް / ޕީއެންސީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެމްބަރު އަލީ އާޒިމް، ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ގޮތުން ފަނޑިޔާރުން ވަކި ކުރާނެ ކަމަށާއި ރާއްޖޭގެ ޝަރުއީ ދާއިރާ އަށް ފާޑު ވިދާޅުވެފައި ވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީ އާއި ސަރުކާރު ބޭނުންވާ ގޮތަށް ކަންކަން ނުކުރާ ފަނޑިޔާރުންނަށް ފިޔަވަޅު އަޅާނެ ކަމަށާއި، އަދި އެމީހުން ބޭނުންވާ ގޮތަށް ހުކުމް ނުކުރާ ފަނޑިޔާރުން ވަކި ކުރާނެ ކަމަށް އާޒިމް ވިދާޅުވެފައިވާ ކަމަށެވެ.
އާޒިމްގެ ވާހަކަތަކަކީ ރާއްޖޭގެ ޝަރުއީ ދާއިރާ ހިސޯރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތެއްގެ ގޮތުގައި އިިދިކޮޅު ކޯލިޝަނުން ސިފަކޮށްފައިވެ އެވެ.
ބަޔާނުގައި ވަނީ ރައްޔިތުންގެ ނިންމުން ބަލައިގަނެ، މުސްތަގިއްލު މުއައްސަސާތަކަށާއި ދިވެހި ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލުމަށް އާޒިމަށާއި އެމްޑީޕީއަށް ގޮވާލާފަ އެވެ.
އާޒިމްގެ މައްސަލަ ބެލުމަށްފަހު ފިޔަވަޅު އެޅުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް ކޯލިޝަނުން ބުންޏެވެ.
އިދިކޮޅު ކޯލިޝަނުން އިތުރަށް ބުނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ދައުލަތުގެ ހުރިހާ ވަސީލަތަކާއި، ފައިސާއަކާއި، ކުންފުނިތަކާއި، ކުންފުނިތަކުގެ މުވައްޒަފުން ނާޖާއިޒު ގޮތުގައި ބޭނުންކޮށް އިންތިހާއަށް ނުފޫޒު ފޯރުވައިގެން ވެސް ދާއިރާގެ ރައްޔިތުންގެ ތާއީދު އެމްޑީޕީއަށް ލިބިފައި ނުވާ ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ހުކުމް ނުކުރާ ނަމަ ފަނޑިޔާރުން ވަކިކުރަން ޖެހިދާނެ ކަމަށެވެ. ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންކުރަން އިއްވި ހުކުމަކީ ހަމަޖެހޭ ހުކުމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އިންޑިއާ ސިފައިން ބާލަން ގޮވާލައި އިދިކޮޅުން ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕޭން ނުހުއްޓުވައިފިނަމަ ފަނޑިޔާރުން ވަކިކުރާނެ ކަމުގެ އިޝާރާތެއް ވެސް އޭނާ ވަނީ ދެއްވާފަ އެވެ.