މޯލްޑިވްސް ޕޮލިސް ސާވިސް

ގޮއިދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި

ބ. ގޮއިދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް ގޮއިދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން މެނުވީ ރައްޔިތުންނަށް އިގްތިސާދީ ފުދުންތެރިކަމާއި، އިޖުތިމާއީ ދުޅަހެޔޮކަން ނާންނާނެ ކަމަށެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި އެއް ވަބާ ކަމުގައިވާ މަސްތުވާތަކެތީގެ އަސަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ކޮށްފައިވާކަމަށް ވިދާޅުވި އެވެ.

އެކަމުގެ ފަހަތުގައި ތިބި ނުރައްކާތެރި މީހުން އެ ކުރާ މަސައްކަތަކީ ހުރިހާ މީހުންވެސް އެކަމަށް ވިސްނައިގެން ފުލުހުންގެ ހިދުމަތް ބައްޓަންކުރަންޖެހޭ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވީ ފުލުހުންގެ ހިދުމަތް މުޅި ރާއްޖޭގައި ފުޅާވެ ބޭނުންވާ ހެޔޮ ބަދަލުތައް އަންނަމުންދަނީ އެތައް ގޮންޖެހުންތަކަކާ އެކުގައިވެސް އެކަންކަމަށްޓަކައި ކޮމިޝަނާ އޮފް ޕޮލިސް ވަރަށް ބުރަ މަސައްކަތްތަކެއްގެ ކުރައްވާ ކަމަށެވެ.