ނަޝީދަށް އަމާޒު ކުރި ހަމަލަ

ޝަރީއަތް ލަސްވާތީ އައްބާސް ކަންބޮޑުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް ލަސް ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި މަންދޫބު އައްބާސް ފާއިޒް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އައްބާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ބައެއްގެ މައްޗަށް ދައުވާ އުފުލި ފަހުން މަސްތަކެއް ފާއިތުވެއްޖެ ކަމަށާ ނަމަވެސް ޝަރީއަތް ކުރިއަށް ގެންދެވިފައިވަނީ އެންމެ މީހެއް ކަމަށެވެ. އަދި މައްސަލައިގެ ވަށައިގެންވާ އެންމެންގެ ޝަރީއަތް ލަސްވެގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ އައްބާސް ފާއިޒަކީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ކުރިޔަށްދާ ތަހުގީގާއި ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ހަމަޖެއްސި ހާއްސަ މަންދޫބެކެވެ. ރައީސްގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން މޭ ހައެއް ގެ ހަމަލާޔާގުޅޭ އެންމެހައި ތަހުގީގެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވާނެ އެވެ. ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އައްބާސް ފާއިޒް ތައްޔާރުކުރައްވާނެ އެވެ.

އައްބާސް ފާއިޒް މަސައްކަތްކުރައްވަނީ ރައީސް އޮފީހުގަ އެވެ. އަދި މި ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއް ނިމި ތުހުމަތު ކުރެވޭ މީހުނާ މެދު ޝަރީއަތް ކުރެވި ނިހާއީ ހުކުމަކާ ހަމައަށް ވާސިލް ވަންދެން އައްބާސް ފާއިޒް މަސައްކަތުގައި ދެމިހުންނަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި ބޮން ގޮއްވާލި އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށް ލާން ޑިސެންބަރު 14، 2021 ގައި ވަނީ ހުކުމްކޮށްފައެވެ.

އަދުހަމް 23 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި ނަމަވެސް އޭނާ ޖަލުގައި ހުކުމް ތަންފީޒު ކުރަނީ 22 އަހަރާއި 4 މަހާއި 21 ދުވަހެވެ. އެއީ ހަމަލާއަށްފަހު އޭނާ ހައްޔަރުކުރި ގޮތަށް ހުކުމް ކުރާ ހަމައަށް ޖަލުގައި ހޭދަކުރި 221 ދުވަސް ހުކުމުން އުނިކުރުމުން ޖަލުގައި ހުންނަންޖެހޭ ދުވަސްތަކެވެ.

އަދުހަމަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ. އޭނާ ވަނީ ތަހުގީގުގައި އަދި ކޯޓުގައި ވެސް ކުށަށް އިއުތިރާފްވެފަ އެވެ. އަދުހަމް ހުރީ ހަށިގަނޑު ގޮއްވާލައިގެންވެސް އެ ހަމަލާ ދިނުމަށް ތައްޔާރަށް ކަމަށް އޭނާ ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވެ އެވެ.

އަދުހަމްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މިދިޔަ އޮގަސްޓް ތިން ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހަތަރު ދައުވާ އެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެެ ދައުވާ އާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު އަށް މީހެއްގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެ އެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި، ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.

އަދުހަމްގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ. ދެން ތިބި މީހުންގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ހުޅުވާލައިގެންނެވެ.