އައިލެންޑް އޭވިއޭޝަން

ހަރަދު އުފުލި އައިއޭއެސްއަށް 9.6 މިލިއަންގެ ގެއްލުން

Feb 8, 2022
9

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ހަރަދު މަތިވެ އެ ކުންފުންޏަށް މިދިޔަ ތިންވަނަ ކްއާޓަރުގައި ބޮޑު ގެއްލުމެއް ކުރިމަތިވެއްޖެ އެވެ.

ޕްރައިވެޓައިޒް ބޯޑް (ޕީސީބީ) އިން ނެރުނު، ގައުމީ އެއާލައިން "މޯލްޑިވިއަން" އުދުއްސާ އައިއޭއެސް ކުންފުނީގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން ހިންގުމުގެ ހަރަދު މަތިވުމުގެ ސަބަބުން އެ ކުންފުންޏަށް އެ ކުއާޓަރުގައި 9.6 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވެފައިވެ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާއި އޭގެ ކުރީ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ގެއްލުން ކުޑަވުމެކެވެ.

އައިލެންޑް އޭވިއޭޝަނަށް ގެއްލުމަކާ ކުރިމަތިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެ ކުންފުނީގެ ހަރަދުތައް މަތިވުމެވެ. އެގޮތުން މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާއި އޭގެ ކުރީ އަހަރުގެ މި މުއްދަތު އަޅާ ކިޔާނަމަ ހިންގުމުގެ ހަރަދުތައް 32 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ހަރަަދަށް އެ ކުންފުނިން 144 މިލިއަން ހަރަދުކޮށްފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ހުރީ 87 މިލިއަން ރުފިޔާގަ އެވެ. މި ހަރަދު މަތިވެފައިވަނީ މުވައްޒަފުންގެ މުސާރަތައް ކޮވިޑް-19 އަށްފަހު މަތިވެގެން ދިއުމުންނެވެ.

މޯލްޑިވިއަންގެ ހަރަދުތައް މަތިވެ ގެއްލުމާ ކުރިމަތިވެފައިވާއިރު އެ ކުންފުނީގެ ދަރަނީގެ ހާލަތު ވަނީ މިދިޔަ އަހަރުގެ ދެ ކުއާޓަރު އަޅާ ކިޔާނަމަ ގޯސްވެފަ އެވެ. އެ ކުންފުނީގައި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު 40 މިލިއަން ރުފިޔާގެ ދަރަނި އެބައޮތެވެ. އަދި މި ކުއާޓަރުގައި އެ ކުންފުނި ހިންގަން ސަރުކާރުން 49.8 މިލިއަން ރުފިޔާގެ "ކޭޝް އިންޖެކްޝަނެއް" ދީފައިވެ އެވެ.

ހަރަދު މަތިވެ ގެއްލުންވި ނަމަވެސް އެ ކުންފުނީގެ ޖުމްލަ އާމްދަނީ މިހާރު ވަނީ މަތިވާން ފަށާފަ އެވެ. ތިންވަނަ ކުއާޓަރުގައި 135.9 މިލިއަން ރުފިޔާ އާމްދަނީއެއް ލިބިފައިވެ އެވެ.

މޯލްޑިވިއަން އިން ވަނީ އެ ކުންފުނީގެ ފްލީޓް ފުޅާ ކުރަން އިތުރު އިންވެސްޓްމަންޓްތަކެއް ކުރަން އެ ކުންފުނިން ވަނީ ނިންމާފަ އެވެ. އެގޮތުން 40 މިލިއަން ޑޮލަރުގެ ބޯޓު ހޯދަން އެ ކަމަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ.