ލައިފްސްޓައިލް

ދުނިޔޭގެ އެންމެ ދިގު ފުލުހަކީ އިންޑިއާ މީހެއް!

ޖަގްދީޕް ސިންގަކީ ޓްރެފިކް ބަލަހައްޓާ ފުލުހެކެވެ. ޖަގްދީޕް އަކީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ދިގު ފުލުސް މީހާ އެވެ. އޭނާގެ އިސްކޮޅުގައި 7 ފޫޓު 6 އިންޗި ހުރެ އެވެ. ދުނިޔޭގެ އެންމެ ދިގު ފުލުސް މީހާއާ އެކު އާދައިގެ މީހަކު ސެލްފީއެއް ނަގަން ބޭނުން ވެއްޖެ ނަމަ ޖެހޭނީ ހަރުގަނޑަކަށް އަރާށެވެ. އެހާވެސް އޭނާ ދިގެވެ.

ޖަގްދީޕް ދިގުކަމުން އޭނާއަށް ހެޔޮވަރު ޕޮލިސް ޔުނިފޯމެއް ގަންނާކަށް ނުލިބެ އެވެ. އޭނާއަށް ޔުނިފޯމް ފަހައިދޭން ޚާއްސަކޮށްފައި ހުންނަ ފަހާ މީހެއް އަބަދުވެސް ހުންނަނީ އެހެންވެ އެވެ. އޭނާގެ ބޫޓުގެ ސައިޒަކީ 19 އެވެ. މި ސައިޒުގެ ބޫޓު އިންޑިއާ އިން ނުލިބޭތީ އޯޑަރު ކޮށްގެން ބޭރު ގައުމުތަކުން ގެންނަނީ އެވެ.

ދުނިޔޭގެ އެންމެ ދިގު ފުލުސްމީހާގެ ރެކޯޑް ކުރިން އޮތީ ވެސް އިންޑިޔާ މީހަކަށެވެ. އެއީ ހަރްޔާނާގައި ދިރިއުޅޭ ރާޖޭޝް ކުމާރު އެވެ. އޭނާގެ އިސްކޮޅަކީ 7 ފޫޓު 4 އިންޗި އެވެ.

ފުލުހުންގެ ޚިދުމަތުގައި 20 ވަރަކަށް އަހަރު ހޭދަކޮށްފައިވާ ޖަގްދީޕް އަކީ މިހާރު އިންޑިއާގައި ވަރަށް މަޝްހޫރު މީހެކެވެ. އަދި ގިނަ ބަޔަކު އޭނާއާއެކު ސެލްފީ ނަގަން ބޭނުންވެ އެވެ. ނަމަވެސް ލިބޭ މަޝްހޫރުކަމަށް ވުރެ ޖަގްދީޕަށް ދިރިއުޅުމުގައި ދިމާވާ ދަތިތައް ގިނަ އެވެ.

"އެންމެ އުނދަގުލީ ހެޔޮ ވަރު އަންނައުނު ހޯދަން. އާއްމުން ބޭނުންކުރާ ފާޚާނާތަކަކަށް އަހަންނަކަށް ދިގުކަމުން ނުވަދެވޭ. އަހަރެން ދަތުރުކުރަން ޖެހެނީ އަމިއްލަ ކާރުގައި. ޓެކްސީ އާއި އާއްމުން ދަތުރުކުރާ ބަސްތަކަކަށް އަހަންނަކަށް ނޭރޭ. އެ ވެހިކަލްތައް އަހަންނަށް އެރޭ ވަރަށް ވުރެ މާ ކުޑަ. އަހަންނަކަށް ރައްޓެހިވާނެ އަންހެންކުއްޖަކު ނުލިބުނު. އަދި ކައިވެނީގެ ޕްރޮޕޯޒަލް ވެސް އަންހެންކުދިން ގަބޫލެއް ނުކުރޭ. ކޮންމެ މީހަކު ބުނަނީ އަހަރެން މާ ދިގިއްޔޭ،" ޖަގްދީޕް ބުންޏެވެ.

ނަމަވެސް މިހާރު ޖަގްދީޕް ވަނީ ކައިވެނިކޮށްފަ އެވެ. އޭނާގެ އަންހެނުން ސުކްބީރް ކޯރުގެ އިސްކޮޅަކީ 5 ފޫޓު 11 އިންޗި އެވެ. ސުކްބީރް ބުނި ގޮތުގައި ދުނިޔޭގެ އެންމެ ދިގު ފުލުސް މީހާއަށް ކައިވެނިކުރުމަކީ އޭނާއަށް ލިބުނު ފަޚުރެކެވެ. އަދި ދެ މީހުން އެކުގައި ބޭރަށް ގޮސް އުޅޭއިރު ސެލެބްރިޓިންނަށް މީހުން ކުރާ އިހްތިރާމް އެމީހުންނަށް ލިބޭކަމަށް ސުކްބީރް ބުންޏެވެ.

ޖަގްދީޕްގެ މިހާރުގެ އުންމީދަކީ ގިނިސް ވޯލްޑް ރެކޯޑްސް ފޮތަށް އޭނާގެ ނަން އެރުވުމެވެ.