( 6 ފެބްރުއަރީ 2022 އާ ގުޅޭ )
"ހޫރް..." ކުއްލިއަކަށް ޒެހެން ގޮވާލިއެވެ. ހޫރައިންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. ޒެހެންގެ އަތުގައި އޮތް އެއްޗެއް އޭނާ ދައްކާލިއެވެ. އެހިނދު ހޫރައިންގެ ދެ ލޯ ބޮޑުކޮށްލެވުނެވެ.
"ނުދޭންތަ ހުރީ." ހޫރައިން އަހާލިއެވެ. ދެބަސްވުމެއްނެތި ޒެހެން ބޯޖަހާލިއެވެ. އަތުގައި އޮތް ކަޅު އަންގިއަށް އޭނާ ބަލާލީ މާނަވީ ގޮތަކަށެވެ. ހިނިތުންވުމަކާއެކުއެވެ.
"މީ އަހަރެމެންގެ ފުރަތަމަ ބައްދަލުވުން. މިހާ ދުވަސްވީއިރު އަންގި ކޮބާތޯ ހޫރް ވެސް ނާހާ. ދޭށޭ ބުނިނަމަ އަހަންނަށް ޖެހޭނީ ހޫރްގެ ބަހަށް ކިޔަމަންވާން." ހަނދާން އާކުރަމުން ޒެހެން ވާހަކަދެއްކިއެވެ.
"ތީ މަންމަގެ އަންގިއެއް." ހޫރައިން މަޑުމަޑުން ބުނެލިއެވެ.
"އަހަންނާ ސަމާސާކުރަނީތަ؟. ހޫރްގެ އަތުން ނެއްޓުނު އަންގި މީ." ޒެހެން ބުންޏެވެ. ހޫރައިން ބޯޖަހާލިއެވެ.
"ރަނގަޅު... އަހަރެން ލައްވައިގެން ހުރި އަންގިތީ. އެ ދުވަހު... އެއީ އަހަރެން ވަޒީފާއަށް ނުކުތް ފުރަތަމަ ދުވަސް. އަހަރެންގެ އަންގީގެ ތަންކޮޅެއް ހަލާކުވެފަ އިނީމަ އެ ލައްވައިގެން ނުދާންވެގެން މަންމަ ގެނެސްދިން އަންގި ބޭނުންކުރީ. މަންމަގެ އަތްތިލަ އަހަރެންގެ އަތަށްވުރެ ބޮޑުވާނެ. އެހެންވެ ފިހާރަތަކުން ވިއްކަން ހުންނަ އަންގި އެ ހުރި ގޮތަށް ބޭނުންކުރެވޭ. އަހަރެން ޖެހެނީ އަންގި ކުޑަކޮށްގެން ބޭނުންކުރަން. އެހާ ފަސޭހައިން އަންގި ނެއްޓުނީ އަހަރެންގެ އަތަށްވުރެ އަންގި ބޮޑުކަމުން. އެނގޭ އަންގި ގެންދިޔައީ ކާކުކަން. ނުކެރުނީ ދޭށޭ ބުނަން." ވާހަކަދައްކަމުން އަމިއްލަ އަތްތިލައަށް ހޫރައިން ބަލާލިއެވެ. މިހާރު ވެސް އޭނާގެ އަތްތިލަ އެވަނީ ކަޅު އަންގިއަކުން ނިވާކުރެވިފައެވެ. އެހެންނަމަވެސް އިނގިލިތަކާއި އަތްތިލައިގެ ބައްޓަން ފެނެއެވެ. އެއީ ހިމަ އިނގިލިތަކެއްވާ ކުޑަ އަތްތިލައެއްކަން ގައިމެވެ.
"މިއަތްތިލައިގެ ތެރެއަށް ޕާފެކްޓްލީ ފިޓުވާނެ ޔަގީން. ބޮޑެއްވެސް ނުވާނެ. ކުޑައެއް ވެސް ނުވާނެ... ހަމަ ޕާފެކްޓްވާނެ." ޒެހެން ކަނާއަތްތިލަ ދައްކާލިއެވެ. ހޫރައިންގެ ނަޒަރު އެ އަތަށް ހުއްޓުނެވެ. އިސްތަށިބޯ ވަރުގަދަ މުލައްދަނޑިއަކާއި ގުޅިފައިވާ ބޮޑު އަތްތިލައެކެވެ. އެ މުށުގެ ތެރޭ ކިތަންމެ ރީތިކޮށް ވެސް ހޫރައިންގެ އަތްތިލަ ފޮރުވާލެވޭނެކަން ޔަގީނެވެ. ބަހެއް ނުބުނެ ހޫރައިން ބަލަން ހުރުމުން ޒެހެން ވާހަކަދެއްކިއެވެ.
"އަހަންނަށް މީ ހޫރްގެ ހަނދާނެއް. މި އޮންނާނީ އަހަރެންގެ އަތުގަ." ޒެހެން ބުނެލިއެވެ. އަދި އަންގި ހިފައިގެން ގޮސް އޭނާ އަލަމާރިން އެ ނެގިތަނަކަށް އަލުން ލައިފިއެވެ. ލުއި ހިނިތުންވުމެއް ހޫރައިންގެ ތުންފަތުގައިވިއެވެ. އޭނާ ޒެހެންގެ ކޮންމެ ވާހަކައަކަށް ރައްދެއް ނުދިނަސް ޒެހެންގެ ކޮންމެ ވާހަކައެއް އަޑުއަހަން ހުންނަނީ ޝައުގުވެރިކަމާއި ފަރުވާތެރިކަމާއެކުއެވެ. އެ ދައްކާވާހަކައަކަށް ސަމާލުވެ އެކަމާ އޭނާ ވިސްނައެވެ.
"ބޭރަށް ނުކުންނަމާ." ކޮޓަރީގައި ދެ މީހުން ތިއްބާ މީހަކު އެމީހުން ހޯދަން އަތުވެދާނޭތީ ހޫރައިންއަށް ބުނެވުނެވެ. އޭރު ޒެހެން ވެސް އަލަމާރި ލައްޕާފައި ހޫރައިންއާ ދިމާއަށް އެނބުރިލީއެވެ.
"ހިނގާ... އެހެންނޫނީ ދޮންތައާއި ތިއްތަގެ ކައިރިން ސަލާމަތްނުވާނެ." ޒެހެން ބުނެލީ ސާރާއި ސުހާނާ ކޮށްފާނޭ ކަމަކާމެދު ވިސްނާފައެވެ. އެންމެން އުޅެނިކޮށް އޭނާ ހޫރައިން ގޮވައިގެން ކޮޓަރިއަށް ވަންކަން އެނގިއްޖެނަމަ އެކަން ބޮޑުކޮށްލާނެ ބަޔަކީ އެ ދެ މީހުންނެވެ. ކޮންމެ ފަހަރަކު ޒެހެންއާ އެއްކޮޅަށް ހުންނާނެ މީހަކީ ނަހުޔާނެއެވެ. އެމީހުން ގާތުން ޒެހެން ސަލާމަތްކުރާނީ ވެސް އޭނާއެވެ.
ސާރާގެ ދަރިފުޅު އިންޝާއަކީ ޔޫކްއާ އެއް ސުކޫލެއްގައި އުޅޭ ކުއްޖެކެވެ. އެ ދެ ކުދީންގެ އުމުރު ވެސް އެއްވަރެވެ. އިންޝާއަކީ ނިކަން ފަސޭހައިން އޭނާ ގަޔާވާ ކުއްޖެނަމަ ގުޅާލާ މިޒާޖެއްގެ ކުއްޖެކެވެ. އޭނާ ފެންނަނީ ކޮންމެ ކަމެއްގައި ޔޫކް ގޮވައިގެން އުޅޭ ތަނެވެ. ސުހާނާގެ ވެސް ހުރީ އެންމެ ކުއްޖެކެވެ. 6 އަހަރުގެ ހަނާ ވެސް އިންޝާއާއި ޔޫކްއާއެކު އުޅެއެވެ. އެކުއްޖާއަށް ވެސް މީ އާ މާޙައުލެކެވެ. ހޫރައިން ހުރި ތަނެއް ހޯދާލައި މަންމައަށް ޔޫކް ބަލާލައެވެ. އެއިން ކޮންމެ ފަހަރަކު މައުސޫމްކަން އެކުލެވިގެންވީ ހިނިތުންވުމެއް ބަދަލުކޮށްލައެވެ.
"އަޑުއެހިން ޔުނިވަސިޓީ ތެރޭ ރަހޫއާ ދިމާއަށް ޒެން އެއްޗެހި ގޮވި ވާހަކައެއް." ފޯނުކޯލު ނިންމާފައި ބަދިގެ އައިސްއަލަމާރި ކައިރީ ފެންބޯން ހުރި ސާރާ ބުންޏެވެ. އޭނާގެ ކައިރިއަށް ޒެހެން އައިސް މަޑުކޮށްލީ ފެންފޮދެއް ބޯށެވެ.
"އޭނާތަ އެ ގުޅީ. ބުނީންތަ އަހަރެން މެރީކުރަން އުޅޭ ވާހަކަ." ޒެހެންއަށް ބުނެވުނެވެ. ދެން ގަޔާނުވިފަދަ ގޮތަކަށް ކަޅި ހިންގާލުމާއެކު ދެފަރާތަށް ބޯހޫރާލިއެވެ.
"އައި ރޯލިން... އެހާވެސް ޑްރެމެޓިކްތަ؟." ކަމެއް ނަގައިގަނެވުނު ފަދައަކުން ސާރާ އަހާލައިފިއެވެ.
"މިހާރަކުނޫން. ފަހުން ދޮންތައަށް ކިޔާދޭނަން." ނިކަން އަވަހަށް ޒެހެން ބުނެލިއެވެ.
"ކޮންއިރަކުން." ޒެހެން ހަނދާންނައްތާލާފައި ނުކިޔާދީ ހުރެދާނޭ ހީވާތީ ސާރާ ބުންޏެވެ. އެއާއެކު ޒެހެން ބަލާލީ މަންމަމެންނާއެކު ދުރުގައި އިން ހޫރައިންއަށެވެ.
"ހޫރްމެން ދިޔައިމަ." ޒެހެން ބުންޏެވެ. ރަހުމާގެ ނަންކިޔާ އަޑު ވެސް ހޫރައިންއަށް އިވެން ޒެހެން ނޭދޭ ކަހަލައެވެ. ރަހުމާއާއި އެ އާއިލާއާ އޮތް ގުޅުން ހޫރައިންއަށް ކިޔާދެވިފައި ނެތީމައެވެ. އެކަމަކު އެއީ ޒެހެން ސިއްރުކުރަން ބޭނުންވާ ކަމެއްނޫނެވެ.
"ހާދަ މަޑުމަޑުންނޭ ހޫރް ހުންނަނީ. ޒެން ކިހިނެއް އޭނާ ލައްވާ ވާހަކަދައްކުވަނީ. އަހަރެން އަނގަވާޅުވާއިރު އެކުއްޖާ ބުނެލާނީ ދެބަސް. އެ ނިމުނީ... އަޑު ހުތުރުކަމުން ވާހަކަދައްކަން ނުކެރިފަ ހުންނަނީއޭ ވެސް ހީވި."
"ހޫރް ވާހަކަދައްކާނީ މަޑު އަޑަކުން. އައިބެއްނުވާ ރީތި އަޑެއް އެއީ. ކުރީން ވެސް އަހަރެން ބުނީމެންނު ހޫރް ބޭކާރު އަނގަ ނުތަޅާނޭ." ޒެހެން ބުނެލީ އެކަމާ އޭނާ ފަޚުރުވެރިވާ ފަދައަކުންނެވެ.
ޒެހެންމެން ގެއިން އިރުއޮއްސި ބަންގި ގޮވަންވާއިރަށް ޔޫކް ގޮވައިގެން ހޫރައިންއާއި ސުމައްޔާ ނުކުތެވެ. އެމީހުންނާއެކު ހަސީނާގެ ދެމަފިރިންނާއި ހަމްދޫނު ވެސް ދިޔައީއެވެ. ގެއާ ހަމައަށް ހޫރައިންގެ ތިންމައިންނާއެކު ޒެހެން އައެވެ. އޭނާ އެނބުރި ގެއަށް އައިއިރު ސާރާ އިނީ ރަހުމާގެ ވާހަކަ ފަށަން ތައްޔާރަށެވެ. ޒެހެން ހުރީ ރަހުމާއާ ދެމެދު ހިނގާދިޔަ ކަންތައް އެކަކަށްވެސް ކިޔާނުދޭށެވެ. އެކަމަކު އޭނާގެ ދުލުގައި ހިފާ ދަމަން ގަސްދުކުރީ ޚުދު ރަހުމާއެވެ. ސާރާގެ ކަންފަތާ ހަމައަށް އެފަދަ ވާހަކައެއް އިވޭނީ ރަހުމާ ދައްކައިގެން ޒެހެންއަށް އެނގެއެވެ. އެ އާއިލާގެ ގޮތް މާބޮޑަށް އެނގޭ މީހަކަށް ރަހުމާ ވެގެން އުޅޭއިރު، އެތަނުގައި ޒެހެން ދޫކޮށްލާފަ ރަހުމާގެ ކޮޅަށް އަރާނޭ އެކަކުވެސް ނެތްކަން ރަނގަޅަށް ޒެހެންއަށް އެނގެއެވެ. އެއީ އޭނާގެ ޢާއިލާއެވެ. އޭނާގެ ދެކެ ލޯބިވާމީހުންނެވެ. އަދި އެބަޔަކަށް އޭނާ ނުހަނު ބޮޑަށް އިތުބާރުކުރާ މީހުންނެވެ.
"ލޮލް..." ސުހާނާ ނިކަން ބާރަށް މިހެން ބުނެ ހޭންފެށިއެވެ. ރަހުމާ ކަންތައް ކުރިގޮތް ޒެހެން ކިޔައިދީ ނިމުނުތަނާއެވެ. އޭނާ ހޭއަޑު ބާރުވެގެން ޝާހީނާ ކުދިކިޔައިގަތުމާއެކު އަނގަމަތީ އަތްއަޅައިފިއެވެ. އެވަރުން ވެސް އޭނާ ހުނުމެއް ނުހުއްޓިއެވެ.
ހޫރައިންނާ މެދު ރަހުމާ ކަންތައްކުރި ގޮތް ސާރާއަކަށް ވެސް ކަމަކުނުދިޔައެވެ. ރަހުމާއާމެދު ޒެހެން ގަޔާނުވިޔަސް އޭނާ ޒެހެން ބޭނުންވެގެން އުޅޭކަން ސާރާއަށް ވެސް އޮތީ ހީވެފައެވެ. ސާރާގެ ކައިރީ ޒެހެންގެ ވާހަކައެއް ރަހުމާ ނުދައްކާ ފަހަރެއް ނާދެއެވެ.
"އޭނާގެ އުނދަގުލެއް ނުފޯރާނެތަ ތި ދެ މީހުންނަށް. ތި މީހުންނާ އެއްތަނެއް އެ މަސައްކަތް ކުރަނީ." ސާރާ އަހާލިއެވެ. ރަހުމާ އެހާ ފަސޭހައިން ގޮތްދޫކޮށްފާނޭ ހީނުވަނީއެވެ.
"އެވަރު ވިސްނައިގެން އުޅެނީ. ދެން ގިނަދުވަހެއް ނެތެއް. މެރީ ކުރީމަ އެންމެންނަށް ވެސް އެނގޭނެ އަހަންނަކީ މީހެއްގެ ފިރިއެއްކަން. އަހަންނަށް އަނބިމީހާނޫން އެއްވެސް އަންހެނެއް މުހިންމެއް ނުވާނެކަން."
"ބަރާބަރު. ތިގޮތުގައި ހުންނާތި." ޒެހެންގެ ވާހަކަ އިވިފައި ސުހާނާ ވަގުތުން ބުނެލިއެވެ.
ނުނިދިފައި ހޫރައިން އޮތެވެ. އޭނާއަށް ވިސްނެނީ ކައިވެންޏަށްފަހު ދިރިއުޅުމަށް އަންނާނޭ ބަދަލުތަކާމެދުއެވެ. އޭނާއާއެކު އެއް އެނދުގައި ނިދަމުން އައި ދަރިފުޅު ދުރުކޮށްލަން ޖެހޭނެކަމެވެ. އޭނާއާއި ޒެހެން އެއްކޮޓަރީގައި އުޅޭނެ ގޮތެވެ. ޒެހެންގެ ކުރިމަތީ ހޫރައިން މިހާރު ގޭތެރޭ އުޅޭފަދައިން އުޅެވިދާނެބާއެވެ. ޒެހެން ގަސްދުކުރަނީ ބޮޑު އެޕާޓްމެންޓެއް ކުއްޔަށް ހިފާށެވެ. ދެ މީހުންގެ މަންމައާއެކު އެއްތަނެއްގައި ދިރިއުޅޭށެވެ. އެގޮތް ހޫރައިންނަށް ކަމުނުދަނީއެއް ނޫނެވެ. އެހެންވިޔަސް އޭނާ އުޅެބޮޑުވި ގެ ދޫކޮށްލަން ޖެހޭތީއެވެ. އެ ގޭގެ ކޮޓަރިތަކަކީ އެ މާޙައުލަކަށް ހޫރައިން ހޭނިފައިވާ ތަނެކެވެ. އަމިއްލަ ގޭގައި އިހްސާސް ކުރެވޭ ހިތްހަމަޖެހުން އެހެންތަނަކަށް ދިރިއުޅުން ބަދަލުކޮށްގެން ލިބިދާނެބާއެވެ. ގޭގައި ގިނަ ކޮޓަރިތަކެއް ހެދިފައެއްނެތެވެ. ބައްޕަ ނޫނީ އެ ގޭގައި އެކަހަލަ ކަމެއް ކުރާނޭ މީހަކު ނެތެވެ. ބަލިވުމުގެ ކުރީން ބައްޕައަށް ވީވަރެއް އެހެރީކޮށްފައެވެ. ޒެހެންގެ ޚިޔާލާ ސުމައްޔާ އެއްބަސްވެއެވެ. ވަގުތީ ގޮތުން ގެ ކުއްޔަށް ދޫކޮށްލާފައި އެންމެން އެއްކޮށް އުޅެވޭވަރުގެ ބޮޑު އެޕާޓްމެންޓަކަށް ބަދަލުވާން މަންމަ ހުރީ ތައްޔާރަށެވެ. ދެމަފިރިން ނިދާތަނެއްގައި ބާއްވާވަރަށްވުރެ ޔޫކް ހުރީ ބޮޑުވެފައިކަން ހޫރައިންއަށް ވިސްނައިދޭން ފެށީ މަންމައެވެ. އޭނާގެ ކޮޓަރިން ޔޫކް ނެރެފައި ބާއްވަން ދެން އޮތީ މަންމަގެ ކޮޓަރީގައެވެ. އެކަމަކު އެއީ ހޫރައިން ވެސް އެންމެ ބޭނުންވާގޮތެއް ނޫނެވެ.
މަސް ދުވަސް ކައިވެންޏަކަށް ތައްޔާރުވާން ދިގެއްނުވިއެވެ. ކޮންމެ ދުވަހަކު ހޫރައިންމެން ގެއަށް ޒެހެން އާދެއެވެ. ޔޫކްއާއެކު ވަގުތު ހޭދަކުރެއެވެ. ހޫރައިންއާއި ދެމީހުން ތިބެގެން ކައިވެންޏާ ބެހޭ ގޮތުން އެ ޅަސިކުނޑިއަށް ވިސްނޭނޭވަރަށް ކަންކަން ކިޔައިދޭންވާނެކަން ޒެހެން ނިންމިއެވެ. އޭނާ އެބުނީ ހޫރައިންގެ ހިތުގައި އޮތް ވާހަކައެކެވެ. ވަމުން އަންނަ ތައްޔާރީތަކާއި އެމީހުންގެ ދިރިއުޅުމުން ޒެހެން ފެންނަލެއް ގިނަވުމަކީ ކަމެއް ހިނގަމުންދާކަން އެކުއްޖާއަށް ވެސް ފާހަގަކުރެވޭނެފަދަ ކަންކަމެވެ. އެހެންވިޔަސް އެ ދަރިފުޅުގެ ޚިޔާލު ސާފުވެފައި އޮތުން ހޫރައިންއާއި ޒެހެންއަށް ވެސް މުހިންމުވަނީއެވެ.
ހަފްތާ ބަންދަށްވާތީ އެހެންޏާ ޒެހެން އައިސް އިންނައިރަށްވުރެ ގިނައިރު ހޫރައިންމެން ގޭގައި މަޑުކުރިއެވެ. އޭނާއާއެކު ސޯފާގައި ޔޫކް އިނެވެ. ވަކިން ހުރި ގޮނޑީގައި ހޫރައިން އިނެވެ. ސުމައްޔާ ފޯނެއް އައިސް ތެދުވީއެވެ. އޭނާއަށް ގުޅީ ހަސީނާއެވެ. އަވަހަކަށް އެ ފޯނުކޯލު ނުބާއްވާނޭކަން ހޫރައިންއަށް އެނގެއެވެ. ދަރިފުޅުގެ ގާތުން ހޫރައިން އިސްނެގީ ފުރުސަތުގެ ބޭނުން ހިފުމަށެވެ. ޔޫކްއާ ވާހަކަދައްކަންވީކަން ހޫރައިންގެ އިސްނެގުމުން ޒެހެން ވަގުތުން ދެނެގަތެވެ. ހަގީގީ މަގްސަދާ ގުޅުވާ ވާހަކަފެށީ ޒެހެންނެވެ. ހޫރައިން އިނީ އޭނާ ދައްކާ ވާހަކަ އަޑުއަހާށެވެ.
"ޒެން މިގެއަށް ބަދަލުވަނީތަ. މަންމިއަށް އޯކޭތަ." ޔޫކް ބަލާލީ ހޫރައިންއަށެވެ. އޭނާ މަޑުމަޑުން ބޯޖަހާލީއެވެ.
"ޔޫކް، ދަރިފުޅަށް އެންމެ ރަނގަޅުތަ. ޒެންއާއެކު އަހަރެމެން ބޮޑު ގެއަކަށްދާން މިއުޅެނީ. މާމައާއި ހުރިހާ ކުދީން އެކީގަ." ހޫރައިން ބުންޏެވެ.
"މަންމި ހެޕީވާނެތަ ޔޫކް އޯކޭ ބުނެފިއްޔާ." ޔޫކް ބުނެލިއެވެ. އާނއެކޭ ބުނުމަށް ހޫރައިން ބޯޖަހާލިއެވެ.
"ދެން ދުވަހަކުވެސް ޒެން ނުދާނެތަ. އަބަދު ހުންނާނެތަ ޔޫކްމެން ކައިރީ." ޔޫކް އަހާލީ ޒެހެންއަށް ވެސް ބަލަމުންނެވެ.
"އިންޝާﷲ... ނުދާނަން. ދުވަހަކުވެސް ޔޫކްއާއި ޔޫކްގެ މަންމަ ދޫކޮށްލާފައި ނުދާނަން. ޒެން ވަރަށް ބޭނުން ޔޫކްއާއި މަންމިއާ ދެކުދީންނާއެކު އުޅޭން. ތި ދެކުދީންދެކެ ވެސް ޒެން ވަރަށް ލޯބިވޭ."
"ޔޫމް އެންމެ ބޮޑުކޮށް ލޯބިވަނީ މަންމިދެކެ." ޔޫކް މިހެން ބުނެލުމުން ޒެހެން ހީނލިއެވެ. ހޫރައިން ވަގުތުން އާންމުކޮށް އޭނާ ދޭ ޖަވާބު ދަރިފުޅަށް ދިނެވެ.
އެރޭ ފަހުން ހޫރައިންއާ ވަރަށް ގިނަ ސުވާލު ޔޫކް ކުރިއެވެ. ހުރިހާ ސުވާލުތަކުން ހޫރައިން ސިއްސުވާލީ ޒެހެންއަކީ ޔޫކްގެ ބައްޕަތޯ އެކުއްޖާ އަހާލުމުންނެވެ. އެހެންޏާ އެ ދަރިފުޅަށް ނުދޭ ޖަވާބެއް ހޫރައިން ދިނެވެ. ޔޫކްގެ ބައްޕަ ދުވަހަކުވެސް އެމީހުންގެ ގާތަށް ނާންނާނެކަމެވެ. ޒެހެން ބައްޕައަކަށް ކަމަކުނުދޭތޯ ހޫރައިންއަށް އަހާލެވުނެވެ. އެ އާއިލާއާ ޒެހެން ގުޅެނީ ޔޫކްގެ ބައްޕައަކަށް ވާން ބޭނުންވާތީކަން ހޫރައިން ބުންޏެވެ. އޭރުން ޔޫކްގެ ވެސް މަންމައަކާއި ބައްޕައެއް ހުންނާނޭކަން ބުންޏެވެ. ބައްޕައަކާ ދެމެދު އޮންނާނީ ކޮންކަހަލަ ގާތްކަމެއްކަން ކުޑަކުޑަ ޔޫކްއަކަށް ނޭނގެއެވެ. އެހެންވިޔަސް އޭނާގެ ނަޒަރުގައި ޒެހެންއަކީ ރަނގަޅު މީހެކެވެ. ޔޫކްގެ އެކުވެރިއެއް ވެސް މެއެވެ. އޭނާގެ މަންމައަށް ސަމާލުކަންދީ އުފާކޮށްދޭ މީހެކެވެ. އެފަދަ މީހަކަށް އެކުއްޖާ ފުރުސަތުދޭން ގަބޫލެވެ.
"ސީރިއަސްކޮށްތަ؟." އިށީނދެ އިން ގޮނޑިން ތެދުވެވުނު ގޮތަށް ދެ ލޯ ބޮޑުކޮށްލައިގެން ހުރެ ޝާފީ އަހާލިއެވެ. ޔުނިވަރސިޓީގަ އުޅޭ ގާތް ހުރިހާ އެންމެންނަށް ޒެހެން އައީ ކައިވެނީގެ ދަޢުވަތު ކާޑު ހިފައިގެންނެވެ.
"ފޭކެއްނޫން. ތީ ހަމަ އަސްލު. އަހަރެމެންގެ ވަލީމާގަ ބައިވެރިވާންވާނެ. ތާނީ އަނައްޗޭ." އުފާވެރި ހިނިތުންވުމަކާއެކު ކައިވެނީގެ ވަލީމާގެ ދަޢުވަތު ކާޑަށް ބަލަން އިން ތަހާނީ ވެސް ޒެހެންގެ ވާހަކައިގަ ބައިވެރިކޮށްލިއެވެ.
"ޝުއާ..." ތަހާނީ ބުނެލިއެވެ.
"މިހިސާބަށް ކަންތައްދިޔައިރު އަންގާވެސް ނުލާ. ތީ ކޮންކަހަލަ މީހެއް." ޝާފީ ޝަކުވާކޮށްލިއެވެ.
"ކަމުދާ އަންހެންކުއްޖަކު ފެނި އޭނާ ރުހުނީމާ އެވީ ދެން އަވަހަށް ކައިވެނި ކުރާން. އަހަންނަށް ކަމުދާ މީހުން އަހަރެންގެ އެކުވެރީންނަށް ކަމުނުދަންޏާ ނުބުނެވޭނެ ދޯ." ޒެހެން ހާމަކުރީ ކަންއޮތް ގޮތެވެ.
"އައި ކާންޓް ބިލީވް ދިސް. ހަމަ ހޫރްއާތަ ތިކައިވެނި ކުރަނީ." ޝާފީއަށް ބުނެވުނެވެ.
"އަހަރެންގެ ނަމާއެކު ތީގަ އޮތީ އެހެން އަންހެނެއްގެ ނަންތަ؟." ހެވިފައި ހުރެ ޒެހެން ބުންޏެވެ.
"ރަހޫއަށް އެނގޭތަ؟. ނޭނގޭ ދޯ." ޝާފީއަށް ބުނެވުނެވެ.
"ތި މީހުން ކައިރިޔަށް އެންމެ ފުރަތަމަ މިއައީ. ރަހީމް ހުރީ ކުލާހެއްގަ. ރަހޫއަށް ވެސް ކާޑެއް އޮންނާނެ." ޒެހެން އާދައިގެ ގޮތެއްގައި ބުނެލިއެވެ.
"މިވެސް ޕާޓީއެއްތަ. އަހަރެމެން ގޮވައިގެން ކެއުމަކަށް ދިއުމެކޭ ކޮބާ ތަފާތެއް. އަންހެނުންނާ ފިރިހެނުން ވަކިން... ބޮޑުވަރު." ކާޑަށް ބަލަން ހުރެ ޝާފީ ބުނެލިއެވެ.
"ކޮބާ މައްސަލައަކީ. އެގޮތް ރަނގަޅީނު. ކައިވެންޏަކީ މާތް ގުޅުމެއްނު. އެފަދަ ޙަފުލާއެއްގައި ފާފަކުރާން ފުރުސަތުތަކެއް ދޭންވީ ކީއްކުރަން. އަންނަ ކޮންމެ އަންހެނަކަށް ނުބަލަން ނިޔަތް ގަތަސް އަހަރެމެން ފިރިހެނުންނަށް ނުހުރެވޭނެ ނުބަލައެއް. އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައި ދަމާބާރެއްވާއިރު އެކަން ހުއްޓުވާނީ ކިހިނެއް. އަންނަ ހުރިހާ އަންހެނުން ތިބޭނީ ހޫރްހެން ނިވާވެގެންނެއް ވެސް ނޫން. ހުރިހާ އަންހެނުންތައް އެއްތަނެއްގައި ތިބޭއިރު ފިރިހެނަކު ބަލާތީ އުނދަގޫވެގެން އުޅޭކަށް ނުޖެހޭނެ. އެނީވޭޒް... ތިހެން ވަކިކޮށްލީމާ އެވަގުތުކޮޅު ވެސް ލޮލުން ފާފައަކަށް އަރައިގަތުމުން ސަލާމަތްވީއެއްނު." ހެވިފައި ހުރެ ޒެހެން ބުނެލީ އަމިއްލަ ނަފްސު ވެސް ޝާމިލުކުރަމުންނެވެ. ތަހާނީ ވެސް ހީނލާފައި ތަފާތޭ ބުނެލިއެވެ. އެގޮތަށް ބާއްވާ ވަލީމާއަކަށް އޭނާ އަދި ނުދާކަން ބުނެ އެކަމުގައި ބައިވެރިވާން ބޭނުންވާކަން ހާމަކުރިއެވެ. ފާޑުކިޔުމުގައި ޝާފީ މީހަކަށް ނުވާނޭކަން ޒެހެންއަށް އެނގެއެވެ. އެކަމުގައި ކުރީގަ އަބަދުވެސް އުޅޭ މީހަކީ ރަހީމެވެ.
މިއުނާ ހުންނަ ގޭގެ ވެރިމީހާއާ އޭނާއާ އެކުވެރިކަން އޮވެއެވެ. އެ ގޭގެ ކޮންމެ ފަންގިފިލާއެއްގައި ހުންނަނީ ތިންކޮޓަރީގެ ދެ އެޕާޓްމެންޓެވެ. އަށްވަނަ ފަންގިފިލާއެއްކޮށް މިއުނާ ކުއްޔަށް ނެގީ އޭނާ ކުރީން ހިފާފައި ހުރި ތަން ދޫކޮށްލާފައެވެ. ޒެހެންއާއެކު އެޕާޓްމެންޓަށް ބޭނުންވާނޭ ހުރިހާ އެއްޗެއް ހޯދާ ހަމަކުރިއެވެ. ސުމައްޔާއާއި މިއުނާގެ ގުޅުން ގާތްވެފައި ވެއެވެ. އިރުއިރުކޮޅުން ސުމައްޔާގެ ޚިޔާލެއް ހޯދަން މިއުނާ ގުޅާނެއެވެ. ސުމައްޔާއާ ވާހަކަދައްކާފައި މިއުނާ ނިންމީ އެއް އެޕާޓްމެންޓް ޒެހެންއާއި ހޫރައިން އެކަނި ދިރިއުޅުމަށް ދީފައި މިއުނާއާއެކު އުޅޭން ސުމައްޔާ ބަދަލުވާށެވެ. މިއުނާ ކުރާ ޚަރަދު ފެނި ސުމައްޔާ އަޖައިބުވާހާވެއެވެ. އެހެންވިޔަސް އޭނާއަކީ ފައިސާވެރި އަންހެނެއްކަން ސުމައްޔާއަށް އެނގެއެވެ.
ކައިވެނި ކުރާން ހަމަޖެހިފައި އޮތީ ހުކުރުވިލޭރޭގައެވެ. އޭގެ ދެ ދުވަސް ކުރީން އެންމެންގެ އެއްޗެއް އެޕާޓްމެންޓަށް ގެންދެވުނެވެ. ގޭތެރެ ރަމަތަކުރުމުގައި ވަގުތައް ދިޔަ ގޮތް ވެސް ނޭނގެއެވެ. މަންމަގެ ނިންމުމަށް ހޫރައިން އެއްޗެކޭ ނުބުނޭ އެ މަންމަ އޭނާ ނުފެންނަ ހިސާބަށް ނުދާކަން އެނގޭތީއެވެ. އެހެންވިޔަސް ވަގުތު ކުޑަތަން ވަމުން އައިވަރަކަށް ހޫރައިންގެ ހިތް އަވަސްވަމުންދިޔައެވެ.
"ހޫރް..." ހޫރައިންގެ ފަހަތުން އައިސް ކޮޓަރިއަށް ވަން ސުމައްޔާ ގޮވާލިއެވެ. އެނދުމަތީ އޮތް ހުދުކުލައިގެ ކައިވެނި ހެދުމަށް ހޫރައިން ބަލަން ހުއްޓެވެ.
"ކީއްވީ. ހާސްވަނީތަ." ސުމައްޔާ އައިސް ދަރިފުޅުގެ ގައިގާ ހިފަހައްޓާލިއެވެ. ހޫރައިން ހަމައެކަނި ބޯޖަހާލީއެވެ.
"ހިތަށް އަރަނީ ހަމަ ކައިވެނި ކުރެވެނީބާއޭ. ކަމެއް ދިމާނުވާނެބާއޭ. އަހަރެން ހޭ މިއުޅެނީ ކައިވެނި ކުރާން. ދެންވާނީ ކިހިނެއްބާއޭ. އޭނާއާއެކު މުޅިއުމުރު އުޅެވޭނެބާއޭ." ހިތުގައިވި އުދާސްތައް ހޫރައިން ބޭރުކޮށްލިއެވެ.
"އަލަތު ކައިވެނި ކުރެވެން އުޅޭއިރު ތިފަދަ ބިރުތައް ހިތަށް ވަންނާނެ. އެކަމަކު ޔަގީންކުރަންވީ މިހިސާބަށް ދަރިފުޅު ގެނެސްދިނީ ﷲ ކަން. އަދި މިހިސާބަށް ގެނައުމަށް ކުޅަދުންވަންތަ ކަލާނގެ ދަރިފުޅު ދޫކޮށެއްނުލާނެ. އަޅުންގެ ކެތްތެރިކަމުގެ އަގު އެކަލާނގެ ދެއްވަނީ އެންމެ ފުރިހަމަ ގޮތުގައި. މިއަދަށްފަހު ދަރިފުޅުގެ ލޮލުން ކަރުނަ ފާޅުވެއްޖެނަމަ އެއީ އުފާވެރިކަމުގެ ކަރުނައަށްވާން މަންމަ އެދެނީ. ޒެހެންއަކީ ވަރަށް ރަނގަޅު ކުއްޖެއް. އޭނާއާއެކު ﷲ ގެ ރަޙުމަތްވޭ. ދެން އުޅޭ ތައްޔާރުވާން. ޔޫކް ވެސް ތައްޔާރުކުރަން ޖެހޭނެއެއްނު. ހަސިންތަ ވެސް ބުނެފި މިކޮޅަށް އަންނަނީއޭ." ސުމައްޔާ މިއަދު އެ ހުރީ ދުވަހަކުވެސް އުފާނުވާވަރަށް އުފަލުންނެވެ. ހިތްހަމަޖެހިފައެވެ. އެ ހިތް ﷲ އަށް ޝުކުރުވެރިވެއެވެ. އޭނާގެ އިމްތިހާނުން ނެރުއްވައި ހިތުގެ ރުއިމުގެ އަޑު އެކަލާނގެ ގަބޫލުކުރައްވައިކަމުގެ އިހްސާސް ސުމައްޔާއަށް ކުރެވެއެވެ. ދަރިފުޅުގެ އަނދިރިވެފައިވާ ހަޔާތުން އަލިކަމެއް ފާޅުވާތީ އޭނާއަށް މިހާރު ފެނެއެވެ.
ވަލީމާ އޮތް މާލަމަށް ދާން ނިންމާފައި އޮތީ ގޭގައި ކައިވެނި ކުރުމަށްފަހުއެވެ. މޭޒުދޮށުގައި ކައިވެނިކޮށްދޭ މީހުންނާއެކު ޒެހެންއާއި ދެ ހެކިވެރީންގެ އިތުރުން މުނައްވަރު އިނެވެ. ގާޒީ އައުމުންކަން ހޫރައިން ނުކުންނާނީ ޒެހެންއަށް އެނގެއެވެ. އޭނާ އިނީ ހިތް އަވަސްވެފައެވެ. ކަޅުކުލައިގެ ބޮޑު ހެދުމުގައި އަބަދު ފެންނަ ހޫރައިން ހުދުކުލައިގެ ކައިވެނި ހެދުމުގައި ހުންނާނޭ ގޮތް އެ ހިތަށް ސިފަކުރެވުނެވެ. ލުއި ހިނިތުންވުމެއް އެ ތުންފަތުގައި ވިއެވެ. ހޫރައިން އޭނާގެ އަނބިމީހާއަށް ވަނީކަން ހިތާހިތާ ކިޔާލެވުނެވެ. އެއާއެކު އޭނާގެ ހިތް ﷲ ދެއްވި ނިޢުމަތައް ޝުކުރުވެރިވާން އަވަސްވިއެވެ. ޒެހެންގެ ސަމާލުކަން އެނބުރުނީ މަންމަމެންގެ އަޑު އިވިގެންނެވެ. އޭނާގެ ނަޒަރު ހޫރައިން ހޯދާލިއެވެ. ނޭވާލާން ހަނދާންނެތުނު ފަދައަކުން ހަރަކާތްތައް ހުއްޓިފައި ޒެހެންއަށް ބަލަން އިނދެވުނީއެވެ. ޒެހެންއާ ޖެހިގެން ހުރި ގޮނޑީގައި ހޫރައިން ގެނެސް ބޭންދީ ސުމައްޔާއެވެ.
"މާޝާﷲ... ތީ ހަގީގަތުގައި ވެސް ހޫރެއްކަން ޔަގީން... މިދުނިޔެމަތީގައާއި ދާއިމީ ހަޔާތުގައި ވެސް ހަމައެކަނި އަހަރެންގެ މީހެއް. އަހަރެންގެ ހޫރައިން... އައި ކާންޓް ވެއިޓް ޓު ކިސް ޔޯ އައިޒް." ހޫރައިންއާ ނަޒަރު ވަކިކޮށްނުލެވިފައި އިން ޒެހެންގެ ހިތުގެ ތެރޭ ޖަޒުބާތުތައް އުތުރިގަތެވެ. (ނުނިމޭ)