މާލޭ ސިޓީ ކައުންސިލް

މާލޭގެ 32 މިސްކިތެއް މަރާމާތުކުރުމުގެ މަސައްކަތް ފަށައިިފި

Feb 8, 2022
1

ރޯދަ މަހާ ދިމާކޮށް މާލެ ސަރަހައްދުގައި ހުރި 32 މިސްކިތެއް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މާލެ ސަރަހައްދުގައި މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ 42 މިސްކިތެއް އެބަހުއްޓެވެ.

ރޯދަ މަހާ ދިމާކޮށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތުކޮށް، އާބާތުރަ ފިލުވުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފެށީ އިއްޔެގަ އެވެ.

މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ ސަރުކާރުން ހަމަޖައްސައިދިން އެއް މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ. ނަމަވެސް ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި އެ މަސައްކަތަށް 13.8 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުރަށް ހޭދަވާ ފައިސާ ހޯދުމަށް އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށާއި ނަމަވެސް ބަޖެޓް ލިބޭނެ ކަމުގެ ޔަގީންކަމެއް އަދި ނެތް ކަމަށެވެ.

"ހަގީގަތުގައި އެއް މިލިއަން މިއީ ވަރަށް ކުޑަ އަދަދެއް މިސްކިތްތައް މަރާމާތުކުރަން. ވަގުފް ފަންޑަކުން ވެސް އަޅުގަނޑުމެންނަށް ފައިސާއެއް ނުލިބޭ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިސްކިތްތައް މަރާމާތުކުުރުމާއި އާބާތުރަ ފިލުވުމުގެ މަަސައްކަތް ރޯދަ މަހަށް ނިންމާލެވޭނެ ކަމަށެވެ.

މިސްކިތްތައް މަރާމާތުކުރުމަށް ބޭނުންވާ ބަޖެޓް ނުލިބިގެން މާލެ ސިޓީ ކައުންސިލުން ކުރިން ވަނީ ޓެލެތޯން އެއް ހިންގައިގެން ފަންޑެއް އެކުލަވާލުމަށް ވެސް ނިންމާފަ އެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ ރޯދައިގެ ކުރިން ކޮވިޑްގެ ހާލަތަށް ލުއިތަކެއް ލިބިއްޖެނަމަ ޓެލެތޯން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.