އިސްލާމިކް މިނިސްޓްރީ

މަހާނަތަކުގެ މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން އަންގައިފި

May 26, 2022
1

މަހާނަތަކުގެ މަތީގައި ރޭނުމާއި ޒީނަތްތެރި ކުރުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލްއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނީ މިހާރަކަށް އައިސް ބައެއް ގަބުރުސްތާނުތަކުގެ މަހާނަތައް ޒީނަތްތެރިކޮށް މަހާނަތަކުގައި ގާފޮޅު ޖެހުމާއި ރާނާ ހަދާ މުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. ގަބުރުސްތާނަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ބޮޑަށް ހުރުމަތްތެރި ކުރައްވާފައިވާ ތަނެއް ކަމަށާއި އަދި މަހާނަތަކަށް އިހުމާލުވެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް އަމަލެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށްވެސް އެ ސިޓީގައިވެއެވެ.

ޒީނަތްތެރިކަމުގެ ގޮތުން ރާނާ ހެދުމަކީ ވެސް އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން ކަމަށް މިނިސްޓްރީން ބުނެއެވެ.

"މަހާނަތައް ޒީނަތްތެރި ކުރުމުގެ ނިޔަތުގައި އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފަށް އާ ސަހަރާގެ ގަބުރުސްތާނުގައި މަހާނަތައް މަތީ ރާނާ ހަދަމުންދާތީ މިކަން ހުއްޓުވައި ދެއްވުން އެދި ދަންނަވަމެވެ،" އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.