މާލޭ ސިޓީ ކައުންސިލް

ޕޯސްޓް އޮފީސް ކުރިމަތި ޖެޓީ އަތޮޅުތަކަށް ފުރާ ލޯންޗުތަކަށް

Feb 8, 2022
1

މާލޭގެ ރަސްމީ ފާލާމުގެ ހުޅަނގުން އޮތް ޖެޓީން ރަށްރަށަށް ފުރަމުން ދިޔަ ލޯންޗްތައް ޕޯސްޓް އޮފީސް ކުރިމަތީގައި އޮތް ޖެޓީ ބޭނުންކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ސިޓީ ކައުންސިލްގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ އެގޮތަށް ހަމަޖެއްސީ ރަސްމީ ފާލަމުގެ ހުޅަނގު ޖެޓީން ލޯންޗުތައް ފުރާތީ އެ ސަރަހައްދަށް އެއްވާ މީހުންނާއި ކައިރި ކުރާ އެއްގަމު އުޅަނދުތަކާ ގުޅިގެން އެ ދިމާލުގެ ޓްރެފިކް ބާރުބޮޑުވާތީ ކަމަށެވެ.

މީގެއިތުރުން އެ ސަރަހައްދުގައި ހިޔާވެލައިގެން ތިބެވޭނެ އެއްވެސް ތަނެއް ނެތި އާންމު ރައްޔިތުން ގިނައިރު ކޮޅަށް ތިބެންޖެހުމަކީ ވެސް ޕޯސްޓް އޮފީސް ކުރިމަތީގައި އޮތް ޖެޓީ ބޭނުންކުރަން އެންގި ސަބަބެއް ކަމަށެވެ.

"ލޯންޗްތައް ފުރަން މިހާރު މި ހަމަޖެއްސި ދިމާލަކީ ކުރިން ހުޅުލެ އެއާޕޯޓަށް ދަތުރުުކުރި ފެރީތައް ބޭނުންކުރި ސަރަހައްދު. އެ ދިމާލުގައި މަދުން ނަމަވެސް އެބަހުރި އާންމުންނަށް ހިޔާވެލެވޭނެ ގޮތްތަކެއް. މިބަދަލު ހުރިހާ ގޮތަކުން ވެސް ރަނގަޅު ވާނެ ކަމަށް ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

މާލޭގެ ރަސްމީ ފާލާމުގެ ހުޅަނގުން އޮތް ޖެޓީން ރަށްރަށަށް ފުރަމުން ދިޔަ ލޯންޗްތައް، ޕޯސްޓް އޮފީސް ކުރިމަތީގައި އޮތް ޖެޓީ ބޭނުންކުރަން އެންގީ ޓްރެފިކް މައްސަލަ ބޮޑުވެގެން ކަމަށް ސިޓީ ކައުންސިލުން ބުނާއިރު ޕޯސްޓް އޮފީސް ކުރިމައްޗަކީ މިހާރު ވެސް ޓްރެފިކް ބޮޑު ސަރަހައްދެކެވެ.

އޮފިޝަލް ވިދާޅުވީ ޕޯސްޓް އޮފީސް ކުރިމަތީ ޖެޓީ ސަރަހައްދުގައި އާންމުންނަށް ހިޔާވެލައިގެން ތިބެވޭނެ ތަނެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ޕޯސްޓް އޮފީސް ކުރިމަތީގައި އޮތް ފަޅު ހުސްވީ ސިނަމާލެ ބްރިޖު ހުޅުވުމާ އެކު ފެރީގައި އެއާޕޯޓަށް ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުުވުމާ ގުޅިގެންނެވެ.

މާލޭގެ ރަސްމީ ފާލާމުގެ ހުޅަނގުން އޮތް ޖެޓީން ދެން ބޭނުންކުރާނީ އަތޮޅު ތެރެއިން މޭވާއާއި ތަރުކާރީ ހިފައިގެން އަންނަ ދޯނިތަކުންނެވެ. ދޯނިތަކަށް އެ ސަރަހައްދަށް ކައިރިކޮށް ހެދޭނީ ކަނޑައަޅައި ވަކި ތާވަލެއްގެ ދަށުން ކަމަށްވާތީ އެ ސަރަަހައްދުގެ ތޮއްޖެހުން ކުޑަކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.