މުހައްމަދު ސައީދު

ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެއްބަސްވުމުގެ މަޝްވަރާތައް ބަނޑޮހުގައި

ޗައިނާ / މޯލްޑިވްސް ފްރީ ޓްރޭޑް އެއްބަސްވުން ގާއިމު ކުރުމުގެ ރަސްމީ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން މާދަމާ ރާއްޖޭގައި ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ދެ ގައުން ނިންމާފައިވަނީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް އިތުރަށް ފަސޭހަވެ އިންވެސްޓްމަންޓް ފުޅާކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެތީ ދެގައުމުން އެކަމަށް ޝައުގުވެރިވެގެނެވެ.

މި އެއްބަސްވުމުން ގާއިމުކުރުމަށް މަޝްވަރާތައް ފެށުމަށް މިދިޔަ ސެޕްޓެމްބަރު މަހު ދެ ގައުމުން އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެއެވެ. މި އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްގެ ވައިސް މިނިސްޓަރު ގާއޯ ޔަން އެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބާއްވާ މަޝްވަރާތަކާ ގުޅޭގޮތުން "އަވަސް"އަށް މިރޭ މައުލޫމާތު ދެއްވަމުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރަސްމީ މަޝްވަރާތަކުގެ ފުރަތަމަ ބައި މާދަމާ ރާއްޖޭގައި ފަށާނެ ކަމަށާއި މަޝްވަރާ ބައްދަލުވުން ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖެއަށް ވިޔަފާރީގެ ގޮތުން ބޮޑު ފައިދާއެއް ކުރާނެ އެއްބަސްވުމެއް ކަމަށާއި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް އެތެރެކުރާ އުފެއްދުންތަކުގެ މިންވަރު އިތުރުވެ، ޗައިނާއަށް އެ އުފެއްދުންތައް ރާއްޖެ އެތެރެކުރުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

އަދި ވިދާޅުވީ މާދަމާ ބާއްވާ މަޝްވަރާތަކުގައި ޗައިނާގެ ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވާއިރު ރާއްޖޭގެ އިކޮނޮމިކް ސެކްޓަރުގެ ބޭފުޅުންގެ ޓީމެއް ވެސް މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށެވެ. -- ރާއްޖޭގެ ޓީމް ލީޑްކުރައްވާނީ އިކޮނޮމިކް މިނިސްޓަރު ސައީދެވެ. --

ބައްދަލުވުމުގައި ރާއްޖޭގެ މަސްވެރިންނަށް ލުއި ހަރަދު ކުޑަ ގޮތަކަށް އުފެއްދުންތައް ޗައިނާއަށް އެތެރެކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށާއި މަހުގެ ބާވަތްތައް ޗައިނާއަށް އެތެރެކުރުމަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ފަސޭހަވެގެން ދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން ފައިނޭންޝަލް ސެކްޓަރު އިތުރަށް ހަރުދަނާ ކުރުމަށް އިތުރު ބޭންކުތައް ރާއްޖެ ގެނައުމާ ގުޅޭ ގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާކުރާނެ އެވެ.

މާދަމާ ހެނދުނު ބަނޑޮސް އައިލެންޑްގައި ފުރަތަމަ މަޝްވަރާ ބައްދަލުވުންތައް ފަށާއިރު ދެ މަސް ފަހުން ދެވަނަ ބައްދަލުވުން އޮންނާނީ ޗާއިނާގަ އެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރާނީ އޭގެ ފަހުންނެވެ.