ރައްޔިތުންގެ މަޖިލިސް

ރާޝިދު ހުވާ ކުރުން މާދަމާ

ކޮމަންޑޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ރާޝިދު މާދަމާ މެންބަރު ކަމުގެ ހުވާ ކުރެއްވުން އޮންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ރާޝީދު ހުވާ ކުރެއްވުން މާދަމާ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ހުވާކުރުން އޮތީ މާދަމާ ހެނދުނު 8:30 ގައެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދު ކާމިޔާބު ކުރެއްވީ އޭނާއާ ވާދަކުރެއްވި ޕީޕީއެމްގެ މޫސާ ފަތުހީ އާ 240 ވޯޓްގެ ތަފާތުން ކުރި ހޯއްދަވައިގެންނެވެ.

ކޮމިޝަނުން މިއަދު އިއުލާން ކުރި ދާއިމީ ނަތީޖާ ތަކަށް ބަލާއިރު އިންތިހާބު ކާމިޔާބު ކުރެއްވި ރާޝިދަށް ލިބިވަޑައިގަތީ 1،401 ވޯޓެވެ. ފަތުހީއަށް 1،161 ވޯޓު ލިބިވަޑައިގެންނެވިއިރު ހަންނާނަށް 323 ވޯޓް ލިބިވަޑައިގަތެވެ.

މި އިންތިހާބުގައި ވޯޓްލީ މީހުންގެ ޖުމްލަ އަދަދަކީ 2،932 އެވެ. ސައްހަ ވޯޓްގެ އަދަދަކީ 2،885 ވޯޓެވެ. 47 ވޯޓް ބާތިލު ވޯޓްގެ ގޮތުގައި ގުނާފައިވެއެވެ.

މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 3،309 މީހަކަށް ލިބިފައިވާއިރު ވޯޓްލާފައިވަނީ 88.61 ޕަސެންޓް މީހުންނެވެ.