އެސްޓީއޯ

ރަށްތަކަށް ފޮނުވަން 15 އެމްބިއުލާންސް ގެނެސްފި

Feb 8, 2022
1

އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުން ކުރުމަށް އިތުރު 15 އެމްބިއުލާންސް މިއަދު މާލެ ގެނެސްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ އަތޮޅުތަކުގައި އެމްބިއުލާންސްގެ ހިދުމަތް ނުދެވޭ 96 ރަށެއް ފާހަގަވެފައިވާތީ އެ ރަށްރަށަށް އެމްބިއުލާންސް ފޯރު ކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށައިފައިވާ ކަމަށެވެ އެގޮތުން ހެލްތު މިނިސްޓްރީން އެސްޓީއޯއާއެކު މިދިޔަ ޖޫން މަހު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ އިރު ހަ މަސް ދުވަސް ތެރޭގައި 96 އެމްބިއުލާންސް ގެންނަން ޖެހެއެވެ.

އޭގެ ތެެރެއިން 20 އެމްބިއުލެންސް ރާއްޖެ ގެނެސް މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ އެ އެމްބިއުލާންސްތައް 20 ރަށަކަށް ފޮނުވާފަ އެވެ. އަދި ބާކީ ހުރި 76 އެމްބިއުލާންސްގެ ތެރެއިން 20 އެމްބިއުލާންސް ނޮވެންބަރު 19 ވަނަ ދުވަހު ވަނީ މާލެ ގެނެސްފައެވެ.

އެމްބިއުލާންސް ގެންނަން ހަވާލުކޮށްފައިވާ އެސްޓީއޯ އިން ބުނީ އިތުރު 15 އެމްބިއުލާންސް މިއަދު މާލެ ގެނެސްފައިވާ ކަމަށެވެ.

އެ ތަކެތި ވަރަށް އަވަހަށް ރަށްރަށަށް ފޮނުވަން ފަށާނެ ކަމަށްވެސް ވަނީ ބުނެފައެވެ. މި ފަހަރު އެމްބިއުލާންސް ފޮނުވަން ނިންމާފައިވަނީ ކޮން ރަށްރަށަކަށް ކަމެއް އަދި ހާމައެއް ނުކުރެއެވެ.