ދުނިޔެ

ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ލަންކާގައި ގާނޫނެއް ހަދަނީ

ގާނޫނު ހަދާ މަޖިލީހަށް ހޮވޭއިރު އެ މެންބަރަކު ހުންނެވި ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނެއް ހަދަން ސްރީ ލަންކާ ސަރުކާރުން ނިންމައިފި އެވެ.

މިގޮތަށް ނިންމާފައި ވަނީ ޕާޓީ ބަދަލު ކުރުމުން މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނެއް ހަދަން ސަރުކާރުން ބޭނުންވާތީ އެކަމުގައި ސަރުކާރަށް ލަފާ ދިނުމަށް އުފައްދާފައިވާ، 11 މެންބަރުންގެ މައްޗަށް އެކުލެވޭ ނެޝަނަލް އެގެޒެކަޓިވް ކައުންސިލް (އެންއީސީ) އިން ނެވެ.

މީގެ އިތުރުން މި ކޮމިޓީން ވަނީ ލަންކާގެ އިތުރުން އެހެން ގައުމެއްގައި ރަށްވެހިކަން އޮންނަ މީހުންނަށް، ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުން މަނާ ކުރުމާ މެދު ވެސް މަޝްވަރާކޮށްފައި ކަމަށް ލަންކާގެ ގައުމީ ނޫސް "ޑެއިލީ ނިއުސް" ގައި ބުނެފައިވެ އެވެ.

އެންއީސީން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި، ލަންކާގެ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައާފައިވާ ކަންކަމާ މެދު ވެސް މަޝްވަރާކޮށްފައިވާ ކަމަށް ނޫހުގައި ބުނެފައިވެ އެވެ.