ދުނިޔެ

ޓައިވާނަށް 100 މިލިއަން ޑޮލަރުގެ އަސްކަރީ ޑީލެއް

ޓައިވާންގެ ޕެޓްރިއޮޓް މިސައިލް ސިސްޓަމް ފެންވަރު މަތި ކުރަން 100 މިލިއަން ޑޮލަރުގެ ޑީލަކަށް އެމެރިކާ އޯކޭ ދީފި އެވެ.

މި އެއްބަސްވުމުގެ ދަށުން ޓައިވާނަށް 100 މިލިއަން ޑޮލަރުގެ އަސްކަރީ އާލާތްތައް އެމެރިކާ ވިއްކާނެ އެވެ. މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ ޓައިވާންގައި މިހާރު ހުރި ޕެޓްރިއޮޓް މިސައިލް ސިސްޓަމް ބާރުގަދަ ކުރަން އެމެރިކާ އެހީތެރި ވާނެ ކަމަށެވެ.

އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކައި އަސްކަރީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދު ކުރަން ކުރާ މަސައްކަތަކީ އަޑި ނޭނގޭ ނުރައްކާތެރި މަސައްކަތެކެވެ. އެމެރިކާގެ މައިގަނޑު އަސާސަކީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއާ ވާދަ ކުރަން ކެރޭ ފެންވަރުގެ އަސްކަރީ ބާރުވެރި ކަމެއް އުފެއްދުމެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ޓަައިވާން ބާރުވެރި ކުރަން ބުރަ މަސައްކަތްތަކެއް ކުރައްވާތީ ފެނެ އެވެ.

ޖޯ ބައިޑަންގެ ޒައާމަތުގައި މިއީ ޓައިވާނަށް އަސްކަރީ ގޮތުން މިހާ ބޮޑު އަދަދަކަށް އެހީތެރި ވެދޭ ދެވަނަ ފަހަރެވެ.

ޓައިވާނަށް ހަތިޔާރު ވިއްކައި ބާރު ގަދަ ކުރުވުމަކީ ޗައިނާ ވަރަށް ދެކޮޅު ކަމެކެވެ. ޗައިނާ ބުނާ ގޮތުން ޓައިވާނަކީ ވަކި ސަރުކާރަކުން ހިންގާ ސިޓީއެކެވެ. އެހެން ނަމަވެސް އެއީ ޗައިނާގެ ބައެކެވެ.

ޗައިނާ ބުނާ ގޮތުން ދުރު ނޫން މުސްތަގުބަލެއްގައި ޗައިނާގެ ބާރުގެ ދަށަށް ޓައިވާން ގެންދާނެ އެވެ. އަދި އެކަން ކުރަން ބޭނުން ވަނީ ލޭއޮހޮރުވުމެއް ނެތި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް ޗައިނާގެ މިބުނުން ޓައިވާން ގަބޫލެއް ނުކުރެ އެވެ. ޓައިވާން ދެކޭ ގޮތުގައި އެއީ މިނިވަން ވަކި ދައުލަތެކެވެ. މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމަށް އެމެރިކާ މެދުވެރިކޮށް ޓައިވާނުން މަސައްކަތްކުރާތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ.

ޓައިވާނަކީ މިނިވަން ވަކި ދައުލަތެއް ގޮތުގައި އދ. ވެސް ނުދެކެ އެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކުން އަދި ވެސް ބަލަނީ އެއީ ޗައިނާއިން ބާރު ހިންގާ އަދި ޗައިނާގެ ބައެއް ގޮތުގަ އެވެ.