ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރިކަމަށް ބުނެ ގިނަ އަދަދެއްގެ ދޫނި ތަކެއް މަރާލި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޮވާލައްވައިފި އެވެ.
މަޖިލީހުގެ މެމްބަރުން މިފަދައިން ގޮވާލެއްވީ ސަރުކާރުގެ ފަރާތުން، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހަޅުއްވާފައިވާ، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރިކުރުމުގެ ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގެ ތެރެއިން އެވެ.
އެ ދޫނިތައް ދޫނިތައް ރާއްޖެ އެތެރެ ކޮށްފައި ވަނީ އެ މަސައްކަތް ކުރާ ޕެޓްމާސް ކިޔާ ކުންފުންޏަކުންނެވެ. ދޫނިތައް ނައްތާލާފައިވަނީ އެއާޕޯޓުން ދޫނިތައް ހިފަހައްޓާފައިވާ މައްސަލަ ސިވިލް ކޯޓާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. ޕެޓްމާސްއިން ބުނާ ގޮތުގައި އެ ދޫނިތައް އެތެރެކުރިއިރު އެއީ ރާއްޖެއަށް އެތެރެކުރުން ހުއްދަ ދޫނި ތަކެއް ނޫނެވެ. ނަމަވެސް ފަހުން ގަވައިދަށް ގެނައި ބަދަލަކުުން އެ ދޫނިތައް އެތެރެކުރަން ހުއްދަ އޮތް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މިއަދު މަޖިލީހުގައި މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރާއީ ވިދާޅުވި ދޫނިތައް މަރާލުމަކީ ރާއްޖޭގެ މޫނުމައްޗަށް ލިބުނު ހުތުރެއް ކަމަށެވެ.
ރާއީ ވިދާޅުވީ ރާއްޖެއަށް އެކި މޫސުމުގައި ހިޖުރަކުރާ ދޫނިތައް ހިމާޔަތްކޮށް އެ ދޫނިތަކަށް ގޯނާ ނުކުރުމަށް އިދާރާތަކުން ގޮވާލަމުންދާ އިރު ދޫނިތައް މަރާލުމުން ކުރިން ދައްކަމުންއައި ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށެވެ.
އެހެންކަމުން މިކަން ހިނގައިދިޔަ ގޮތް ބަލައި ކަމާ ބެހޭ މިނިސްޓްރީން ރިޕޯޓެއް ތައްޔަރުކުރަން އޭނާ ގޮވާލެއްވި އެވެ.
ރާއީ ތުހުމަތުކުރައްވާ ގޮތުގައި ދޫނިފަދަ ދިރޭ ތަކެތީގެ ބާވަތްތައް ރާއްޖެއަށް އެތެެރެކުރުމާ ބެހޭ ގަވައިދުތައް ހެދިފައި ހުރި އިރު ވެސް އެފަދަ ޕޮލިސީތައް ހަދަން ތިބޭ ބޭފުޅުންގެ މަސްލަހަތު މިފަދަ ވިޔަފާރިތަކުގައި ޝާމިލުވެ އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވެސް ވަނި ދޫނިތައް މަރާލުމާ ދެކޮޅަން ނުކުންނަވައިފަ އެވެ.
އޭނާ ވިދާޅުވީ ދޫނިތައް މަރާލުމަކ ސީރިއަސް މައްސަލައެއް ކަމަށާއި އަދި އާދައިގެ މައްސަލައެއްގެ ގޮތުގައި ބަލައި ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.
ހަަމަ އެހެންމެ ދިރޭ ތަކެއްޗަށް އޯގާތެރިވުމަކީ ދީން ވެސް ބާރުއަޅާ ކަމަކަށްވާ އިރު ކުއްލިއަކަށް އެހާ ގިނަ ދޫނިތަކެއް މަރާލުމަކި ރައްޔިތުންގެ ހިތުގައި ކަންބޮޑުވުން އުފެދޭނެ ކަމެއް ކަމަށެވެ. އަދި ދޫނިތައް މަރާލުމަށް ސަރުކާރުން ދިން އިރުޝާދުގެ ސަބަބުން ރައްޔިތުންނަށް އިތުރަށް އޮޅުން އަރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ހާއްސަކޮށް މިއަދު ރާއްޖޭގެ ޒުވާނުން މި މައްސަލަ ތިމާވެށީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގާ ކަމަށާއި އަދި މިފަދަ ކަންކަން ހިނގުމުން ސަރުކާރުން މީގެ ކުރިން އެކުލަވާލައިފައިވާ ގާނޫނުތަކާ ގަވައިދުތައް އިތުރަށް ބަލައި މަޖިލީހުން ދިރާސާ ކުރަން ޖެހޭ ކަމަށެވެ.
"އަދި ހަމަ އެއާއެކު އަޅުގަނޑު ގަބޫލުކުރަން މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި މަޖިލީހުންވެސް ބަލަން ޖެހޭ ކަމެއް" އާދަމް ޝަރީފް ވިދާޅުވި އެވެ.