ލައިފްސްޓައިލް

ދޫނީގެ ހިމާޔަތުގައި 2.5 ލައްކަ ހާލި ހަދައިދިން މީހަކަށް ތައުރީފު

ދޫނިތަކަށް ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމުގެ މަގްސަދުގައި މީހަކު އެކަނިމާއެކަނި 2.5 ލައްކަ ދޫނި ހާލި ހަދައިފި އެވެ. "ނެސްޓް މޭން" ގެ ނަމުން މިހާރު މަޝްހޫރުވެފައިވާ ރާކޭޝް ޚަތުރީއަކީ އިންޑިއާގެ ނިއުދިއްލީގެ އަޝޯކް ވިހާރް އޭރިއާގައި ދިރިއުޅޭ މީހެކެވެ.

އޭނާ އަމިއްލައަށް ހާލި ތައްޔާރު ކުރުމުގެ އިތުރުން އެތައް ލައްކަ ދަރިވަރުންނަށާއި އާއްމުންގެ ތެރެއިން ވެސް ގިނަ ބަޔަކަށް ހާލި ހަދާނެ ގޮތް އޭނާ ވަނީ ދަސްކޮށްދީފަ އެވެ. އަދި އޭނާގެ މި ޚިދުމަތުގެ އަގު ވަޒަންކޮށް އެތައް އެވޯޑެއް އެކި ފަރާތްތަކުން އޭނާއަށް މިހާތަނަށް ދީފައި ވެއެވެ.

އިންޑިޔާގެ ނިއުސް އެޖެންސީއަކާ ވާހަކަ ދައްކަމުން ރާކޭޝް ބުނީ ކުޑައިރުއްސުރެ ދޫންޏާއެކު ކުޅެ ވަގުތު ހޭދަކުރަން އޭނާ ބޭނުންވި ކަމަށެވެ. އަދި އެސޮރުމެންނަށް ހާލި ހަދައިދިނުމުގެ މަސައްކަތް ފެށީ އެގޮތަށް ކުޑައިރު ކުޅެން އުޅުމުގެ ތެރޭގައި ކަމަށެވެ.

"އަހަރެންގެ ހަޔާތުގައި މިހާތަނަށް 2.5 ލައްކަ އަށް ވުރެ ގިނަ ހާލި ހަދައިފިން. އަދި އެތައް ލައްކަ ދަރިވަރުންނަކަށް ހާލި ހަދާނެ ގޮތް ދަސްކޮށްދީފިން. އެންމެ ކުރިން މިކަން ފެށުމުން ވަރަށް ގިނަ ބަޔަކު މަލާމާތްކުރި. އެމީހުން ބުނޭ ކިހިނެއްހޭ އަހަރެން ހަދާފައި ހުންނަ ހާލިތަކަށް ދޫނި ވަންނާނީ. ނަމަވެސް ދޫނިތައް އަހަރެން ހަދާ ހާލިތަކަށް ވަދެ އަރާމުގައި ތިބޭތަން ފެނުމުން ކުރިން މަލާމާތްކުރި މީހުން ވެސް އެމީހުންގެ ގޭގޭގައި މިފަދަ ހާލިތައް ބަހައްޓަން ފަށައިފި،" ރާކޭޝް ބުންޏެވެ.

ޕެންޑެމިކް ތެރޭގައި ރާކޭޝް އިންޓަނެޓު މެދުވެރިކޮށް ވެސް މީހުންނަށް ހާލި ހަދާނެ ގޮތް ދަސްކޮށްދިނެވެ. އޭނާ ހާލި ހަދަނީ ޕްލާސްޓިކާއި ވިނަ އަދި ލަކުޑި ކޮޅުކޮޅު ފަދަ ތަކެތިންނެވެ.

ރާކޭޝް ބުނާ ގޮތުގައި މިހާތަނަށް ވަރަށް ފާހަގަކޮށްލެވޭ ފަސް އެވޯޑެއް އޭނާއަށް ލިބިއްޖެ އެވެ. އޭގެ ތެރޭގައި ލިމްކާ ބުކް އޮފް ރެކޯޑް ފޯ މެކްސިމަމް ނަމްބަ އޮފް ހޭންޑްމޭޑް ނެސްޓްސް އެވޯޑާއި އިންޓަނޭޝަނަލް ގްރީން އެޕަލް އެވޯޑު ފަދަ އެވޯޑުތައް ހިމެނެ އެވެ.