ލައިފްސްޓައިލް

ކެރެލާގެ ކޯރެއް ފިޔާތޮށިކުލައިން ޒީނަތްތެރިވެފައި

އިންޑިއާގެ ކެރެލާގެ ކޯރެއް ބަލަން އެ ގައުމަށް ޒިޔާރަތްކުރާ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި އެ ގައުމުގެ މީހުން ދާން ފަށައިފި އެވެ. މި ކޯރު ބެލުމުގެ ޝައުގުވެރިކަން އެންމެންގެ ހިތުގައި އުފެދިފައިވަނީ ކޯރުގެ ކުލަ ރީތި ފިޔާތޮށިކުލައަކަށް ބަދަލުވެފައިވާތީ އެވެ. މިއީ ކޯރުގައި ހުރި ފެންގަނޑަށް ފިޔާތޮށިކުލަ އަރައިގެން ދިމާވެގެން އުޅޭކަމެއް ނޫނެވެ. އެ ކޯރުގައި ހެދޭ ފޯކްޑް ފެންވޯޓް ފްލާވާ ކިޔާ މަލުގެ ފިޔާތޮށިކުލައިން މުޅި ކޯރު ޖަރީ ވެފައި ވާތީ އެވެ.

އާންމު މީހުން އެހާ ގިނައިން ގޮސް ނޫޅޭ ކޮޒިކޮޑޭގެ އަވާލާ ޕަންޑީ ކިޔާ ރަށެއްގައި އޮންނަ މި ކޯރުގައި މި ވައްތަރުގެ އެތައް މިލިއަން މަލެއް މިހާރު ފޮޅުވިފައި އެބަހުއްޓެވެ.

ލޮޓަސް މާ ގޮތަށް ފެންގަނޑުގައި ހެދޭ މި ފިޔާތޮށިކުލައިގެ މަލަކީ ކަބޮމްބާ ފުރުސާޓާ އާއިލާއަށް ނިސްބަތްވާ މަލެކެވެ. އެ އަވަށުގެ މީހުން އެ މަލަށް ކިޔަނީ "މުއްލަން ޕާޔަލް" އެވެ.

މިހާރު ސޯޝަލް މީޑިއާގައި މި ކޯރުގެ ފޮޓޯތައް ދައުރުވެ ގިނަ އަދަދެއްގެ ބަޔަކު މި ކޯރު ބަލާލަން ކޯރު ކައިރިއަށް ކޮންމެ ދުވަހަކުވެސް އާދެ އެވެ.

މި މާތައް ކޯރުގައި ހެދެން ފެށުނު ގޮތެއް އެކަކަށް ވެސް ނޭނގެ އެވެ. އެ އަވަށުގައި ދިރިއުޅޭ މީހުން ބުނަނީ މާތައް ހެދެން ފެށީ މީގެ އަހަރު ތަކެއް ކުރިން ކަމަށެވެ. ނަމަވެސް އޭރު މާ ފޮޅެނީ ދުރުދުރުގައި މަދު މަދުން ކަމަށެވެ. މިހާ ގިނަ އަދަދެއްގެ މާ ކޯރުގައި ފޮޅުނު މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

މި މާ ކެރެލާގެ އެހެން ބައެއް ރަށްރަށުގެ ކޯރުތަކުގައި ވެސް މިހާޜު ފޮޅިފައިވާކަމަށާއި އެ ކޯރުތައް ކައިރިއަށް ވެސް ގިނަ އަދަދެއްގެ މީހުން އެތަން ބަލަމުންދާ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.

މި ކޯރުތަކުގައި އޮގަސްޓް-ސެޕްޓެމްބަރު މި ދެ މަހު ވަރަށް ގިނައިން ވޯޓާ ލިލީ ފޮޅެ އެވެ. އަދި ހުރިހާ މާތައް ފޮޅިފައި ހުންނައިރު ރީތިކަމުން ގިނަ ބަޔަކު އެ ދެ މަހު އެ ކޯރުތައް ބަލަން ގޮސް އުޅެ އެވެ.