ލައިފްސްޓައިލް

އެކަނިމާއެކަނި 450 ކިލޯގެ މަހެއް ބާނައިފި

ބޯޓެއްގައި ގޮސް ބޮޑު ސިންގާ މަހެއް ބޭނުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހާ ބޮޑު މަހެއް ބާނަން ހަށިގަނޑުގެ ބާރު ވަރަށް ގަދަވާން ޖެހޭނެ އެވެ. އަދި މަސް ބޭނުމުގެ ޓެކްނިކާއި ޕްރެކްޓިސް ވެސް ބޭނުންވާނެ އެވެ. މަސްވެރިން ކުރާ މަސައްކަތަކީ ފަސޭހަ މަސައްކަތެއްކަމަށް ހީވާނަމަ އެއީ ކުށް ހީއެކެވެ. އެއީ ވަރަށް ބުރަ އެހާމެ ހުނަރު ބޭނުންވާ މަސައްކަތެކެވެ. ދޮއްޓަކުން ފަހަރަކު މަހެއް ބާނައި ބޯޓަށް ނުވަތަ ދޯންޏަށް ލަމުން ގެންދިޔަޔަސް އެމީހާގެ އިސްކޮޅަށް ވުރެ މާ ބޮޑު މަހެއް ބާނާނަމަ އެކަމެއް ބޭނުންވާ ތަފާތު ވައްތަރުގެ އިކްއިޕްމަންޓް ވެސް ބޯޓުގައި ހުންނަން ޖެހެ އެވެ. އަދި އެވަރުން ވެސް މިއީ އެކަކަށް ކުރެވޭ ވަރަށް ވުރެ މާ ބުރަ ކަމެކެވެ.

ނަމަވެސް އެމެރިކާގެ ނިއު ހެމްޕްޝަޔާގެ ހެމްޕްޓަން ބީޗުގައި އުޅޭ މިޝޭލް ބެންކެވިޒް ސިސޭލް ކިޔާ އަންހެނަކު ވަނީ އެކަނި މާއެކަނި 450 ކިލޯ ހުރި ބްލުފިން ޓޫނާއެއް ބާނާފަ އެވެ.

ސިސޭލްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އޭނާ ވަނީ މި މަސް ބޭނުމުގެ މަސައްކަތް ކުރި މަންޒަރުގެ ވީޑިއޯ ވެސް ޝެއާކޮށްފަ އެވެ. މި ވީޑިއޯ ބަލާލުމުން މި މަސް ބާނަން މިޝޭލް ކުރީ ކިހާ ވަރެއްގެ މަސައްކަތެއްކަން ވަރަށް ރަނގަޅަށް ވަނީ ހާމަވެފަ އެވެ.

އެމެރިކާގެ ނޫހަކުން ބުނި ގޮތުގައި ސިސޭލް މަސްވެރިކަން ކުރަން ފެށީ 2015 ގައެވެ. އަދި 2019 ގައި މަސްވެރިކަން ކުރުމުގެ މަސައްކަތް ކުރަން އަމިއްލަ ބޯޓެއް ގަތެވެ. ނަމަވެސް މިފަހަރު އޭނާ މިހާ ބޮޑު މަހެއް މި ބޭނީ އެތައް އަހަރެން ވަންދެން މި މަސައްކަތް ނުކޮށް ހުރުމަށް ފަހުގަ އެވެ.

ސިސޭލް އަކީ އާއްމު ގޮތެއްގައި ވެސް ބޮޑު މަސް ބާނާ ކަމަށް މަޝްހޫރު އަންހެނެކެވެ. އޭނާ އެކަނި މާއެކަނި މިދިޔަ އަހަރު ތެރޭގައި ވެސް 125 ކިލޯގްރާމް ހުރި މަހެއް ބާނާފައި ވެއެވެ. މިއީ އޭނާ އެކަނި ބޮޑު މަސް ބާނަން ފެށިފަހުން ބޭނި ފުރަތަމަ މަހެވެ.

އޭނާ ބުނި ގޮތުގައި މިދިޔަ އަހަރު އޭނާ 600 ކިލޯ އަށް ވުރެ ބަރު މަހެއް ވެސް ބޭނި އެވެ. އަދި އޭނާ ބާނާ ކޮންމެ ބޮޑު މަހަކާއެކު މީހުންގެ ގަދަރާއި އިހްތިރާމް އަދި އެހީތެރިކަން އިތުރު ވެގެންދާ ކަމަށް ސިސޭލް ބުންޏެވެ. އޭނާގެ ބޯޓުގެ ކެޕްޓަނަކީ ވެސް އަދި ފަޅުވެރިއަކީ ވެސް އޭނާ އެކަންޏެވެ.

ނިއު ހެމްޕްޝަޔާ ރޭޑިއޯއަށް ދީފައިވާ އިންޓަވިއު އެއްގައި ސިސޭލް ބުނީ އެކަނި މާއެކަނި އެ މަސައްކަތްކުރަނީ އޭނާއާއެކު އެކަމުގައި ބައިވެރިވާނެ، މަސް ބާނަން ލޯބިކުރާ، ރަނގަޅު އަންހެން ފަޅުވެރިއަކު ނުލިބިގެން ކަމަށެވެ.