ލައިފްސްޓައިލް

ބޮޑުމަހެއްގެ އަނގައިގެ ތެރޭގައި ކުރި ބިރުވެރި ތަޖުރިބާ

ހަމްޕެކް ވޭލް ކިޔާ ޒާތުގެ ބޮޑު މަހެއް ދިރުވާލި އިންސާނެއް އެ ބިރުވެރި ތަޖުރިބާ ކިޔައިދޭން ދުނިޔޭގައި ހުރެދާނެ ކަމަށް ގަބޫލު ކުރާ މީހުން ވަރަށް މަދުވާނެ އެވެ. ނަމަވެސް އެމެރިކާ މީހަކު ދާދިފަހުން ވަނީ މިފަދަ ތަޖުރިބާއެއް ކޮށް އަދި އެ ސޮރުގެ އަނގައިގެ ތެރެއިން ސަލާމަތްވެފަ އެވެ.

އޭނާ ބުނި ގޮތުގައި އެ ބޮޑުމަސް އޭނާ ދިރުވާލުމުން މަރުވަނީ ކަމަށް މުޅިން ގަބޫލު ކުރި އެވެ.

މައިކަލް ޕެކާޑް އަކީ 56 އަހަރުގެ މީހެކެވެ. ޕްރޮވިންސްޓައުންގެ ގޮނޑުދޮށާ ތަންކޮޅެއް ދުރުން އޭނާ ބޮޑުމަހުގެ އަނގައިގެ ތެރެއަށް ދަމައިގަން ގޮތް ދާދިފަހުން މައިކަލް ކިޔައިދީފައި ވެއެވެ.

"ޔާރައްބީ. އަހަރެން އޮތީ އެ ބޮޑުމަހުގެ އަނގައިގެ ތެރޭގައި. އެސޮރު އަހަރެން ދިރުވާލަން މަސައްކަތް ކުރަމުންދިޔަ. އަހަރެން ހިތަށް އެރި މި ދެން މަގޭ ދުވަސް ދިޔައިއްޔޭ. އެންމެފަހުން އަހަރެން ދެން މަރުވަނިއްޔޭ މި. މީގެ އަނގައިގެން ތެރެއިން ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނޯންނާނޭ،" މައިކަލް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވެ އެވެ.

މިކަމެއް ހިނގީ ލޮބްސްޓާ ނަގަން މައިކަލް ކަނޑަށް އެރި އުޅުމުގެ ތެރޭގަ އެވެ. ކުއްލިއަކަށް ބޮޑުސިންގާ އެއްޗެއްގައި ޖެހިގަނެވުނު ކަހަލަ އިހްސާސެއްވި އެވެ. ދެން ބޮޑު އަނދިރިގަނޑެއްގެ ތެރެއަށް އޭނާ ދަމައިގަތީ ކަމަށް މައިކަލް ބުންޏެވެ.

މައިކަލް އަކީ ލޮބްސްޓާ ނަގައިގެން އޭގެ ވިޔަފާރިކުރާ މީހެކެވެ. ކޭޕް ކޮޑް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި މައިކަލް ބުނީ އޭނާއަށް އެ ބިރުވެރި ތަޖުރިބާ ކުރެވުނު ދުވަސް ފެށުނީ އެހެން ދުވަސް ތަކެކޭ ވެސް އެއްގޮތަށް ވަރަށް އާދައިގެ ގޮތަކަށް ކަމަށެވެ.

"އަހަރެން އާދަކޮށް ކޮންމެ ދުވަހަކުވެސް ދަނީ އިރު އަރާ ވަގުތު. އެ ދުވަހު ވެސް އަހަރެން ދެ ފަހަރަށް ޑައިވް ކުރިން. ތިންވަނަ ފަހަރަށް ޑައިވްކޮށް އަޑިއަށް ދަމުން ދަމުން ގޮސް އެންމެ އަޑިއަށް ދެވުނުތަނާ ކުއްލިއަކަށް އެއްޗެއް އަހަރެންގެ ގައިގައި ޖެހިގަތް. ހީވީ ދުއްވާފައި އައި ރޭލެއްގައި ޖެހުނުހެން. ދެން ލޯމައްޗަށް އަނދިރިކަން ވެރިވި،" މައިކަލްގެ އިންޓަވިއުގައި ބުނެފައިވެ އެވެ.

މަހުގެ އަނގައިގެ ތެރޭގައި ދެބައިކުޅަ އެއްބައި ކާލެވިފައިވާ ހާލަތުގައި އޭނާ އޮތްއިރު ވަށައިގެން އޮތީ އަނދިރީގެ ފަރުދާ އެކެވެ. އޭނާގެ ސްކޫބާ ޓޭންކްގެ ރެގިއުލޭޓާގެ އެހީގައި އޭރުވެސް އޭނާ ނޭވާ ލަމުން ދިޔަ އެވެ. މިހާ ބޮޑު އިފްރީތެއް ވަރުގެ އެއްޗެއްގެ ކައިރިން ސަލާމަތްވާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެކަން އެ ވަގުތު މައިކަލް އަށް ޔަގީން ވިއެވެ.

"އަހަރެންނަށް ނޭވާ ލެވޭ. އަހަރެން ހިތަށް އެރި އަހަރެން އެސޮރުގެ އަނގަޔަށް ނޭވާ ބޭރުކުރަމުން ގެންދާނިއްޔޭ އެސޮރަށް ވަޔާހެދި ކެތްނުވާ ވަރު ވަންދެން. މިކުރަނީ މޮޔަކަމެއްކަން އެނގޭއިރުވެސް އަހަރެން އެގޮތަށް ކަންތައް ކުރީ،" މައިކަލް ބުންޏެވެ.

މައިކަލް އަރުވަމުންދިޔަ ބޮކިތަކުގެ ފަހަތުން ބޯޓުގައި ދަތުރުކުރަމުން ދިޔަ ކެޕްޓަން ޖޯ ފްރާންސިސް ބުނި ގޮތުގައި މައިކަލް ކުއްލިއަކަށް އުދުހިގެން އައި ކަހަލަ ގޮތަކަށް ފެންމަތިން އެރިތަން އޭނާއަށް ފެނުނެވެ. އެންމެ ކުރިން އެރީ ފިންސް ލައްވާފައި އޮތް މައިކަލްގެ ދެ ފަޔެވެ. އެރިގޮތަށް ވަރަށް ބާރަށް މޫދުގައި އޭނާ ޖެހުނެވެ.

"އަހަރެން ވަގުތުން ފުންމާލައިގެން ގޮސް އޭނާ ބޯޓަށް އެރުވައި ޓޭންކާ އެއްޗެހި ބާލުވައި އޭނާ ހަމަޔަކަށް އެޅުވޭތޯ މަސައްކަތް ކުރިން. އޭރުވެސް ބޭއިޚްތިޔާރުގައި މައިކަލް އޮވެގެން ކިޔާ 'ޖޯ އޭ އަހަރެން އޮތީ ބޮޑުމަހެއްގެ އަނގައިގެ ތެރޭގައޭ'. ތަކުރާރުކޮށް އޭނާ އެހެން ކިޔަމުން ދިޔަ،" ޖޯ ބުންޏެވެ.

މަހުގެ އަނގައިގެ ތެރޭގައި މައިކަލް 40 ސިކުންތުވަރު އޮތް ކަމަށްވެ އެވެ.