ބޯޓުގައި އެކަނިމާއެކަނި ދަތުރުކުރަނިކޮށް ކަނޑަށް ވެއްޓުނު އެމެރިކާ މީހަކު ސަލާމަތްވުމަށް އެހީތެރިވީ ސީލް އެއް ކަމަށް އެ މީހާ ބުނެފި އެވެ.
ކެލިފޯނިއާގައި ދިރިއުޅޭ މި މީހާ ބުނި ގޮތުގައި އޭނާ ކަނޑަށް ވެއްޓުނީ ނުވިސްނާ ހުރެ ކުރެވުނު ކަމަކުންނެވެ. އޭރު ބޯޓު އޮތީ ގިއަރަށް ލާފައި ކަމުން އޭނާ ކަނޑަށް ވެއްޓުމަށްފަހު ބޯޓު އަތުޖެހޭ ގޮތެއް ނުވި އެވެ.
އެހިސާބުން އޭނާއަށް ދެން ފުރާނަ ހުއްޓާ އެއްގަމަށް ދެވޭނެކަމުގެ އުއްމީދު ކެނޑިފައި ވަނިކޮށް އޭނާއަށް އެހީތެރިވީ ވަރަށް ރައްޓެހި ސީލް އެއް ކަމަށް ވެސް އެމީހާ ބުންޏެވެ.
ސީލް އައިސް އެމީހާގެ ކައިރީގައި އުޅެން ފެށުމުން ފަތާފައި އެއްގަމަށް ދިއުމަށް މަސައްކަތްކުރުމުގެ ހިތްވަރު ލިބުނުކަމަށް މި މީހާ ބުނެފައި ވެއެވެ.
ސްކޮޓް ތޯމަސް އަކީ މަސްވެރިކަން ކުރާ މީހެއްގެ އިތުރުން މޮޅު ޑްރައިވަރެއް ވެސް މެއެވެ. މިދިޔަ މަހުގެ ދުވަހަކު ސްކޮޓް އޭނާގެ ބޯޓުގައި ކަނޑުމައްޗަށް ނުކުތުމަށްފަހު ކަނޑު ގަދަވެ މޫސުން ގޯސްވާހެން ހީވުމުން އަނބުރާ އެއްގަމަށް ދާން ގަސްދު ކުރި އެވެ. އޭރު ބޯޓު ހުރީ ސަންޓާ ބާބަރާ ޗެނަލްގަ އެވެ.
ސްކޮޓް ބުނި ގޮތުގައި އެ ވަގުތު އޭނާ ހުރީ ޓީޝާޓަކާއި ކުރު ސޯޓުބުރިއެއް ލައިގެންނެވެ. އެނޫން އެއްވެސް ހެދުމެއް އޭނާގެ އަތަކު ނެތެވެ. އެހެންވެ މޫސުން ގޯސްވެ މާބޮޑަށް ފިނި ނުވަނީސް އަނބުރާ އެއްގަމަށް ދާން އޭނާ ގަސްތުކުރީ އެވެ. އަދި އިރުއޮއްސެން ވެސް އޭރު ވަރަށް ކައިރިވެއްޖެ އެވެ.
ސްކޮޓް ކިޔައިދިން ގޮތުގައި ގޮނޑުދޮށާ ދިމާލަށް އޭނާ ބޯޓު އަނބުރާލިއިރު އޭނާއަށް ހުރެވުނީ ބޯޓުގެ އެއް ފަރާތުގައި ކިރިޔާ ވެއްޓޭ ނުވެއްޓޭ ހިސާބުގަ އެވެ. އަދި އޭނާ ކުޑަކަމުދިއުމަށް ކުޑަކޮށް އެއް ފަރާތަކަށް ޖެހިލިއިރު ބޯޓު ގިޔަރުން ކަނޑާލާކަށް ހަނދާނެއް ނެތެވެ. އެހެންވެ ކުއްލިއަކަށް ރާޅަކާ ބޯޓު ތެޅިގަތް ވަގުތު އޭނާ ބެލެންސް ކަޓައިގެން ކަނޑަށް ވެއްޓުނީ އެވެ.
"އަހަރެން ހިތަށް އެރި މިގޮތަށޭ އަހަރެން މަރުވާން ކަނޑައެޅިފައި އޮތީ. މިއަދު އަހަރެން މަރުވާނޭ،" ކޭއޭބީސީ-ޓީވީއަށް ދިން އިންޓަވިއު އެއްގައި ސްކޮޓް ބުންޏެވެ.
ސްކޮޓް ބުނި ގޮތުގައި އެ ވަގުތު އޭނާއަށް އަންހެނުންނާއި ދަރިންގެ މަތިން ހަނދާންވި އެވެ. ދަރިން ބޮޑެތިވާނީ އޭނާއާ ނުލައޭ ހިތަށް އެރި އެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި އޭނާގެ އެހީތެރިކަން އަންހެނުންނަށް ފޯރުކޮށް ނުދެވޭނެތީ ދެރަވި އެވެ.
"ކުއްލިއަކަށް ލޮނުގަނޑުތެރޭން ބަޑިއެއް ޖެހީމަ އިވޭ ކަހަލަ އަޑެއް އިވުނު. އަހަރެން ހީކުރީ މިޔަރެކޭ،' ސްކޮޓް ބުންޏެވެ.
ސަންޓާ ބާބަރާ ޗެނަލް އަކީ އެކި ކަހަލަ ބޮޑެތި މިޔަރުތައް ގިނައިން އުޅޭ ހިސާބެކެވެ. ނަމަވެސް ސްކޮޓް އަށް ފެނުނީ މިޔަރެއް ނޫނެވެ. މެދުވަރެއްގެ ސީލް އެކެވެ.
"ސީލް އަކީ އާއްމުކޮށް ކަނޑުގެ ވަރަށް އަޑީގައި އުޅޭ އެއްޗެއް. އެކަމަކު އޭތި އައިސް އަހަރެންގެ ފައިގައި ޖެއްސެން ފަށައިފި. މިއޮތީ އިންސާނަކު ހާލުގައި ޖެހިފައޭ. ހިތްވަރުކުރާށޭ އެކުވެރިޔާއޭ އެ ސޮރު ބުނާ ކަހަލަ،" ސްކޮޓް ކިޔައިދިނެވެ.
ސްކޮޓް ބުނި ގޮތުގައި އެ ސީލްއާ ވާހަކަ ދައްކާ ޖޯކު ކިޔައިދީ އޭނާ ހެދި އެވެ. އަދި އެކަމުގެ ސަބަބުން އޭނާ ގަނެފައިވާ ބިރު ކޮންމެވެސް ވަރަކަށް ކެނޑި ހަމަޖެހިލައިގެން ވިސްނާލަން ފުރުސަތު ލިބުނެވެ. އަދި ފަތާފައި ގޮސް އޮއިލް ޕްލެޓްފޯމް އަކަށް އަރަން ހިތްވަރާއި ފަންވަރު ލިބުނެވެ. އެ އޮއިލް ޕްލެޓްފޯމާ ހަމައަށް އޭނާއަށް ދެވުނީ ފަސް ގަޑިއިރު ފަތައިގެންނެވެ.
އެ އޮއިލް ޕްލެޓްފޯމްގައި ތިބި ކުރޫންނަށް ސްކޮޓް ފެނުމާއެކު ނަގައި އޭނާ ހޫނުފެނުން ފެންވަރާލެވޭނެ ގޮތް ހަދައިދީ ކާންދީ ހެދި އެވެ. އަދި ވަގުތުން ހޮސްޕިޓަލަށް ފޮނުވާލި އެވެ.
ގިނައިރު ކަނޑުގައި އޮތުމުން މާބޮޑަށް ހަށިގަނޑު ފިނިވުމުގެ ސަބަބުން އޭރު ސްކޮޓްގެ ހާލަތު ވަނީ ވަރަށް ގޯސްވެފަ އެވެ. ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެއެވެ.