ބޮލީވުޑް

ސަލްމާނަށް މަންމަގެ އުނގަށްވުރެ ހިތްހަމަޖެހޭ ތަނެއް ނެތް

ސަލްމާން ޚާން އަންގާރަ ދުވަހު ވަނީ ވަރަށް ރީތި އަދި މާނަ ފުން ފޮޓޮއެއް އިންސްޓަގްރާމްގައި ޝެއާކޮށްފަ އެވެ. މިއީ އޭނާގެ މަންމަގެ އުނގުގައި ބޯއަޅައިގެން އޮވެ ނަގާފައިވާ ސެލްފީ އެކެވެ. މި ފޮޓޯގެ ކެޕްޝަންގައި އޭނާ ލިޔެފައިވަނީ "މަންމަގެ އުނގު... ސުވަރުގެ" ކަމަށެވެ.

މި ފޮޓޯއަށް ސަލްމާންގެ ފޭނުންގެ ސަޕޯޓާއި ލޯބި ވަރަށް ބޮޑަށް ލިބިފައި ވެއެވެ. އެތައް މިލިއަން ބަޔަކަށް މި ފޮޓޮއަކަށް ލައިކް ދީފައިވާއިރު ކޮމެންޓު ކުރި މީހުން ވެސް އެހާ ގިނަ އެވެ.

ސަލްމާނަކީ ސްކްރީން ރައިޓަރު ސަލީމް ޚާނާއި ސަލްމާގެ ދޮށީ ދަރިފުޅެވެ. ސަލްމާނާއި އޭނާގެ މަންމަގެ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮވެ އެވެ.

އެހެންވެ 1981 ގައި ސަލީމް ދެ ވަނަ ކައިވެންޏެއް ކުރުމުން އެންމެ ރުޅިއައިސްގެން ހިތްހަމަނުޖެހިގެން އުޅުނި ސަލްމާނެވެ. އޭނާގެ މަންމަ ދެރަވެ ހިތާމަ ކުރާތަން ފެންނާތީ އެވެ. ސަލީމް ކައިވެނިކުރީ އެ ދުވަސްވަރުގެ މަޝްހޫރު ބަތަލާ އަދި ނެށުންތެރިޔާ ހެލަން އާ އެވެ.

ކަންދިމާކުރި ގޮތުން ހެލަން ވެގެން ދިޔައީ ސަލްމާ އަށާއި އެ އާއިލާގެ އެންމެންނަށް ވެސް ވަރަށް ރަނގަޅު ހިތްހެޔޮ މީހަކަށެވެ. އަދި އޭނާގެ ރަނގަޅު ކަމުން ސަލްމާ ވެސް ފަހުން ވަނީ ސަލީމްގެ ދެ ވަނަ އަނބީމީހާގެ ގޮތުގައި އޭނާ ގަބޫލުކޮށްފަ އެވެ. އަދި ސަލްމާނާއި އޭނާގެ ކޮއްމެން ވެސް ވަނީ އެ މީހުންގެ ދެ ވަނަ މަންމަގެ ގޮތުގައި ހެލަން ގަބޫލު ކޮށްފަ އެވެ.