ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތާ ގުޅިގެން ފުުލުހުންނާއި ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ އަށް މިއަދު ހާޒިރުކުރަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިިލީހުގެ އިދާރާ އިން ބުނީ ހޯމް މިނިސްޓްރީއާއި ފުލުހުންގެ އިސްވެރިން ހާޒިރުވާން އެންގީ މިއަދު މެންދުރުފަހު 2:30ގައި ބާއްވާ ކޮމިޓީ ބައްދަލުވުމަށް ކަމަށެވެ.
އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ މައްސަލަ ބެލުމަށް މިދިޔަ ޑިސެމްބަރު މަހު ކޮމިޓީ އަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.
ރައީސް ނަޝީދު އިއްޔެ ކޮމިޓީއަށް ވަޑައިގެން ވިދާޅުވީ ވަކި ގައުމެއްގެ ސިޔާސީ ޕާޓީ އަކަށް ނުވަތަ ވަކި ޝަހްސިއްޔަތަކަށް ފާޑު ކިޔުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ދިވެހިންގެ ބަޔަކު ދުރާލައި އިންތިޒާމު ކޮށްގެން ވަކި ގައުމަކާ ދެކޮޅަށް ހަރަކާތްތަކެއް ހިންގުމަކީ އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކެއް ހުންނާނެތީވޭ އިންޑިއާ އައުޓް ހަރަކާތުގެ މައްސަލަ ބަލަންޖެހޭ ކަމަށެވެ. މައްސަލަ ދިރާސާކުރާއިރު އަމަލުކުރަން އޮންނަ އުސޫލުން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވަމުން ނަޝީދު ވިދާޅުވީ ކަމާ ގުޅޭ މާހިރުންނާ ވާހަކަ ދެކެވި އަދި މިފަދަ މައްސަލަތަކުގައި އެހެން ގައުމުތަކުން އަމަލުކޮށްފައިވާ ގޮތް ވެސް ކޮމިޓީން ބަލައިދިނުމަށް އެދޭ ކަމަށެވެ.
އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދަނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބޭ ހިޔާލުފާޅުކުރުމުގެ ހައްގުގެ ދަށުން ކަމަށްވާތީ އެ މައްސަލަ 241 ކޮމިޓީ އަށް ނުބެލޭނެ ކަމަށް ކޮމިޓީގެ ބައެއް މެންބަރުން ވިދާޅުވި އެވެ. ނަމަވެސް މައްސަލަ ބެލުމުގެ ގޮތުން ކޮމިޓީން އިއްޔެ ބޭއްވި ފުރަތަމަ ބައްދަލުވުމުގައި މެންބަރުން މަޝްވަރާކުރުމަށްފަހު ކޮމިޓީގެ އަގުލަބިއްޔަތުން ނިންމީ އެ މައްސަލަ ކޮމިޓީން ބެލުމަށެވެ.
ކޮމިޓީން މައްސަލަ ބެލުމަށް ނިންމުމުން އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ މައްސަލަ ބަލަމުންދާއިރު މައުލޫމާތު ސާފުކުރުމަށް އެމްއެންޑީއެފް، ޕޮލިސް، ޑިފެންސް މިނިސްޓްރީ، ފޮރިން މިނިސްޓްރީ، ހޯމް މިނިސްޓްރީ އަދި މަޖިލީހުގެ ފޮރިން ރިލޭޝަންސް ކޮމިޓީ ހާޒިރުކުރުމަށް ހުށަހަޅުއްވާފަ އެވެ. އޭގެ އިތުރަށް ކަސްޓަމްސް އާއި އިމިގްރޭޝަން ވެސް ލިސްޓްގައި ހިމަނައިދެއްވުމަށް ކޮމިޓީގެ މުގައްރިރު އެދިވަޑައިގަތުމާ ގުޅިގެން ހުށަހެޅުން އެގޮތަށް ފާސްވީ އެމްޑީޕީގެ މެންބަރުންގެ މެޖޯރިޓީ އޮތް ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.
އިންޑިއާ އައުޓް ހަރަކާތުގެ މައްސަލަ މަޖިލީހުން ބަލަމުންދާއިރު އެ ހަރަކާތް ހުއްޓުވުމަށް އަމާޒުކޮށްގެން ޑްރާފްޓްކޮށްފައިވާ ބިލެއް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ދަނީ މަޝްވަރާ ކުރަމުންނެވެ.