މުހައްމަދު ރާޝިދު

ރާޝިދުގެ ފުރަތަމަ ބަހުސް: ދޫނިމެރުން ކުށްވެރި ކުރެއްވި

ގިނަ އަދަދެއްގެ ދޫނިތަކެއް މަރާލި މައްސަަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް އަލަށް ހޮވިވަޑައިގެންނެވި މެމްބަރު މުހައްމަދު ރާޝިދު ކުށްވެރި ކުރައްވައިފި އެވެ.

ރާޝިދު މިކަން ކުށްވެރިކުރެއްވީ ސަރުކާރުގެ ފަރާތުން، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހަޅުއްވާފައިވާ، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރިކުރުމުގެ ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގެ ތެރެއިންނެވެ.

ދޫނިތައް މަރާލުން ކުށްވެރި ކުރައްވައި ރާޝިދު މިއަދު ވިދާޅުވީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި މަޖިލީހުން ބިލެއް ފާސްކުރުން މުހިންމު ކަމުގައި ވިދާޅުވި އެވެ. އަދި ދިރޭތަކެތި ހިމާޔަތްކުރުމާއި ނައްތާލުމާއި އަދި ދިރޭ ތަކެއްޗާ ގުޅޭގޮތުން ކުރަން ޖެހޭ ބައިވަރު ކަންތައްތައް ފާހަގެވެފައިވާ ކަމަށް ވިދާޅުވި އެވެ.

"އަދި މި ބިލާއެކު އަޅުގަނޑު ގަބޫލުކުރަނީ މިފަދަ ހާލަތްތަކުގައި އަމަލު ކުރާނެ މުހިންމު ގޮތްތައް އެނގި އަދި މިފަދަ ކަންކަމުގައި އަޅުގަނޑުމެންނަށް އަމަލުކުރާަނެ ރަނގަޅު އުސޫލުތަކާއި މެކޭނިޒަމްތައް ގާއިމްކުރެވިގެން ދިއުން" ރާޝިދު ވިދާޅުވި އެވެ.

ރާޝިދު ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އޭނާ އަށް ތާއީދުކޮށް ވޯޓު ދިން ހުރިހާ ފަރާތްތަކަކަށް ޝުކުރު ވެސް އަދާކުރައްވާފަ އެވެ.

ރާޝިދުގެ އިތުރުން މަޖިލީހުގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ ދޫނިތައް މަރާލި މަރާލުން ކުށްވެރިކުރައްވައިފަ އެވެ.

މަރާލި ދޫނިތައް ރާއްޖެ އެތެރެ ކޮށްފައި ވަނީ ޕެޓްމާސް ކިޔާ ކުންފުންޏަކުންނެވެ. ދޫނިތައް ނައްތާލާފައިވަނީ އެއާޕޯޓުން ދޫނިތައް ހިފަހައްޓާފައިވާ މައްސަލަ ސިވިލް ކޯޓާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.

ޕެޓްމާސްއިން ބުނާ ގޮތުގައި އެ ދޫނިތައް އެތެރެކުރިއިރު އެއީ ރާއްޖެއަށް އެތެރެކުރުން ހުއްދަ ދޫނި ތަކެއް ނޫނެވެ. ނަމަވެސް ފަހުން ގަވައިދަށް ގެނައި ބަދަލަކުުން އެ ދޫނިތައް އެތެރެކުރަން ހުއްދަ އޮތް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި މައްސަލައިގައި ފިޝަރީޒް މިނިސްޓްރީ ބުނީ ދޫނިތައް މަރާލީ އެޓާނީ ޖެެނެރަލް އޮފީހުގެ ލަފަޔާއެކު އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. ނަމަވެސް ފާޑު ކިޔުންތައް މާބޮޑަށް އަމާޒުވުމުން އެޓާނީ ޖެނެރަލް އޮފީހުން ބުނީ ދޫނިތައް މަރާލުމުގެ ބަދަލުގައި އަނބުރާ ފޮނުވާލުމުގެ ފުރުސަތު އޮތް ކަމަށާއި އެގޮތަށް ފިޝަރީޒް މިނިސްޓްރީން އަމަލު ނުކުރި ކަމަށެވެ.

ދޫނިތައް މަރާލި މައްސަލަ ހޫނުވެފައިވާ އިރު މިކަމާ ދެކޮޅަށް އިހުތިޖާޖުކުރަން ވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަދި މިކަން ހިނގައި ދިޔަ ގޮތް ބަލަން ރައީސް ސޯލިހު ވެސް ވަނީ އަންގަވައިފަ އެވެ.