ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ޑިސެލިނޭޝަން ޕްލާންޓްތަކާއި އެކަމާ ގުޅޭ ސާމާނުތައް ރާއްޖެ ގެނެސްފި އެެވެ.
ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ ލޮނު ފެން މީރުފެނަށް ބަދަލުކުރާ މައިކްރޯގްރިޑް ޕްލާންޓްތައް ރާއްޖެ ގެނައީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
ޗައިނާ އިން ހަދިޔާކުރި ތަކެތި ދިނުމަށް ނިންމާފައިވަނީ ރ. އަލިފުށި، ޅ. އޮޅުވެލިފުށި އަދި ކ. ކާށިދޫ އަށެވެ.
ސާފު ބޯފެން ލިބުމަށް ދަތިވެފައިވާ ރަށްތަކަށް ޗައިނާ އިން ހަދިޔާކުރި ތަކެތީގެ ސަބަބުން ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އެމްބަސީން ބުނެ އެވެ.
ޗައިނާ ސަރުކާރުން ހަދިޔާކުރި ޑިސެލިނޭޝަން ޕްލާންޓްތަކަކީ ރާއްޖެ އަށް ދާދި ފަހުން ޒިޔާރަތް ކުރެއްވި ޗައިނާގެ ފޮރިން މިނިސްޓަރުގެ ދަތުރުފުޅުގައި ހަދިޔާކުރަން ނިންމެވި ސާމާނުގެ ތެރެއިން ބައެކެވެ.
ރާއްޖޭގެ ތަރައްގީ އަށް ޗައިނާ އިން ދަނީ އެކި ދާއިރާތަކުން ތަފާތު އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ކޮވިޑުން އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ވެސް އެ ގައުމުން ބޮޑެތި އެހީތަކެއް ދީފައިވެ އެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަހަރަށް 50 އަހަރު ފުރޭނެ އެވެ.