އިމްރާން އަބްދުﷲ

"އިންޑިއާ އައުޓް" ހަރަކާތުން ސަލާމަތަށް ނުރައްކާވާނެ: އިމްރާން

Feb 9, 2022
1
241 ކޮމިޓީގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިިލިސް
0%
0%
0%

އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް"ގެ ނަމުގައި އަވަށްޓެރި ގައުމަކާ ޖެހިގަތުމަށް ހަރަކާތެއް ކުރިއަށް ގެންދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފާޑު ކިޔައިގެން އިދިކޮޅުން ބޭނުންވި ގޮތަށް އެއްވެސް ކަމެއް ނުކުރެވުމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ބައްދަލުވުމަށް މިއަދު ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

އިމްރާން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ އިދިކޮޅުން ކުރަން ބޭނުންވި ކަންކަން ސަރުކާރުގެ ތެރެއިން ނުކުރެވިގެން އަވަށްޓެރި ގައުމުތަކާ ޖެހިގަނެ ސަރުކާރަށް ދަތިކުރަން ކުރިއަށް ގެންދާ ހަަރަކާތެއް ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އިންޑިއާ އައުޓްގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން އަބަދުވެސް އިސްކަން ދޭނެ ކަމަށެވެ. އަދި އިދިކޮޅު ޕާޓީ ތަކުން ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ހުރި ނަމަ އެކަމާ ދެކޮޅަށް އަޑުއުފުލާ ހިޔާލުފާޅުކުރުމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމުގައި ވިދާޅުވި އެވެ.

އިންޑިއާ އައުޓް ހަރަކާތަށް ނުސީދާކޮށް ޖޯކު ޖައްސަވަމުން އިމްރާން ވިދާޅުވީ އެ ހަރަކާތުގައި "އައުޓް ކުރަން ގޮވާ އެއްޗެއް ސާފު ނުވާ" ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންނާ އަދި މުޅި ރާއްޖެއާ ގުޅިފައިވާ ބައިވަރު ކަންތައްތައް އިންޑިއާއާ އެކު ކުރިއަށް އެބަދޭ،" އެކަންކަމުގެ ތެރެއިން އައުޓްކުރަންވީ އެއްޗެއް ނޭނގޭ ކަމަށް ފާހަގަކުރައްވަމުން އިމްރާން ވިދާޅުވި އެވެ.

241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިިލިސް

މިނިސްޓަރު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ކުރިއަށްދާ ނަމަ ދާހިލީ ސަލާމަތަށް ކުރިމަތިވާނެ ނުރައްކާތަކެއް އެބަހުރި ކަމަށެވެ. އަދި އެ ހަރަކާތް ކުރިއަށްދާ ގޮތުން ރާއްޖޭގައި ތިބި އިންޑިއާގެ އެތައް ބަޔަކަށް ބިރުވެރިކަން ތަހައްމަލް ކުރަންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އިންޑިއާ އައުޓް ހަރަކާތުގައި ކުށްތައް ކޮށްފައިވާ ބަޔަކު ބައިވެރިވެ މުދަލާއި ފުރާނައަށް ގެއްލުން ލިބޭ ފަދަ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުކުރެއްވި އެވެ. އެކަމުގެ ނަތީޖާ އަކީ އިންޑިއާއަށް ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވެދާނެ ކަމުގައި ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ލިބޭ ގެއްލުމެއް ފެންނަން ނެތް ކަމަށެވެ. ތަހުޒީބު ގައުމުތަކުގައިވެސް އެހެން ގައުމުތަކުގެ ސިފައިން ތިބޭ ކަމަށް ފާހަގަކުރައްވަމުން ހަމީދު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ ތިބީ ބޭނުންވާ ބައެއް ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށްވެސް ވިދާޅުވި އެވެ. ހާއްސަކޮށް މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކުގައި އިންޑިއާ ސިފައިންގެ އެހީތެރިކަން ލިބޭ ކަމުގައި ވިދާޅުވި އެވެ.

ސީޕީ ހަމީދު އިތުރަށް ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތް ހިންގަނީ ބަޔަކު ފަންޑް ކޮށްގެން ކަމަށެވެ. އެކަމުގެ އަޑީގައި ތިބި މީހުންނާއި އެ މީހުންގެ މަގުސަދު އެނގޭ ކަމަށް ވިދާޅުވި ނަމަވެސް ތަފްސީލެއް ނުދެއްވަފަ އެވެ.

"[އިންޑިއާ އައުޓް] ހިންގުމުގެ ހަރަކާތުގައ އުޅޭ އިސް ދެ ޕާޓީގެ ބޭފުޅުންނަށް ދަންނަވާފައި ވާނެ ނުރައްކާތެރި ކުށްތަަކަށް އަރައިގަންނަ ފަރާތްތައް މީގެ ތެރެއަށް ވައްދައި ވަކި މަގްސަދުތަކެއް ހާސިލްކުރުމަށް ޖާގަ ނުދެވޭނެ ކަމަށް،" ހަމީދު މިއަދު ވިދާޅުވި އެވެ.

އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދާތީ އެ މައްސަލަަ ބަލަން 241 ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345